އެމްބީއޭގެ އިންތިހާބު: އޮލިމްޕިކް ކޮމިޓީން ފީބާގެ އެހީއަށް އެދިއްޖެ
އެމްބީއޭގެ އިންތިހާބު: އޮލިމްޕިކް ކޮމިޓީން ފީބާގެ އެހީއަށް އެދިއްޖެ

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ އިންތިހާބު ނުބޭއްވި އުފެދިފައިވާ މައްސަލައަށް ހައްލު ހޯދުމަށް، އޮލިމްޕިކް ކޮމިޓީން ދުނިޔޭގެ ބާސްކެޓްބޯޅަ ޖަމިއްޔާ (ފީބާ) ގެ އެހީއަށް އެދިއްޖެ އެވެ.

އިންތިހާބު ބާއްވަން ޖެހޭ މުއްދަތު ފަހަނައަޅައި ގޮސް އަދި އެގްޒެކެޓިވް ކޮމިޓީގެ ދައުރު ހަމަވި އިރު އިންތިހާބެއް ނުބޭއްވި ދިގުލައިގެން ދިއުމާ ގުޅިގެން ހޯމް މިނިސްޓްރީން ވަނީ، އެކްސްކޯގެ ދައުރު އިތުރު ތިން މަސް ދުވަހަށް އިތުރުކޮށްދީފަ އެވެ.

އިންތިހާބު ނުބޭއްވުނީ، އިންތިހާބު ބޭއްވުމަށް ނިންމަން ޖެހޭ ނިންމުންތައް ނިންމަން އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއް ނުބޭއްވިގެން ކަމަށް އެސޯސިއޭޝަން ބުނެ އެވެ.

އެމްބީއޭގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން އާރިފް ރިޒާ ވިދާޅުވީ ތިން މަސް ދުވަހުގެ މުހުލަތެއް ދީފައި އޮތް ނަމަވެސް ބޭނުންވަނީ ވީހާ ވެސް އަވަހަކަށް އިންތިހާބު ބާއްވަން ކަމަށާއި އެކަމަކު ކަންތައްތައް ހުރި ގޮތަށް ބަލާއިރު އެސޯސިއޭޝަނުން އަމިއްލަ އަށް އިންތިހާބު އިންތިޒާމްކުރުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ. އަދި އިންތިހާބު ބޭއްވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ އެސޯސިއޭޝަންތަކުގެ ބެލެނެވެރި ފަރާތް ކަމަށްވާ އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް އެކަން ކުރިއަށް ގެންދިއުން ކަމަށްވާތީ އެ ކޮމިޓީގެ އެހީއަށް އެދިފައިވާ ކަމަށެވެ.

"ކަންތައްތައް ހުރި ގޮތަށް ބަލާއިރު މި މުއްދަތުގެ ތެރޭގައި ވެސް، އަޅުގަނޑުމެން އަމިއްލަ އަށް އިންތިހާބެއް ބޭއްވުން އެއީ އެހާ ފަސޭހަކަމަކަށް ނުވެދާނެ. ދެ ފަރާތުން ވެސް ކެންޑިޑޭޓުން ނުކުންނައިރު އޭގައި އެންމެ ފަސޭހަ ވާނެ ގޮތަކަށް ފެނުނީ އޮލިމްޕިކް ކޮމިޓީގެ އެހީއާ އެކު ބޭއްވުން. އޮލިމްޕިކް ކޮމިޓީން ވަކި ގޮތެއް އަންގަންދެއް އަޅުގަނޑުމެން މިތިބީ،" އާރިފް ވިދާޅުވި އެވެ.

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވީ އިންތިހާބުގެ ކަންކަން ކުރިއަށްގެންދާނީ ފީބާގެ ލަފާގެ މަތިން ކަމަށާއި އެކަމަށް މިހާރު އެ ފެޑެރޭޝަނުގައި އެދިފައިވާނެ ކަމަށެވެ.

"އިންތިހާބަކާ ހަމަޔަށް ދާނެ ގޮތުގެ ގޮތުގެ ރޯޑްމެޕެއް އެކުލަވާލުމަށް ފީބާގައި އެދިފައިވަނީ. ފީބާގެ ޖަވާބަކާ އެކު އަޅުގަނޑުމެން މަސައްކަތް ކުރިއަށްގެންދާނަން،" މަރުޒޫގު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެކްސްކޯގެ ތެރޭގައި ވަނީ ދެ ފެކްޝަނެއް އުފެދިފަ އެވެ. އެއީ މިހާރުގެ ރައީސް އަހުމަދު ހާފިޒަށް ތާއީދުކުރާ މެމްބަރުންނާއި ނައިބް ރައީސް އަބްދުﷲ އާމިރު (އައްލޯ) ގެ މެމްބަރުންނެވެ. އިންތިހާބު މިހާތަނަށް އިއުލާންކޮށްފައިނުވީ ނަމަވެސް އެސޯސިއޭޝަނުގެ ރައީސް ކަމަށް ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ކެމްޕެއިން ފަށައިފަ އެވެ.