ބާކީ ތިބި ފަސް މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ފަށައިފި
ބާކީ ތިބި ފަސް މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ފަށައިފި

ބެންކޮކް (ޖުލައި 10) - ތައިލެންޑުގެ ހޮހަޅައިގެ ތެރޭގައި ބާކީ ތިބި ހަތަރު ކުދިންނާއި ކޯޗު ސަލާމަތް ކުރުމުގެ އޮޕަރޭޝަން މިއަދު ހެނދުނު ތައިލެންޑް ގަޑިން 10:08 ގައި ފަށާފައިވާ ކަމަށް އޮޕަރޭޝަން ކޮމާންޑަރު ނަރޮންގްސަކް އޮސޮތަނަކޯން ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޑައިވަރުންގެ ޓީމުގެ 19 މީހުން ހޮހަޅަ އަށް މިއަދު ފީނާފައިވާ ކަމަށެވެ. ހަތަރު ކުދިންނާއި ކޯޗާ އެކު ހޮހަޅައިގައި ތިބި ނޭވީ ސީލްގެ ތިން ޑައިވަރުންނާއި ޑޮކްޓަރު ވެސް މިއަދު ހޮހަޅައިން ނުކުންނާ އެވެ. ބާރަ ކުދިންނާއި ކޯޗު މި މަހު 2 ވަނަ ދުވަހު ފެނުނު ފަހުން ޑޮކްޓަރަކާއި ނޭވީ ސީލްގެ ތިން ޑައިވަރުން އެ ކުދިން ކައިރީ އަބަދުވެސް ތިބެ އެވެ.

"ހަތަރު ކުުދިންނާއި ކޯޗު އަދި ނޭވީ ސީލްގެ ތިން ޑައިވަރުންނާއި ޑޮކްޓަރު ހޮހަޅައިން މިއަދު ނެރެވޭނެ،" ނަރޮންގްސަކް ވިދާޅުވި އެވެ.

ހޮހަޅައިގައި ތިބި އެންމެ ފަހު ގްރޫޕުގެ ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ކުރިއަށްދާ އިރު ތައިލެންޑުގެ މައެ ސައި އަށް މިއަދު ދާނީ ބޯކޮށް ވާރޭ ވެހެމުންނެވެ. ތަޖްރިކާރުން ބުނާ ގޮތުގައި މިއީ ތަމް ލުއާން ހޮހަޅައިން ކުދިން ނެރުމުގެ އޮޕަރޭޝަނަށް ކުރިމަތިވާނެ ހުރަހެކެވެ.

ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި ތައިލެންޑުގެ 40 ޑައިވަރުންނާއި ބޭރުގެ 50 ޑައިވަރުން ހަރަކާތްތެރިވާ ކަމަށް ކޮމާންޑަރު ވަނީ ވިދާޅުވެފަ އެވެ.