10 ޖުލައި 2018 - 00:10

ރިޔާސީ އިންތިޚާބަށް އިދިކޮޅުން ނެރުނު އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބޭފުޅަކު ކަނޑައެޅުން އަންނަ ހުކުރު ދުވަހަށް މިރޭ އަވަސްކޮށްފި އެވެ.
ޖުމްހޫރީ ޕާޓީ ކައުންސިލުން އިއްޔެ ނިންމާފައިވަނީ ހޮނިހިރު ދުވަހު ރަނިން މޭޓް ކަނޑައެޅުމުގެ އިންތިހާބު ބޭއްވުމަށެވެ. އެގޮތަށް ނިންމީ އެޕާޓީގެ އަސާސީ ގަވައިދު ބުނާގޮތުން ރަނިން މޭޓް ކަމަށް ކުރިމަތިލުމަށް ފަސް ދުވަހުގެ މުއްދަތެއް ދޭންޖެހޭތީ އެވެ.
ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ހުށަހެޅި ހުށަހެޅުމަކަށް އެޕާޓީގެ ކައުންސިލުން މިރޭ ނިންމާފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ އެ އިންތިހާބު ބޭއްވުމަށެވެ. އެއީ އެޕާޓީ ކައުންސިލް މެމްބަރުންގެ ތެރޭގައި ބާއްވާ ސިއްރު ވޯޓެކެވެ.
އަލީ ވަހީދު މިރޭ ވިދާޅުވީ ޖޭޕީން ނިންމާ ނިންމުމުން އިދިކޮޅު ކޯލިޝަނަށާއި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނެ ކަމަށެވެ.
ހުކުރު ދުވަހުގެ ހަވީރު ހަތަރެއް ޖަހަންދެން ރަނިން މޭޓް ކަމަށް ކުރިމަތި ލުމުގެ މުއްދަތު ވަނީ ހުޅުވާލާފަ އެވެ. އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ އެ ޕާޓީގެ ކޮންމެ މެމްބަރެކެވެ.
އިދިކޮޅުގެ ރަނިން މޭޓު ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމް އާއި ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ތިއްބެވި ޑރ. ހުސެއިން ރަޝީދު ހަސަން އާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން އެވެ.