"ހައުސްފުލް 4" ގެ ޝޫޓިން ފަށައިފި
"ހައުސްފުލް 4" ގެ ޝޫޓިން ފަށައިފި

ސާޖިދު ނަދިއަދްވާލާގެ ކާމިޔާބު ކޮމެޑީ ފްރެންޗައިޒް "ހައުސްފުލް" 4 ގެ ޝޫޓިން ފަށައިފި އެވެ.

މި ސީރީޒްގެ ފުރަތަމަ ދެ ފިލްމް ޑައިރެކްޓް ކުރީ މަޝްހޫރު ކޮރިއޮގްރާފަރު/ޑައިރެކްޓަރު ފަރާ ހާންގެ ކޮއްކޮ ސާޖިދު ހާން ކަމަށް ވިޔަސް، 2016 ގައި ރިލީޒް ކުރި ތިން ވަނަ ބައި ލިޔެ ޑައިރެކްޓަ ކުރީ ސްކްރީންރައިޓަރުން/ޑައިރެކްޓަރުން ކަމަށްވާ ސާޖިދު-ފަރްހާދެވެ.

"ހައުސްފުލް" ގެ ކާސްޓަށް ބަލާއިރު އަކްޝޭ ކުމާރާއި ރިތޭޝް ދޭޝްމުކް ފިޔަވައި ކޮންމެ ފިލްމަކާ އެކު ވެސް މީގެ ކާސްޓުން ބަދަލުވެ އެވެ.

އެގޮތުން 2010 ގައި ރިލީޒްކުރި ފުރަތަމަ ބައިގައި ދީޕީކާ ޕަދްކޯނާއި ލާރާ ދައްތާ އަދި 2013 ގައި ދަންޖެހިގެން މަރުބި ޖިއާ ހާން ބަތަލާއިންގެ ރޯލް ކުޅުނު އިރު، 2012 ގައި ރިލީޒްކުރި ދެވަނަ ބައިގެ ބަތަލާއިންނަކީ އާސިން އާއި ޖެކްލިން ފެނަންޑޭޒްގެ އިތުރުން ޒަރީން ހާނާއި ޝަޒާން ޕަދަމްސީ އެވެ.

އަދި ފުރަތަމަ ބައިގައި އަރްޖުން ރާމްޕާލް ވެސް މުހިއްމު ރޯލެއް ކުޅުނު އިރު ދެވަނަ ބައިގައި އޭނާގެ ބަދަލުގައި ފެނުނީ ޖޯން އަބްރަހަމް އާއި ޝްރެޔާސް ތަލްޕަޅޭ އެވެ.

"ހައުސްފުލް 3" ގެ މައިގަނޑު ކާސްޓުންނަކީ އަކްޝޭ އާއި ރިތޭޝްގެ އިތުރުން އަބީޝެކް ބައްޗަން އެވެ. އެ ފިލްމްގެ ބަތަލާއިންނަކީ ނަރްގިސް އާއި ޖެކްލީންގެ އިތުރުން ލީޒާ ހޭޑްން އެވެ.

"ހައުސްފުލް 4" ގެ ކާސްޓާ ގުޅުނު ތަރިންގެ ތެރޭގައި ބޮބީ ޑިއޯލް، ކިރިތީ ސެނަން އަދި ކިރިތީ ކަރްބަންދާ ހިމެނެ އެވެ. ފިލްމްގެ ޝޫޓިން ފެށި ނަމަވެސް، އަދިވެސް މި ފިލްމްގެ ކާސްޓާ އިތުރު ތަރިންތަކެއް ގުޅޭނެ ކަމަށް ބެލެވެ އެވެ.

ފިލްމް ރިލީޒް ކުރަން ނިންމާފައި ވަނީ އޮކްޓޯބަރު، 26، 2019 ގަ އެވެ. މިއީ 2014 ގައި ރިލީޒް ކުރި ފްލޮޕް ފިލްމް "ހަމްޝަކަލްސް" އަށް ފަހު ސާޖިދު ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ.