09 ޖުލައި 2018 - 20:10

ލަންޑަން (ޖުލައި 9) - ޔޫރަޕިއަން ޔޫނިއަން އިން އިނގިރޭސި ވިލާތް ވަކިވުމާ ގުޅޭ ޕްލޭނާ މެދު އުފެދިގެން އުޅޭ ޚިޔާލުތަފާތުވުމުގައި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން މިއަދު އިސްތިއުފާ ދެއްވުމާ އެކު ސަރުކާރަށް އިތުރު ޕްރެޝަރު ކުރިމަތިވެއްޖެ އެވެ.
ޖޯންސަން އަކީ މި މައްސަލާގައި އިސްތިއފާ ދެއްވި ކެބިނެޓުގެ ސީނިއާ ދެ ވަނަ ވަޒީރެވެ. މީގެ ކުރިން ވަނީ ބްރެކްސިޓް ސެކްރެޓަރީ ޑޭވިޑް ޑޭވިސް އިސްތިއުފާ ދެއްވައިފަ އެވެ. ޖޯންސަން އިސްތިއުފާ ދެއްވާފައި މި ވަނީ ބްރެކްސިޓް އާ ޕްލޭނާ ގުޅޭ ގޮތުން ބޮޑު ވަޒީރު ތެރޭސާ މެއި ޕާލަމެންޓުގައި ތަގްރީރު ކުރެއްވުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިންނެވެ.
ތަޖްރިބާކާރުން ބުނަނީ ދެ ވަޒީރަކު އިސްތިއުފާ ދެއްވުމަކީ ބޮޑު ވަޒީރު މެއިގެ ސަރުކާރަށް ކުރިމަތިވާނެ އިތުރު ޕްރެޝަރެއް ކަމަށެވެ.
ޔޫރަޕިއަން ޔޫނިއަން އިން އިނގިރޭސި ވިލާތް ވަކިވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މާޗް މަހު 29 ގަ އެވެ. އެކަމަކު އޭގެ ފަހުން އީޔޫ އާއި އިނގިރޭސި ވިލާތާ ދެމެދު ވިޔަފާރީގެ ގުޅުންތައް ކުރިއަން ގެންދާނެ ގޮތަކާ މެދު އެއްބަސްވާން ޖެހެ އެވެ.