10 ޖުލައި 2018 - 14:16

މަރާމާތަށް ފަހު ނ. ކުޑަފުނަފަރު، "ނޮކޫ މޯލްޑިވްސް"ގެ ނަމުގައި އަންނަ މަހު އެއްވަނަ ދުވަހު އަލުން ހުޅުވަން ނިންމައިފި އެވެ.
ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ތްރީއޭ ޓްރޭޑިން ކޮމްޕެނީ "ޒިތާލީ"ގެ ނަމުގައި ހިންގި ރަށް ސިންގަޕޫރުގެ ރޮޒީ ފެސިފިކް އިން ގަނެ، އެ ކުންފުނީގެ އެންމެ މަތީ ބްރޭންޑާއެކު ރިސޯޓް އަލުން ހުޅުވަނީ އެތަނުގެ ކޮޓަރިތަކާއި ރެސްޓޯރަންޓް އަދި އެނޫން ވެސް ތަންތަނަށް ވަރަށް ބޮޑެތި ބަދަލުތައް ގެނައުމަށްފަހު އެވެ.
ނޮކޫ ބްރޭންޑްގެ ތިން ހޮޓަލެއް ވެސް މިހާރު ވެސް ހުރެ އެވެ. އެއީ ޖަޕާނުގެ ކިޔޯޓޯ އާއި އޮސާކާ އަދި ތައިލެންޑްގެ ޕުކެޓްގަ އެވެ. އޭގެ އިތުރުން ސިންގަޕޫރުގައި ހުންނަ ގްރޭންޑް މާކިއޯ ހޮޓެލް ވެސް ހިންގަނީ އެ ކުންފުނިންނެވެ.
ރޮޒީ ޕެސިފިކް އިން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓުގައި ތަފާތު 50 ވިލާ ހިމެނެ އެވެ. އޭގެ ތެރޭގައި 30 ވޯޓާ ވިލާ އާއި 20 އެއްގަމު ވިލާ ހިމެނެ އެވެ. އެ ރިސޯޓު އަލުން ހުޅުވާއިރު ކެއިން ބުއިމުގެ ހިދުމަތް ދޭ ހަތަރު ތަނާއި ސްޕާއަކާއި މޫދާ ކުރިމަތިވާ ގޮތަށް އިންފިނިޓީ ޕޫލެއް ވެސް އޮވެ އެވެ. އަދި އެންމެ ޒަމާނީ ފެންވަރުގެ ޑައިވިން ސެންޓަރާއި ފިޓްނަސް ސެންޓަރެއްގެ އިތުރުން އެންމެ ބޮޑު ސައިޒުގެ ޓެނިސް ކޯޓަކާއި ފެންވަރު ރަނގަޅު ފިހާރައެއް ވެސް ހުރެ އެވެ.
މާލެއިން ފުރައިގެން ސީޕްލޭންގައި 45 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ކުޑަފުނަރު ރޮޒީ ޕެސިފިކުން ގަނެފައި ވަނީ 2016 ވަނަ އަހަރު އެވެ.