31 ޖުލައި 2016 - 12:58

ގަލޮޅު ދަނޑުގައި ބާއްވާ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ޝެޑިއުލަށް ބަދަލު އައުމާ ގުޅިގެން، އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޝެޑިއުލަށް ދެ ވަނަ ފަހަރަށް ބަދަލު ގެނެސްފި އެވެ.
ރޭ ބާއްވަން ހަމަޖެހިފައި އޮތް ހަރަކާތްތައް މޫސުން ގޯސްވުމުގެ ސަބަބުން މިރެއަށް ފަސްކޮށްފައިވާތީ އެފްއޭއެމުން ވަނީ މާދަމާ އާއި އަނެއް ދުވަހު ކުޅެން ހަމަޖެހިފައިވާ ލީގު މެޗުތައް ބުދަ އަދި ބުރާސްފަތި ދުވަހަށް ފަސްކޮށްފަ އެވެ.
މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މާޒިޔާ އާއި ވިކްޓަރީގެ މެޗު ކުޅޭނީ ބުދަ ދުވަހު ހަވީރެވެ. އަދި މާދަމާރެއަށް ޝެޑިއުލްކޮށްފައިވާ ކްލަބް އީގަލްސް އާއި ބީޖީ ސްޕޯޓްސްގެ މެޗު ދެން ކުޅޭނީ ބުދަ ދުވަހުގެރޭގަ އެވެ.
އަންގާރަ ދުވަހު ހަވީރު ކުޅެން ހަމަޖެހިފައިވާ ޔުނައިޓެޑް ވިކްޓަރީ އާއި ވެލެންސިއާގެ މެޗު ބުރާސްފަތި ދުވަހު ހަވީރު ކުޅޭއިރު އަންގާރަ ދުވަހުގެރޭ ކުޅެން ހަމަޖެހިފައި އޮތް ނިއު ރޭޑިއަންޓާއި ޓީސީ ސްޕޯޓްސްގެ މެޗު ކުޅޭނީ ބުރާސްފަތި ދުވަހުގެރެ އެވެ.
މި މެޗުތަކަކީ މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު ކުޅެން އެންމެ ފުރަތަމަ ޝެޑިއުލްކުރި މެޗުތަކެކެވެ. އެކަމަކު މިނިވަން ދުވަހުގެ ހަރަކާތްތަކަށް ދަނޑު ބޭނުންވާތީ، ފަސްކުރީ އެވެ.
ހެވިކަމުގެ ކުޅިވަރުތައް ދަނޑުގައި ބާއްވަނީ ދަނޑުގެ ވިނަގަނޑު މަތީ މެޓެއް އެޅުމަށް ފަހު އެވެ. މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ބޭއްވުމަށް ދަނޑުގައި އެޅި މެޓާ އެކު، ވިނަގަނޑު ހަލާކުވެ، ސީޒަން ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނެވެ.