09 ޖުލައި 2018 - 13:27

ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ނަމަ އެހެން ގައުމެއްގެ ރައްޔިތު ކަން ނުވަތަ އެހެން ގައުމެއްގެ ހިމާޔަތް ދޫކޮށްލާތާ 10 އަހަރު ވެފައިވާން ޖެހޭ ގޮތަށް ރިޔާސީ އިންތިޚާބުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މަޖިލީހަށް ހުށަހެޅުއްވި އެ ބިލް މަޖިލީހުން މިދިޔަ ހަފުތާގައި ފާސްކުރީ އެހެން ގައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާ ނަމަ ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ހޯދާފައިވާ މީހެއް ނަމަ، އެ ގައުމެއްގެ ރައްޔިތު ކަން ނުވަތަ ހިމާޔަތް ދޫކޮށްލާތާ 10 އަހަރު ނުވަނީސް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށެވެ.
އެ އިސްލާހު މަޖިލީހަށް ފުރަތަމަ ހުށަހެޅީ އެހެން ގައުމެއްގެ ރައްޔިތު ކަން ދޫކޮށްލާތާ 10 އަހަރު ފާއިތުވެފައި ވާންޖެހޭ ގޮތަށެވެ. އެކަމަކު ކޮމެޓީ މަރުހަލާގައި އެ ބިލަށް ބަދަލު ގެނެސް، އެހެން ގައުމެއްގެ ހިމާޔަތުގައި އުޅެފައިވާ މީހުން ވެސް 10 އަހަރު ވެފައިވާންޖެހޭ ގޮތަށް ބަދަލު ގެނައީ އެވެ. އެ އިސްލާހަށް އިދިކޮޅު ފަރާތްތަކުގެ ގިނަ ފާޑު ކިޔުންތަކެއް އަމާޒުވި އެވެ.
އެ އިސްލާހުގެ އިތުރުން ސަރުކާރުގެ ފަރާތުން ރިޔާސީ އިންތިޚާބުގެ ގާނޫނަށާއި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހަޅައި، މަޖިލީހުން މިދިޔަ ހަފުތާގައި ފާސްކުރި އިސްލާހު ވެސް ރައީސް ޔާމީން މިއަދު ވަނީ ތަސްދީގު ކުރައްވައިފަ އެވެ.
ރިޔާސީ އިންތިޚާބުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅުމުން މަޖިލީހުން ގެނައި އިސްލާހަކީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފީ 40،000ރ. އިން އެއް ލައްކަ ރުފިޔާއަށް ބޮޑު ކުރުމެވެ. އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނައުމަށް މަޖިލީހުން ފާސްކުރި ބިލުގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ވޯޓު ކަރުދާހުގައި އިތުރު އެއްޗެއް ލިޔެފައި ނަމަ ނުވަތަ ކުރަހައިފި ނަމަ ވޯޓު ކަރުދާސް ބާތިލްވާ ގޮތަށާއި އިންތިޚާބީ ކުށްތައް އިތުރު ކުރުމާއި އެ ކުށުގެ އަދަބުތައް ބޮޑުކުރުން ވެސް ހިމެނެ އެވެ.