ޗައިނާ މީހަކު 68 ސިކުންތުން 50 މިރުސް ކައިފި
ޗައިނާ މީހަކު 68 ސިކުންތުން 50 މިރުސް ކައިފި

ޗައިނާގައި ކޮންމެ އަހަރަކު ބާއްވާ، މިރުސް ކެއުމުގެ ފެސްޓިވަލްގައި މި އަހަރު އެއްވަނަ ހޯދި ބައިވެރިޔާ 68 ސިކުންތު ތެރޭގައި 50 މިރުސް ކައިފި އެވެ.

މިރުސް ކައިގެން މުބާރާތް ކާމިޔާބުކުރި ޓާންގް ޝުއައިހުއީ އަށް އިނާމެއްގެ ގޮތުގައި ލިބުނީ 24 ކަރަޓްގެ ތިން ގްރާމް ރަނެވެ.

ކުޅި މިރުހެއް ކަމަށްވާ "ޓަބަސްކޯ" ގެ 50 މިރުސް ކޮންމެ މީހަކު ކާންޖެހެ އެވެ. މިރުސް ކަމުން ދިޔައިރު ދިމާވެދާނެ ނުރައްކަލަކަށްޓަކައި ޑޮކްޓަރުންގެ ޓީމެއް ތައްޔާރަށް ތިއްބެވެ.

މުބާރާތުގެ ބައިވެރިން މިރުސް ކަމުން ދިޔައީ ތިން ޓަނުގެ މިރުސް އަޅާފައި ހުރި، ތިލަ ފެންގަނޑެއްގެ ތެރޭގައި ތިބެގެންނެވެ.

"އޭނާ ވަނީ އަޖައިބުވާހާ އަވަހަށް މިރުސްތައް ކައި ހުސްކޮށްފައި. މުބާރާތް ހުށަހަޅައިދިން މީހާ ވާހަކަ ދައްކާ ނިމެންވީ އިރު އޭނާ ހުސްކޮށްފި،" މުބާރާތް ކުރިއަށް ދިޔަ ޓަންހޭ ސިޓީގެ ތީމް ޕާކުން ވާހަކަ ދެއްކި އޮފިޝަލަކު ބުންޏެވެ.

މުބާރާތުގެ ބައިވެރިން އެރި ތިބި ފެންގަނޑު ތެރެއަށް އަޅާފައި ހުރި މިރުހަކީ ކުޅި މަޑު ވައްތަރެކެވެ. އެއީ ފެންގަނޑު ތެރޭ ތިބޭއިރު ގައިން ދިލަ ނެގުން ފަދަ ކަމެއް ދިމާވެދާނެތީ އެވެ.

މި ފެސްޓިވަލް އޯގަސްޓް މަސް ނިމެންދެން ކުރިއަށް ދާއިރު، މިރުސް ކެއުމުގެ މުބާރާތްތައް ކޮންމެ ދުވަހަކު ވެސް ކުރިއަށް ގެންދާނެ އެވެ.