އެކްސިޑެންޓްވި ދެމީހުންގެ ހާލު ވެސް ރަނގަޅު: އައިޖީއެމްއެޗް
އެކްސިޑެންޓްވި ދެމީހުންގެ ހާލު ވެސް ރަނގަޅު: އައިޖީއެމްއެޗް

ލ. ކައްދު އާއި ފޮނަދޫއާ ދެމެދު އޮންނަ ކޯޒްވޭގައި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދެމީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ކައްދޫން ފޮނަދޫއަށް ބާރު ސްޕީޑުގައި ދިޔަ ސައިކަލެއް، ކޯޒްވޭގައި ޖަހާފައިހުރި ހޮޅިދަނޑިއެއްގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި ޒަހަމްވީ އުމުރުން 17 އަހަރުގެ ކުއްޖަކާއި އުމުރުން 18 އަހަރުގެ ފިރިހެނަކަށެވެ. މި ދެ މީހުންގެ ހާލު ވެސް ސީރިއަސްކަމަށް ރޭ އެމީހުން ބެލި ޑޮކްޓަރުންނާ ހަވާލާދީ ގަން ރީޖަނަލް ހޮސްޕިޓަލުން ބުންޏެވެ. އެހެންވެ އިތުރު ފަރުވާއަށް ރޭ ވަނީ މާލެ ގެނެސްފަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު ހަބީބު ވިދާޅުވީ ޒަހަމްވި ދެމީހުންނަށް ނުރައްކާވާވަރުގެ އަނިޔާއެއް ނުވާ ކަމަށާއި ވޯޑުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން ކުރިން ބުނީ ޒަހަމްވި އެކެއްގެ މޫނާއި ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު އަނގައިގެ އެތެރެއިން ވެސް ވަރަށް ބޮޑަށް ލޭ އަންނަ ކަމަށެވެ. އަނެއް މީހާގެ ބޮލަށް ވެސް އެކި ޒަހަމްތައް ލިބިފައިވާއިރު އެތެރެހަށިން ލޭ އަންނަކަން ފާހަގަކުރެވޭ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.