ޓައިގާ ޝްރޮފްގެ "ބާގީ 3" ގެ ޝޫޓިން ނޮވެމްބަރުގައި ފަށަނީ
ޓައިގާ ޝްރޮފްގެ "ބާގީ 3" ގެ ޝޫޓިން ނޮވެމްބަރުގައި ފަށަނީ

މި އަހަރު 100 ކްރޯޑަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ޓައިގާ ޝްރޮފްގެ ކާމިޔާބު ފްރެންޗައިޒް "ބާގީ" ގެ ތިން ވަނަ ބައިގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފެށުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

"ބާގީ 3" ހަދާކަން އިއުލާންކުރީ މިދިޔަ މާޗް 30 ގައި "ބާގީ 2" ރިލީޒް ކުރުމުގެ ކުރިންނެވެ. ދެވަނަ ބަޔާ އެއްގޮތަށް ތިން ވަނަ ބައި ވެސް ޑައިރެކްޓް ކުރާނީ މަޝްހޫރު ކްރޮއޮގްރާފަރު އަހުމަދު ހާނެވެ.

ދެހާސް ސޯޅައިގައި ރިލީޒް ކުރި "ބާގީ" ޑައިރެކްޓްކުރީ ސަބީރް ހާނެވެ.

ބޮކްސް އޮފީހުގައި 253.18 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި "ބާގީ 2" ހަދަން ހަރަދު ކުރީ 59 ކްރޯޑް ރުޕީސް އެވެ.

"ބާގީ 2" ގެ މައިގަނޑު ޕްލޮޓަކީ 2016 ގައި ރިލީޒް ކުރި ތެލެގޫ ފިލްމް "ކްޝަނަމް" އެވެ. އޭގައި ކިޔައިދިނީ ކުރީގެ ލޯބިވެރިޔާގެ ދަރިފުޅު ކިޑްނެޕް ކުރުމުން ސިފައިންގެ އޮފިސަރަކު، އެ ކުއްޖާ ސަލާމަތް ކުރަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ކަންތައްތަކެކެވެ.

މީޑިއާތަކުން އަހުމަދާ ހަވާލާދީ ބުނެފައި ވަނީ "ބާގީ 3" ގެ ސްކްރިޕްޓަކީ އޮރިޖަނަލް އެެއްޗެއް ކަމަށާއި މި ފަހަރުގެ ފިލްމްގެ ވަރަށް ބޮޑު ބައި ސީރިއާގައި ޝޫޓް ކުރާނެ ކަމަށެވެ.

އެގޮތުން ފިލްމްގައި މި ފަހަރު ވެސް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމެނޭނެ ކަމަށާއި އެމް16، އޭޓީ4 އަދި ރޮކެޓް ލޯންޗާޒް ފަދަ ހަތިޔާރުތައް ބޭނުންކުރަން ޓައިގާ ދަސްކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"ބާގީ 3" ގެ ޝޫޓިން ނޮވެމްވަރުގައި ފަށަން ތާވަލުކުރި ނަމަވެސް، ފިިލްމްގެ ބަތަލާއަކީ ކާކު ކަމެއް އަދި އިއުލާނެއް ނުކުރެ އެވެ. "ބާގީ" ގައި ޝްރަދާ ކަޕޫރް ބަތަލާގެ ރޯލް ކުޅުނު އިރު، "ބާގީ 2" ގެ ބަތަލާއަކީ ޓައިގާގެ ލޯބިވެރިޔާ ޑިޝާ ޕަޓްނީ އެވެ.

ޓައިގާ ވަނީ "ބާގީ 2" ކުޅެން ހަށިގަނޑު ވެސް ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އެކަމަކު އޭނާ މިހާރު ކުޅެމުން އަންނަ "ސްޓޫޑަންޓް އޮފް ދި އިޔާ 2" ކުޅެން ވަނީ މަސްތައް ވިރުވާލައިފަ އެވެ. އެ ފިލްމް ސިނަމާތަކަށް އަންނާނީ ނޮވެމްބަރު މަހުގެ 23 ގަ އެވެ.

"ބާގީ 3" ގެ އިތުރުން ވެސް ޓައިގާގެ ކުރިއަށް ހުރި ފިލްމްތަކަކީ އެކްޝަން ފިލްމްތަކަށްވާތީ، އަނެއްކާ ވެސް ހަށިގަނޑު ވަރުގަދަ ކުރަން ޖެހޭނެ އެވެ.

އޭގެ ތެރޭގައި އޮކްޓޯބަރު، 2، 2020 އަށް ތާވަލުކޮށްފައިވާ "ރާމްބޯ" ގެ ރިމެކިން އާއި އަދި ނަން އިއުލާންކޮށްފައި ނުވާ ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެއް ހިމެނެ އެވެ. އޮކްޓޯބަރު، 2، 2019 ގައި ރިލީޒް ކުރާ އެ ފިލްމްގައި ޓައިގާ ފެނިގެން ދާނީ ރިތިކް ރޯޝަނާއި ވާނީ ކަޕޫރާ އެކުގަ އެވެ.

މި ދެ ފިލްމްގެ ޑައިރެކްޓަރަކީ ވެސް "ބޭންގް ބޭންގް" ގެނެސް ދިން ސިދާތު އާނަންދް އެވެ.