09 ޖުލައި 2018 - 18:06

ބެންކޮކް (ޖުލައި 9) - ތައިލެންޑުގެ ހޮހަޅައިގައި ތާށިވެފައި ތިބި ކުދިންގެ ތެރޭން ބާކީ ތިބި އަށް ކުދިންނާއި ކޯޗުގެ ތެރޭން އިތުރު ހަތަރު ކުދިން ސަލާމަތް ކުރުމަށް ފަހު އޮޕަރޭޝަން މިއަދަށް އަނެއްކާވެސް ނިންމާލައިފި ކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ ސީއެންއެން އިން ބުނެފި އެވެ.
ތަމް ލުއާން ހޮހަޅަ ސަރަހައްދުގައި ތިބި ބައެއް މީހުންނާ ހަވާލާދީ ރޮއިޓާސް އިން ބުނީ ހަތަރު ކުއްޖެއްގެ ހަށިގަނޑު އެމްބިއުލެންސަށް އަރުވާ މަންޒަރު ފެނިފައިވާ ކަމަށެވެ. އިތުރު ހަތަރު ކުދިން ސަލާމަތް ކުރުމުން ހޮހަޅައިގައި ދެން ތިބޭނީ ހަތަރު ކުދިންނާއި ކޯޗެވެ. ބެލެވޭ ގޮތުގައި އެ މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން އަނެއްކާ ވެސް ދެން ފަށާނީ މާދަމާ އެވެ.
އިއްޔެ ސަލާމަތް ކުރި ހަތަރު ކުދިން މިހާރު ވަނީ ޗިއާން ރައި ހޮސްޕިޓަލުގެ އަށް ވަނަ ބުރީގައި ކަރަންޓީނު ކޮށްފަ އެވެ. އެ ކުދިންގެ ނަމެއް ހާމަކޮށްފައެއް ނުވެ އެވެ. އެހެންވެ އާއިލާތަކުން ވެސް އެ ކުދިންނާ ބައްދަލު ކުރެވޭ ގޮތެއް ނުވެ އެވެ. އޮޕަރޭޝަންގެ ކޮމާންޑަރު ވިދާޅުވީ ސަލާމަތް ކުރާ ކުދިންގެ ނަން ހާމަ ނުކުރަނީ އާއިލާތަކަށް އިހްތިރާމް ކުރުމުގެ ގޮތުން ކަމަށެވެ. ސަބަބަކީ ބައެއް ކުދިން އަދިވެސް ހޮހަޅަތެރޭގައި ވާތީ ކަމަށެވެ.
އޮޕަރޭޝަން ކޮމާންޑަރު ވިދާޅުވީ ޑޮކްޓަރުންގެ ހުއްދައާ އެކު އާއިލާގެ މެމްބަރުންނަށް ވެސް އެ ކުދިންނާ ބައްދަލު ކުރެވޭނީ ބިއްލޫރިގަނޑެއްގެ ބޭރުން ކަމަށެވެ. އަދި އެ ގޮތަށް ކަންތައް ކުރަނީ އެ ކުދިންނަށް އިންފެކްޝަނެއްގެ އަސަރުކޮށްފައިވާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ހޮހަޅައިގައި ތިބި 12 ކުދިންގެ ތެރޭން އެ ކުދިން ފުރަތަމަ ފެނުނު އިނގިރޭސި ޑައިވަރުންނާ ވާހަކަ ދައްކާފައި ވަނީ މިއަންމާ އަށް އުފަން 14 އަހަރުގެ އަބްދުލް ސަމަން ކަމަށްވެ އެވެ. އެ ކުދިން ހޮހަޅަ އަށް ވަން ދުވަހަކީ އެ ގްރޫޕުގެ ކުއްޖެއް ކަމަށްވާ ޕީރަޕަތު ސޮމްޕިއަންގްޖައިގެ 17 ވަނަ އުފަން ދުވަހެވެ. ބެލެވޭ ގޮތުގައި އުފަން ދުވަސް ފާހަގަ ކުރަން ގެންދިޔަ ކާބޯތަކެތި އެ ކުދިންގެ އަތުގައި ހުންނާނެ އެވެ. ބާރަ ކުދިންގެ ކޯޗު ވަނީ ކާން ގެންދިޔަ ސްނެކްސްގެ ތެރޭން އޭނާ އަށް ލިބުނު ބައި ވެސް އެ ކުދިންނަށް ދީފަ އެވެ. ޑައިވަރުންނަށް ފެނުނު އިރު އެންމެ ހާލު ދެރައީ ވެސް ކޯޗެވެ.