ހޮހަޅައިން ކުދިން ފެނުނު އިރު އެންމެ ހާލު ދެރައީ ކޯޗު
ހޮހަޅައިން ކުދިން ފެނުނު އިރު އެންމެ ހާލު ދެރައީ ކޯޗު

ބެންކޮކް (ޖުލައި 9) - ތައިލެންޑުގެ ހޮހަޅައިގައި ތެރޭގައި ތިބި ކުދިން މި މަހު 2 ވަނަ ދުވަހު ހޯދިއިރު އެންމެ ހާލު ދެރައީ އެ ކުދިންގެ ކޯޗު އެކަޕޯލް ޗަންތަވޮން ކަމަށް ރެސްކިއު ޓީމުގެ މެންބަރުން ބުނެފި އެވެ.

ރެސްކިއު އޮފިޝަލުން ބުނީ ވައިލްޑް ބޯސް ފުޓުބޯޅަ ޓީމުގެ އުމުރުން 11-16 އަހަރާ ދެމެދުގެ 12 ކުދިންނަށް ވަނީ އެ ކުދިންގެ އެސިސްޓެންޓް ކޯޗު އެކަޕޯލްގެ ކާނާ ކޮޅު ވެސް ދީފަ އެވެ. ހޮހަޅަ އަށް އެ މީހުން ވަނީ ކޮންމެވެސް ވަރަކަށް ކާނާ އާއި ފެން ހިފައިގެންނެވެ. އޮފިޝަލުން ބުނީ 25 އަހަރުގެ ކޯޗު ވަނީ އެ ކުދިންނަށް ވަރަށް ހިތްވަރު ދީފައި ކަމަށެވެ. މި ގޮތުން ކާ ތަކެތިކޮޅު ގިނަ ދުވަހަށް ހިފަހައްޓާނެ ގޮތަކާއި ހަކަތަ މަދުވިޔަ ނުދީ އުޅެވޭނެ ގޮތްތައް ކޯޗު ވަނީ އެ ކުދިންނަށް ކިޔައިދީފަ އެވެ.

ހޮހަޅަ އަށް އެ ކުދިން ވަނުމުގެ ކުރިން ޗިޕްސް އާއި ފެން ގަތް ކަމަށް އެ ސަރަހައްދުގައި އުޅުނު އަންހެނަކު ވަނީ ބުނެފަ އެވެ.

ހޮހަޅައިގައި ތިބި ކުދިން އާއިލާތަކަށް ފޮނުވި އަސަރުގަދަ ސިޓީގައި ކޯޗު އެކަޕޯލް ވަނީ ބެލެނިވެރިންގެ ކިބައިން މައާފަށް އެދިފަ އެވެ. އަދި ބެލެނިވެރިން ވަނީ ކޯޗު ދެކެ އެ މީހުން ރުޅި ނާންނަ ކަމަށް ބުނެފަ އެވެ. އެކަމަކު ވިއްސާރަ ދުވަސްވަރު ހޮހަޅަ އަށް ނުވަނުމަށް ބޮޑު އިންޒާރެއް ލިޔެފައި ވަނިކޮށް އެ ކުދިން ގޮވައިގެން ހޮހަޅަ އަށް ވަދެފައިވާތީ ބައެއް މީހުންގެ ފާޑު ކިޔުން ކޯޗަށް އަމާޒުވެފައިވެ އެވެ.

ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއި ކޯޗު ހޮހަޅަ އަށް ގެއްލުނީ މިދިޔަ މަހު 23 ވަނަ ދުވަހު އެވެ. ނުވަ ދުވަސް ފަހުން، މި މަހު 2 ވަނަ ދުވަހުގެ ރޭ އެ ކުދިން ހޯދާފައި ވަނީ އިނގިރޭސި ވިލާތުގެ ދެ ޑައިވަރުންނެވެ.

ފުޓްބޯޅަ ޕްރެކްޓިހަށް ފަހު ހޮހަޅަ ބަލާލަން އެ ކުދިން އެ ތަނަށް ވަން އިރު މޫސުން ރަނގަޅެވެ. ނަމަވެސް ހޮހަޅައިގައި ތާށިވީ އެތެރެއަށް ވަން ފަހުން ވާރޭ ވެހި ބޮޑުވި ފެންގަނޑު ހޮހަޅައަށް ދަމައިގަތުމުންނެވެ. ހޮހަޅަ އަށް އެ ކުދިން ގެއްލުނީ އެ ތަނުން އެ ކުއްޖެއްގެ 17 ވަނަ އުފަން ދުވަހު އެވެ.