09 ޖުލައި 2018 - 14:34

ނިއު ދިއްލީ (ޖުލައި 9) - މުޅި އިންޑިއާގެ ސަމާލުކަން ހުއްޓުނު 2012 ވަނަ އަހަރުގެ ދިއްލީ ގޭންގް ރޭޕުގައި ބައިވެރި މީހުންނަށް އިއްވާފައިވާ މަރުގެ ހުކުމް އިންޑިއާގެ ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
ސިނަމާ އިން ނުކުމެގެން ގެއަށް ދާން އެރި ބަހުގައި އުމުރުން 23 އަހަރުގެ ޖޯއިތީ ސިންގް ޑިސެމްބަރު 2012 ގައި ރޭޕްކުރީ ފަސް މީހުންގެ ގްރޫޕަކުންނެވެ. ރޭޕްކޮށް އަނިޔާ ކުރުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނުއިރު ޖޯއީތީގެ ހާލު ވަރަށް ދެރަ އެވެ. އޭނާ މަރުވީ ސިންގަޕޫރަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. މި ރޭޕަށް ފަހު މުޅި އިންޑިއާގައި މުޒާހަރާތައް އިތުރުވެ ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގޮވާލި އެވެ.
ޖޯއީތީގެ މަރާ ގުޅިގެން ސެޕްޓެމްބަރު 2013 ގައި ހަތަރު މީހަކަށް ދައުވާ ކުރި އެވެ. މަރުގެ ހުކުމް އިއްވި މީހުންގެ ތެރޭން އެކަކަކު ވަނީ ޖަލުގައި މަރުވެފަ އެވެ. މި މައްސަލާގައި ހިމެނޭ 17 އަހަރުގެ ކުޑަ ކުއްޖާގެ މައްޗަށް ވަނީ ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ ކުއްޖާ މިހާރު ވަނީ ދޫކޮށްލައިފަ އެވެ.