10 ޖުލައި 2018 - 11:42

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އައްޑޫ ސިޓީގައި ބާއްވާ "ރަން އިން އައްޑޫ" އޮގަސްޓް 11 ވަނަ ދުވަހު ބާއްވަން ތައްޔާރުވެ، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ފަސް ކިލޯމީޓަރު، 10 ކިލޯމީޓަރު، ހާފް މެރެތަން އަދި މެރެތަން ރޭސްތައް ހިމެނޭ "ރަން އިން އައްޑޫ" ގައި ގޯޓުރޭސް ޑޮޓް ކޮމް އިން އޮންލައިންކޮށް ބައިވެރިވެވޭނެ އެވެ. އަދި މެނުއަލީ ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ސ. ހިތަދޫގައި ހުންނަ ފަލަކް ސްޕޯޓްސް އަށް ދިއުމުން ފޯމް ލިބެން ހުންނާނެ އެވެ.
ރޭހުގައި ބައިވެރިވުމުގެ ފުރުސަތު އޮގަސްޓް 1 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު މިހާތަނަށް ވެސް 100 އާ ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވެފައިވާ ކަމަށް ޓީއެފްޖީން ބުނެ އެވެ.
ކުރިއާ ހިލާފަށް މި ފަހަރު ހުރިހާ އިވެންޓެއްގެ ސްޓާޓް ޕޮއިންޓާއި ފިނިޝިން ޕޮއިންޓް ގާއިމްކުރަން ހަމަޖެހިފައިވަނީ ހިތަދޫގައި ހުންނަ ސިޓީ ކައުންސިލް އިދާރާ ކުރިމަތިންނެވެ. މެރެތަން (42 ކިލޯމީޓަރު) ރޭސް ފަށާނީ މެންދަމު 2 ޖަހާއިރެވެ. ހާފް މެރެތަން (21 ކިލޯމީޓަރު) ރޭސް ފަތިހު 5 ޖަހާއިރު ފަށާއިރު 10 ކިލޯމީޓަރު ރޭސް ފަށާނީ ހެނދުނު 6 ޖަހާއިރެވެ. އަދި ފަހު އިވެންޓް ނުވަތަ ފަސް ކިލޯމީޓަރު ރޭސް ފަށާނީ ހެނދުނު 7 ޖަހާއިރެވެ.
އޭގެ ކުރިން 10 ވަނަ ދުވަހު ހަވީރު އޮންނާނީ ކުޑަކުދިންގެ ދުވުމާއި އުމުރުންދުވަސްވީ މީހުންގެ ހިނގުމެވެ. ރޭހުގެ އެކްސްޕޯ މި ފަހަރު ދެ ދުވަހަށް ދެމިގެންދާނެ އެވެ. އެ ހަރަކާތް އޮންނާނީ އޮގަސްޓް 9 ވަނަ ދުވަހު މެންދުރުފަހު 3 އިން 6 އަށް އަދި 10 ވަނަ ދުވަހު މެންދުރުފަހު 3 އިން ރޭގަނޑު 12 އަށް އައްޑޫ ސިޓީ ކައުންސިލްގަ އެވެ.
މި ފަހަރުގެ އިވެންޓުގެ ހާފް މެރެތަންގައި ރާއްޖޭގެ މަޝްހޫރު ދުވުންތެރިއާ އަހުމަދު ޝަރަފް ދުވާނެ އެވެ. މޮރޮކޯގައި ތަމްރީން ހަދަމުން އަންނަ ޝަރަފް ދުވާނީ އޭނާގެ ޓްރެއިނިން ޕްރޮގްރާމުގެ ތެރޭ ފުރިހަމަ ކުރާ ރޭހެއްގެ ގޮތުގަ އެވެ. ޓީއެފްޖީން ބުނީ އެ ޖިމްގެ އައުޓް ރަން ޕްރޮގްރާމުގެ އެންމެ ފުރަތަމަ ކޯޗު ޝަރަފް މި ރޭހުގައި ދުވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އޭނާ އަކީ ގައުމީ މެރެތަން ރެކޯޑާއި ހާފް މެރެތަން ރެކޯޑް ވެސް މުގުރާލާފައިވާ ދުވުންތެރިއެކެވެ.
ހުޅުމާލޭ ލޯންގް ރަންއެކޭ އެއްގޮތަށް މި ފަހަރު ވެސް ޓައިމިން ބަލާނީ ބިބުގައި ހަރުކުރާ އިލެކްޓްރޯނިޗް ޗިޕް މެދުވެރިކޮށެވެ. ރޭސް ނިންމާ ދުވުންތެރިއަކަށް މެޑަލް ދިނުމަށް ހަމަޖެހިފާއިރު މެރެތަން ފުރިހަމަކުރާ ބައިވެރިންނަށް ފިނިޝާ ޓީޝާޓެއް ލިބޭނެ އެވެ. މީގެ އިތުރުން ވޮލަންޓިއަރުންގެ އަގު ވެސް ވަޒަންކުރާނެ އެވެ. ޓީއެފްޖީން އަންނަނީ ބައިނަލްއަގްވާމީ ދުވުންތެރިންނަށް ވެސް ރޭސް މާކެޓްކުރަމުންނެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ޖިމް ހިންގާ ކުންފުނިން ދުވުމުގެ އިވެންޓްތައް ބާއްވަން ފެށީ 2013 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގަ އެވެ. އެކަމަކު ރަން އިން މޯލްޑިވްސްގެ ނަމުގެ މި އިވެންޓްތައް މިދިޔަ އަހަރު އަތޮޅުތެރެއަށް ފުޅާކުރި އެވެ. އެގޮތުން އައްޑޫ ސިޓީގެ އިތުރުން ލ. އަތޮޅުގައި ވެސް ވަނީ ބާއްވައިފަ އެވެ.