10 ޖުލައި 2018 - 11:48

ބެންކޮކް (ޖުލައި 10) - ތައިލެންޑުގެ ހޮހަޅައިގައި ތާށިވެފައި ތިބި ކުދިންގެ ތެރޭން މިހާތަނަށް ސަލާމަތް ކުރި އަށް ކުދިން ތިބީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ފުރިހަމަ ސިއްހަތެއްގައި ކަމަށް އޮފިޝަލުން ބުނެފި އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ޗިއާން ރާއީ ހޮސްޕިޓަލްގެ މެޑިކަލް ސްޓާފުން މިއަދު ބުނީ ހޮހަޅަ އިން ނެރުނު އަށް ކުދިން ނަފްސާނީ ގޮތުން ވެސް ބަލިކަށި ނޫން ކަމަށާއި އެ ކުދިން އާދައިގެ ގޮތަކަށް ވާހަކަ ވެސް ދައްކާ ކަމަށެވެ. އަދި ހުން އައުން ފަދަ ކަމެއް ވެސް ދިމާވެފައި ނުވާ ކަމަށް މެޑިކަލް ޓީމުން ބުންޏެވެ.

ތައިިލެންޑުގެ ހެލްތު މިނިސްޓްރީގެ ޕާމެންޓް ސެކްރެޓަރީ ޑރ. ޖެޑްސަޑާ ޗޮކެޑަމްރޮންގްސޫކް ވިދާޅުވީ ހޮހަޅައިން ނެރުނު ކުދިންގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާތީ އެ ކުދިން ހަފްތާއެއްހާ ދުވަހު ހޮސްޕިޓަލުގައި ތިބޭނެ ކަމަށެވެ. އިންފެކްޝަނެއްގެ އަސަރުކޮށްފައިވާތީ އަށް ކުދިން މިހާރު ތިބީ ޗިއާން ރާއީ ހޮސްޕިޓަލްގެ އަށް ވަނަ ބުރީގައި ކަރަންޓީނު ކޮށްފަ އެވެ.
ޑރ. ޖެޑްސަޑާ ވިދާޅުވީ ހޮހަޅައިން ފުރަތަމަ ނެރުނު ހަތަރު ކުދިންގެ އާއިލާ އަށް އެ ކުދިންނަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ދޭނެ ކަމަށެވެ. އެއީ އިތުރު ޓެސްޓްތައް ހެދުމަށް ފަހު އިންފެކްޝަންގެ ނުރައްކަލެއް ނެތް ނަމަ އެވެ. އޭނާ ވިދާޅުވީ ބެލެނިވެރިންނަށް ވެސް އެ ކުދިންނާ ހަ ފޫޓަށް ވުރެ ކައިރި ނުވެވޭނެ ކަމަށެވެ. އެއީ ވެސް ޕްރޮޓެކްޓިވް ހެދުމުގައި ބިއްލޫރިގަނޑެއްގެ ބޭރުންނެވެ. ދެ ހަފުތާއެއްހާ ދުވަހު ކަނު އަދީރީގައި ތިބެފައިވާތީ އެ ކުދިން ހޮސްޕިޓަލްގައި ތިބެނީ އަވި އައިނު އަޅައިގެންނެވެ.
ޑޮކްޓަރުން ބުނީ ހޮހަޅައިގައި ތިބި ކުދިން ކިސަޑް ފެން ބޮއެފައިވާތީ އެ ކުދިންނަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ ލެޕްޓޯސްޕިރޮސިސް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންވެ ހުރިހާ ކުދިން ވެސް ރަނގަޅަށް މޮނިޓާ ކުރަމުން ގެންދާނެ ކަމަށް ޑޮކްޓަރުން ބުނެފައިވެ އެވެ.
ހޮހަޅައިން ނެރުނު ކުދިންގެ އެކްސް-ރޭ ނަގައި ލޭގެ ޓެސްޓްތައް ވަނީ ހަދައިފަ އެވެ. ބައެއް ކުދިންނަށް ވަނީ ފުއްޕާ މޭގެ އިންފެކްޝަނަށް ފަރުވާ ދީފަ އެވެ.
ބައެއް ކުދިން ހޮސްޕިޓަލަށް ގެންދިޔަ އިރު ހަށިގަނޑުގެ ފިނިހޫނުމިން ވަރަށް ދަށް ކަމަށާއި އެހެންވެ އެ ކުދިންގެ ހާޓް ރޭޓް ވެސް ދަށް ކަމަށް ޑޮކްޓަރުން ބުންޏެވެ. ނަމަވެސް މިހާރު ހުރިހާ ކުދިން ވެސް ނޯމަލް ކަމަށް ބުންޏެވެ.
ސިއްހީ އޮފިޝަލުން ބުނީ ހޮހަޅައިން ނެރުނު ކުދިންނަށް އެންމެ ފުރަތަމަ ދިނީ އިންސްޓެންޓް ކާނާ އާއި އެނާޖީ ޖެލް ކަމަށެވެ. ނަމަވެސް ފަސޭހަ އިން ހަޖަމްވާ ކާނާ މިހާރު ދޭ ކަމަށް ބުންޏެވެ.