އޮޒިލަށް އަމާޒުވަނީ ހައްގު ފާޑުކިޔުންތަކެއްތަ؟
އޮޒިލަށް އަމާޒުވަނީ ހައްގު ފާޑުކިޔުންތަކެއްތަ؟

މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނު ކެޓިއިރު، އެ ޓީމަށް މި ނާކާމިޔާބީ ދިމާވި ސަަބަބުތައް ދެނެގަންނާނެ ކަމަށް އެ ގައުމުގެ ފުޓްބޯޅަ އިދާރާއިން ވަނީ ބުނެފަ އެވެ. ފުރަތަމަ މަސައްކަތެއްގެ ގޮތުން ކޯޗު ޔަކީމް ލޯ މަގާމުގައި ބަހައްޓައި އޭނާއާ އެކު ކުރިއަށްދާން ނިންމި އެވެ. އެކަމަކު ހައްލެއް ނުލިބި މިހާތަނަށް ވެސް އޮތް އެއް ކަމަކީ ޖަރުމަނުގެ ތަރި މެސުޓް އޮޒިލަށް އަމާޒުވަމުން އަންނަ ތަފާތު ފާޑުކިޔުންތަކަށެވެ. ޖަރުމަނުގެ ގިނަ ސަޕޯޓަރުންގެ ނަޒަރުގައި ޖަރުމަނު ފެއިލްވުމުގެ އެންމެ ބޮޑު އަސްލަކީ އޮޒިލާ ހެދި ޓީމަށް ކުރި ނޭދެވޭ އަސަރެވެ.

އޮޒިލަށް އަމާޒުވަނީ ހައްގު ފާޑުކިޔުންތަކެއްތަ؟
އޮޒިލަށް އަމާޒުވަނީ ހައްގު ފާޑުކިޔުންތަކެއްތަ؟

ވޯލްޑް ކަޕް ފެށުމުގެ އެއް މަސް ކުރިން ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާންއާ އެކު އޮޒިލާއި ޖަރުމަނުގެ ކުޅުންތެރިއާ އިލްކާއި ގުންޑޮގާން ބައްދަލުކޮށް ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވި އެވެ. ގުންޑޮގާން އާއި އޮޒިލް ޖަރުމަނު ގައުމީ ޓީމަށް ކުޅުނު ނަމަވެސް މި ދެ ކުޅުންތެރިންނަކީ ތުރުކީ އަށް އުފަން ދެ ކުޅުންތެރިންނެވެ. މި ބައްދަލުވުމުގައި އޮޒިލާއި ގުންޑޮގާން ވަނީ އެ ދެ ކުޅުންތެރިން ކުޅޭ ކްލަބްގެ ޖޯޒީއެއް އުރުދުގާނަށް ހަދިޔާކޮށްފަ އެވެ.

އޮޒިލަށް އަމާޒުވަނީ ހައްގު ފާޑުކިޔުންތަކެއްތަ؟
އޮޒިލަށް އަމާޒުވަނީ ހައްގު ފާޑުކިޔުންތަކެއްތަ؟

ޖަރުމަނާއި ތުރުކީ އަކީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް ހިޔާލު ތަފާތު ގައުމަކަށްވާއިރު، އުރުދުގާންއާ އެކު އޮޒިލް އާއި ގުންޑޮގާން ބޭއްވި ބައްދަލުވުމާ ގުޅިގެން ޖަރުމަނު ސިޔާސީ ފަރާތްތަކުން ވަނީ ފާޑުކިޔައިފަ އެވެ. ރައީސް އުރުދުގާން ސިޔާސީ މަންފާއެއް ހާސިލްކުރަން ކުޅުންތެރިންގެ ބޭނުން ހިފަނީ ކަމަށް ބުނެ އެވެ.

ވޯލްޑް ކަޕަށްދާ ޖަރުމަނު ސްކޮޑުން އޮޒިލާއި ގުންޑޮގާން ބާކީ ކުރަން ވެސް ބައެއް ފަރާތްތަކުން ގޮވާލި އެވެ. އެކަމަކު އޭރު އެކަމަށް ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން މާ ބޮޑު ސަމާލުކަމެއްނުދެ އެވެ. އެއީ ފުޓްބޯޅަ އާއި ސިޔާސީ ކަންތައްތައް އެ ނުކުރަން ނިންމުމަށް ފަހު އެވެ.

ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުގެ މި ނިންމުމަކީ އެ ގައުމުގެ ގިނަ ސަޕޯޓަރުންގެ ނުރުހުންވުން ލިބުނު އެއް ސަބަބެވެ. އެއީ އެ ގައުމުގެ ސިޔާސީ ފަރާތްތަކުން މެދުކެނޑުމެއްނެތި އެ ކަމުގެ ޝަކުވާ ކުރަމުންދިޔުމުންނެވެ.

ގުންޑޮގާނަށް ވުރަށް ބޮޑަށް ޖަރުމަނު ސަޕޯޓަރުން އޮޒިލާ މެދު ނުރުހުންވުން އިތުރުވީ ވޯލްޑް ކަޕުގެ ކުރިން ޖަރުމަނުން އޮސްޓްރިއާގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ކޭމްޕްގެ މީޑިއާ ދުވަހުގައި އޮޒިލް އެ ބައްދަލުވުން ބޮއިކޮޓްކުރި ހިސާބުންނެވެ. އޮޒިލް އެ ބައްދަލުވުން ބޮއިކޮޓްކުރީ އުރުދުގާނާ އެކު ބޭއްވި ބައްދަލުވުމުގެ ވާހަކަތަކުގެ ސުވާލުތައް އަންނާތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ވޯލްޑް ކަޕްގެ ކުރިން ޖަރުމަނު އެފްއޭގެ ޑިރެކްޓަރުގެ މަގާމުގައި ހުރި ކުރީގެ ކުޅުންތެރިޔާ އޮލިވިއޭ ބިއަހޯފް ވިދާޅުވީ އުރުދުގާނާ އެކު ނެގި ފޮޓޯއާ އެކު އޮޒިލާއި ގުންޑޮގާންއާ އޭނާ ބައްދަލުކުރި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އެ ދެ ކުޅުންތެރިންގެ ކިބައިން އެދުނީ އެ ކަމާ ބެހޭ ގޮތުން މީޑިއާގައި ދައްކާ ވާހަކަތަކަށް ރައްދެއް ނުދިނުމަށެވެ. އެކަމަކު އަމިއްލަ ހިޔާލުގައި ވާހަކަ ދެއްކުމުގެ ހުއްދަ އޮންނާނެ ކަމަށެވެ.

ވޯލްޑް ކަޕުގައި ޖަރުމަނު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުގައި އޮޒިލް ވަނީ 90 މިނިޓް ކުޅެފަ އެވެ. އޮޒިލް ކުޅުނު ދެ މެޗުން ޖަރުމަނު ވަނީ މެކްސިކޯ އާއި ދެކުނު ކޮރެއާ އަތުން ބަލިވެފަ އެވެ. އޮޒިލް ނުކުޅެނީ ސްވިޑަން އަތުން ޖަރުމަނު މޮޅުވި މެޗުގަ އެވެ. ކޮންމެ މެޗަކަށް ފަހު ވެސް މީޑިއާގައި އެންމެ ބޮޑަސް ފާޑުކީ އޮޒިލަށެވެ. ކުރީގެ ކުޅުންތެރިންނާއި ޖަރުމަނު ފުޓްބޯޅައިގެ ތަޖުރިބާކާރުންނެވެ.

ވޯލްޑް ކަޕްގެ ކުރިން އޮޒިލާއި ގުންޑޮގާނާ ބެހޭގޮތުން ބިއަހޯފް ދެއްކި ވާހަކަތަކާ މެދު މުބާރާތުން ޖަރުމަނު ކެޓި ފަހުން މީޑިއާ އިން ކުރި ސުވާލުތަކަށް އޭނާ ދިން ޖަވާބު ތަފާތެވެ.

"ހަގީގަތުގައި އަހަރެމެން ފެޑެރޭޝަނުން ކުޅުންތެރިންގެ އަމިއްލަ ކަންތައްތަކާ ބަސް ބުނެ ނުހަދާ. އެ ގޮތުގައި އަހަރެމެން އޮޒިލާއި ގުންޑޮގާނާ މެދު ކަންތައް ކުރީ. އެކަމަކު ހަގީތަށް ބުނަންޏާ އަހަރެން ދެކޭ ގޮތުގައި އެ ނިންމުމަކީ ގޯސްކޮށް ނިންމުނު ނިންމުމެއް. އޮޒިލާއި ގުންޑޮގާން މައްސަލައިގައި އަހަރެމެންނަށް އެ އަށް ވުރެން ރަނގަޅު ގޮތެއް ހޯދޭނެ." ބިއަހޯފް ވިދާޅުވި އެވެ.

ވޯލްޑް ކަޕްގައި ޖަރުމަނު މި ފަހަރު ކުޅުނު ފަހު މެޗުން ދެކުނު ކޮރެއާ އަތުން ބަލިވުމުން އެ މެޗަށް ފަހު ދަނޑުން ފައިބައިގެން ދަމުން އޮޒިލްއާ ބައެއް ސަޕޯޓަރުންނާ ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ. އެ މެޗަށް ފަހު އޮޒިލް އޭނާގެ ފޭސްބުކްގައި ލިޔުނު ގޮތުގައި މިއީ މުޅި ޓީމަށް އެއްކޮށް ނުކުޅެވުމުގެ ނަތީޖާ ކަމަށާއި މި ނާކާމިޔާބީން ލިބޭ ހިތްދަތިކަމުން އަރައިގަންނަން ވަގުތު ނަގާނެ ކަމަށެވެ.

ޖަރުމަނަށް ވޯލްޑް ކަޕު ނިމުނުތާ ގިނަ ގިނަ ދުވަސްތަކެއްވެފައިވާއިރު އަދިވެސް އޮޒިލަށް އަންނަނީ ގިނަ ބަޔަކު ފާޑުކިޔަމުންނެވެ. އޭގެ އަށް އަދި މިހާތަނަށް އޮޒިލް ރައްދެއްދީފައިނުވާއިރު، އެންމެ ފަހުން އެކަމާ ރުޅިގަނޑު ފަޅައިގެންދިޔައީ އޮޒިލްގެ ބައްޕަ މުސްތަފާ އޮޒިލް އެވެ.

މުސްތަފާ އޮޒިލް މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ ދަރިފުޅު އޮޒިލަށް އަމާޒުވަނީ ނުހައްގު ފާޑުކިޔުންތަކެއް ކަމަށެވެ. އަދި އޭނާ އަށް ފާޑުކިޔަނީ ހަގީގަތެއް ނޭނގޭ ބަޔަކު ކަމަށް ބުންޏެވެ.

"އަހަރެންގެ ދަރިފުޅު ޖަރުމަނަށް ނުވަ އަހަރު ކުޅެދީފި. ޖަރުމަނު މޮޅުވެއްޖިއްޔާ އެއީ މުޅި ޓީމު. އޭގެ ތެރެއިން އެއް އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ވެސް ހޯދި. އެކަމަކު ބަލިވެއްޖިިއްޔާ އެކަން މިވަނީ އޮޒިލްގެ ސަބަބުން މިއީ އިންސާފުވެރި ފާޑުކިޔުމެއް ނޫން. އަހަންނަކީ އޮޒިލް ނަމަ މިހާރު ގައުމީ ޓީމަށް ކުޅުން ހުއްޓާލާނަން،" މުސްތަފާ އޮޒިލް ބުނެފައިވެ އެވެ.

އޮޒިލަށް ގިނަ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، މިހާތަނަށް މީޑިއާގައި އޭނާ އެކަމާ ބެހޭ އެއްވެސް ވާހަކައެއް ދައްކާފައިނުވެ އެވެ.