10 ޖުލައި 2018 - 07:04

މުރަކަތަކަށް ގެއްލުން ލިބޭ ކެމިކަލް މާއްދާތައް އެކުލެވޭ ސަންސްކްރީން ހަވާއީގައި ވިއްކުން މަނާކުރާ ގާނޫނެއް ގަވަރުނަރު ޑޭވިޑް އައިގް ތަސްދީގުކުރައްވައިފި އެވެ.
އެމެރިކާގެ ހަވާއީ ވެގެން ގޮސްފައި ވަނީ ސަންސްކްރީން ވިއްކުން މަނާކުރި ފުރަތަމަ ސްޓޭޓަށެވެ. އެ ގާނޫނަށް ރަސްމީކޮށް އަމަލު ކުރަން ފަށާނީ ޖެނުއަރީ، 1، 2021 އިން ފެށިގެންނެވެ.
އަލަށް ތަސްދީގުކުރި ގާނޫނުގައި ބުނެފައިވާ ގޮތުގައި ބައެއް ސަންސްކްރީންތަކުގައި ނުރައްކާތެރި ކެމިކަލް މާއްދާތަކެއް ކަމަށްވާ އޮކްސިބެންޒޯން އާއި އޮކްޓިންއޮކްޒޭޓް ބޭނުންކޮށްފައި ހުރެ އެވެ. އަދި އެފަދަ ސަންސްކްރީން ލައިގެން މޫދަށް އެރުމުން މުރަކަތަކަށް އޭގެ އަސަރުކޮށް ގެއްލުން ލިބޭ ކަމަށް ބުނެފައިވެ އެވެ.
ގާނޫނު ތަސްދީގު ކުރެއްވުމަށް ފަހު ގަވަރުނަރު ވިދާޅުވީ ހަވާއީއަކީ މޫދާއި ކަނޑުގެ މުއްސަނދިކަން ލިބިފައިވާ ތަނަކަށްވާތީ، އެތަންތަނުގެ ވެށީގެ ހިމާޔަތަށް މަސައްކަތް ކުރުން މުހިއްމު ކަމަށެވެ. އެހެންވެ ގުދުރަތީ ވަސީލަތްތަކުގެ ހިމާތުގައި ހަވާއީން މި އެޅި ފިޔަވަޅަކީ މުސްތަގުބަލުގައި އޭގެ ނަތީޖާ ފެނިގެން ދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
"މިއީ އަހަރެމެންގެ މުރަކަ ފަރުތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް،" ގަވަރުނަރު ވިދާޅުވި އެވެ." އަދި ނުރައްކާތެރި ކެމިކަލް އެކުލެވޭ ސަންސްކްރީން ވިއްކުން މަނާ ކުރުމަކީ މިހާތަނަށް ދުނިޔޭގެ އެއްވެސް ގައުމަކުންކޮށްފައިވާ ކަމެއް ނޫން. މި ބަދަލާ އެކު، ހަވާއީގެ ތިމާވެއްޓަށް ދެވޭ ސަމާލުކަން ބޮޑުވާނެ."
އާބާދީ 1.4 މިލިއަނަށް އަރާ ހަވާއީއަކީ ޓޫރިޒަމަށް ވެސް މަޝްހޫރު ތަނެކެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން އޮކްސިބެންޒޯން އާއި އޮކްޓިންއޮކްޒޭޓް އެކުލެވޭ ސަންސްކްރީނަކީ އިންސާނުންނަށް ވެސް ރައްކާތެރި އެއްޗެއް ނޫނެވެ. އަދި އެފަދަ މާއްދާތައް އެކުލެވޭ ސަންސްކްރީން ބޭނުން ކުރުމުން ހަމުގެ ސެލްތައް މަރާލައި، ހޯމޯން ލެވެލް އަށް ވެސް ގުޑުން އަރުވައިލަ އެވެ.
އާންމުކޮށް ސަންސްކްރީން ބޭނުންކޮށް އުޅެނީ އަވީގައި އުޅޭ އިރު އެވެ. ވަކިން ހާއްސަކޮށް ދަތުރު ގޮސް މޫދަށް އެރޭ އިރު، ސަންސްކްރީން ގިނަ ބަޔަކު ބޭނުން ކުރެ އެވެ.