10 ޖުލައި 2018 - 12:43

އަންކަރާ (ޖުލައި 10) - ފަސް އަހަރުގެ އާ ދައުރަކަށް ހުވާ ކުރެއްވުމަށް ފަހު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އެކުލަވާލެއްވި އާ ކެބިނެޓުގައި ފިނޭންސް މިނިސްޓަރުގެ މަގާމަށް ދަނބިދަރިކަލުން ބީރާތު އަލްބައިރަކް ހަމަޖައްސަވައިފި އެވެ.

އަލްބައިރަކް ގެންދަވަނީ 2015 ވަނަ އަހަރުން ފެށިގެން އެނާޖީ މިނިސްޓަރުގެ މަގާމު އަދާކުރައްވަމުންނެވެ.

ތުރުކީގައި މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބު އުރުދުޣާން ކާމިޔާބު ކުރެއްވީ 53 ޕަސެންޓުންނެވެ. އުރުދުޣާން ވެރިކަމަށް ވަޑައިގެންނެވީ އިދިކޮޅު ފަރާތްތައް ވަރަށް ބޮޑަށް ފިއްތުމަށް ފަހު އެވެ.
އުރުދުޣާންގެ އާ ދައުރުގައި އޭނާ އަށް ބޮޑެތި ބާރުތަކެއް ލިބިވަޑައިގަންނަވާނެ އެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ އެގްޒެކެޓިވް ރައީސްގެ މަގާމަށް އުރުދުޣާން އިންތިޚާބުވުމާ ގުޅިގެން ތުރުކީގެ ޑިމޮކްރެސީ ނެތިގެންދާނެ ކަމަށެވެ. ތުރުކީގެ ވެރިކަމުގެ ނިޒާމަށް ގެނައި ބަދަލާ އެކު މި ޒަމާނުގެ ތުރުކީ އުފެދުނު ފަހުން ގާއިމްވެފައި އޮތް ޕާލަމެންޓްރީ ނިޒާމް އުވިދިޔައީ އެވެ. ތުރުކީގެ ސެކިއުލާ ފައުންޑިން ލީޑަރު އަތާތުރްކަށް ފަހު އެ ގައުމުގެ އެންމެ ބާރުގަދަ ލީޑަރަކަށް ދެންވާނީ އުރުދުޣާން އެވެ.
މިދިޔަ އަހަރުގެ އެޕްރީލް މަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ 51 ޕަސެންޓާ އެކު ގާނޫނު އަސާސީ އަށް ގެނައި އިސްލާހުތަކުން ރައީސް އަށް ލިބިދޭ ބާރުގެ ތެރޭގައި ނައިބް ރައީސް އާއި ވަޒީރުންނާއި ސަރުކާރުގެ ސީނިއާ އޮފިޝަލުންނާއި ފަނޑިޔާރުން އައްޔަން ކުރުމުގެ ބާރު ހިމެނެ އެވެ. އަދި ޕާލަމެންޓް އުވާލުމާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ވެސް ރައީސް އަށް ލިބޭނެ އެވެ. މީގެ އިތުރުން ބޮޑު ވަޒީރުގެ މަގާމު އުވާލާނެ އެވެ.
ތުރުކީގެ ރައީސް ކަމަށް 2014 ވަނަ އަހަރު ވަޑައިގަތުމުގެ ކުރިން އުރުދުޣާން ވަނީ އެ ގައުމުގެ ބޮޑު ވަޒީރުކަން 11 އަހަރު ކުރައްވައިފަ އެވެ. ގާނޫނު އަސާސީ އަށް ގެނައި އިސްލާހުގެ ދަށުން ތިން ވަނަ ދައުރަކަށް ވެސް އުރުދުޣާން އަށް ކުރިމަތިލެއްވޭނެ އެވެ. އެހެންވެ ދެ ވަނަ ދައުރު 2023 ގައި ހަމަވުމުން ފުރުސަތު ހޯއްދަވައި 2028 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުރުމުގެ ޖާގަ އުރުދުޣާން އަށް މިވަނީ ތަނަސްވެފަ އެވެ.
އުރުދުޣާން ވިދާޅުވީ އާ ދައުރުގައި ލިބިވަޑައިގަންނަވާ އާ ބާރުތަކާ އެކު ތަރައްގީގެ އާ އުސްމިންތަކަކަށް ގައުމު ގެންދާނެ ކަމަށެވެ.
"ހުރިހާ ދާއިރާއަކުން ތުރުކީ އަށް ދެން ކުރިއެރުން ލިބިގެންދާނެ. އޭގެ ތެރޭގައި ޑިމޮކްރެސީ، އަސާސީ ހައްގުތައް، ޚިޔާލު ފާޅުކުރުމުގެ މިނިވަން، އިގްތިސާދީ ދާއިރާ ހިމެނޭ،" އަންކަރާގެ ރިޔާސީ ގަނޑުވަރުގައި ދެއްވި ތަގްރީރުގައި އުރުދުޣާން ވިދާޅުވި އެވެ.