އަބުރު ކަތިލައި، ކަނޑިން ތަޅަންޏާ، އައްޑަނަ ނަގާނަން: ޑރ. ޝަހީމް
އަބުރު ކަތިލައި، ކަނޑިން ތަޅަންޏާ، އައްޑަނަ ނަގާނަން: ޑރ. ޝަހީމް

ސެޕްޓެމްބަރު 23 ގައި އޮންނަ މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރާ ކެމްޕޭންގައި، ވެރިކަން ކުރާ ޕީޕީއެމްގެ އިސް ބޭފުޅުންގެ އަބުރު ކަތިލައި، "ކަނޑިން ހަމަލާ" ދޭ ނަމަ، ދިފާއުގައި އައްޑަނަ ނަގަން ޖެހޭ ވަގުތުތައް ވެސް އަންނާނެ ކަމަށް، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާއިރު، އެމަނިކުފާނުގެ ރަނިން މޭޓަކަށް ޝަހީމް ހަމަޖެއްސެވިކަން އިއުލާން ކުރެއްވި ފަހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވިދާޅުވީ، މި އިންތިޚާބުގައި ވަރަށް އީޖާބީ ކެމްޕޭނެއް އިދިކޮޅުން ވެސް ކުރާ މަންޒަރު ދެކެން ބޭނުންވާ ކަމަށެވެ. ބަހުގެ ހަމަލާތައް ބަދަލުކޮށް، އަބުރު ކަތިލައި ދޮގު ވާހަކަތައް ކެމްޕޭންގައި ނުފެތުރުމަށް އޭނާ އެދިވަޑައިގަތެވެ.

"އަޅުގަނޑުމެންގެ ގައިގައި ކަނޑިން ތަޅަންޏާ، އަޅުގަނޑުމެން އައްޑަނަ ނަގަން ޖެހޭ ވަގުތު އަންނާނެ. އެކަމަކު އެ ވަގުތު ގެންނާކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމުން ބޭނުން ވަނީ ވަރަށް އެކުވެރިކަމާ އެކު، އިންތިޚާބުގެ ކެމްޕޭން ނިންމުމަށެވެ. މި އިންތިޚާބު ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ، މި ސަރުކާރާ މެދު ނުރުހިފައި ތިބި މީހުންގެ ވެސް ވޯޓު ހޯދައިގެން ކަމަށް ޝަހީމް ވިދާޅުވި އެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ވިސްނުމަށް ފާޑުވިދާޅުވަމުން ޝަހީމް ވިދާޅުވީ ތަފާތު ފިކުރުތަކުގެ ޕާޓީތައް އެއްވެގެން ކޯލިޝަނެއް ކުރިއަކަށް ނުގެންދެވޭނެ ކަަމަށެވެ. ކޯލިޝަންތައް ދެމެހެއްޓޭނީ އެއް ފިކުރެއް ގެންގުޅޭ ޕާޓީތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިދިކޮޅު ކޯލިޝަނަށް ވެރިކަން ދީފި ނަމަ ދޮޅު އަހަރުން އަނެއްކާ ވެސް އިންތިޚާބެއް ބާއްވަން ޖެހި މުޅި ގައުމުގައި އޮންނާނީ ސިޔާސީ ހަމަނުޖެހުމެވެ. އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަދި އުމްރާނީ ކުރިއެރުމުން ބެލި ނަމަވެސް ގައުމު ފަހަތަށް ގޮސް ފުނޑުފުނޑުކޮށްލާނެ ކަމަށް ވިދާޅުވި އެވެ.

"މި ކަންތައް އެބަޖެހޭ ނިމުމަކަށް ގެންނަން. މި ކަން ނިންމަން ޖެހޭ ވަގުތަކީ މިއީ،" ޝަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީން ބަލިކުރަން އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ނެރެން ނިންމާފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ. ޕީޕީއެމުން އެ ޕާޓީގެ ކެމްޕޭން ފަށާފައިވާއިރު، އިބޫ ވެސް ގެންދަވަނީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކާ އެކު މާލެ ސަރަހައްދުގައި ކެމްޕޭން ކުރައްވަމުންނެވެ.