ޕަވާޑްގެ ހުވަފެން ފެށުނީ ފްރާންސް-ބެލްޖިއަމް ބޯޑަރުން
ޕަވާޑްގެ ހުވަފެން ފެށުނީ ފްރާންސް-ބެލްޖިއަމް ބޯޑަރުން

ދިހަ ހާސް މީހުންގެ އާބާދީއެއް އޮންނަ ފްރާންސްގެ ޖުމޮންޓް އަވަށް އޮންނަނީ ބެލްޖިއަމާއި ފްރާންސް ގުޅޭ ބޯޑަރު ކައިރީގަ އެވެ. ޖުމޮންޓަކީ މީގެ ކުރިން ވެސް މަޝްހޫރު ކުޅިވަރު ކުޅުންތެރިންތަކެއް އުފެދިފައިވާ ތަނެކެވެ. އެކަމަކު އޭގެ ތެރެއިން ގިނަ ކުދިން އިހުތިޔާރުކުރީ ބެލްޖިއަމް އެވެ. އެކަމަކު މިހާރު ފްރާންސް ޓީމަށް ކުޅޭ ބެންޖަމިން ޕަވާޑްގެ ވިސްނުން އޭރު ވެސް ތަފާތެވެ. އޭނާ ބޭނުންވީ ޔޫރަޕްގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ޖުމޮންޓަށް ނިސްބަތްވާ ފްރާންސްގެ ކުރީގެ ފޯވާޑް ޖިއަން ޕިއޭ ޕަޕިންގެ މަގުން ކުރިއަށް ގޮސް ފްރާންސް ގައުމީ ޓީމުން ފުރުސަތު ހޯދުމަށެވެ. ޕަވާޑަށް އެކަން ހާސިލްވީ އުއްމީދު ވެސް ނުކުރާހާ އަވަހަށެވެ.

ޕަވާޑްގެ ހުވަފެން ފެށުނީ ފްރާންސް-ބެލްޖިއަމް ބޯޑަރުން
ޕަވާޑްގެ ހުވަފެން ފެށުނީ ފްރާންސް-ބެލްޖިއަމް ބޯޑަރުން

ޕަވާޑުގެ ފުޓްބޯޅަ ހުނަރަކީ އެންމެ ކުރިން ވެސް ޖުމޮންޓަށް ނިސްބަތްވާ ގިނަ ބަޔެއްގެ ޝައުގުވެރިކަން ހޯދި ކަމެކެވެ. ޕަވާޑުގެ ޔޫތު ކޯޗަކަށް މަސައްކަތްކުރި ސަލިވަން ސްކީބާ ބުނީ އުމުރުން ހަ އަހަރުގައި ވެސް ޕަވާޑުގެ ހުނަރު ހުރީ އެ އުމުރުގެ އެހެން ކުޅުންތެރިންނަށް ވުރެން މާ އުހުގަ އެވެ. ސްކީބާ ކޯޗުކޮށްދިންއިރު އެހެން ކުޅުންތެރިންނަށް މިސާލެއްގެ ގޮތުގައި ދައްކައި އުޅުނީ ވެސްް ޕަވާޑް އެވެ.

ޕަވާޑްގެ ހުވަފެން ފެށުނީ ފްރާންސް-ބެލްޖިއަމް ބޯޑަރުން
ޕަވާޑްގެ ހުވަފެން ފެށުނީ ފްރާންސް-ބެލްޖިއަމް ބޯޑަރުން

އޭއެފްޕީ އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޕަވާޑް ބުނީ ކުޑައިރުގައި އޭނާގެ ރަހުމަތްތެރިން ބެލްޖިއަމަށް ކުޅެން ބޭނުންވާ ވާހަކަ ދެއްކުމުން އޭނާ އެ ގައުމަށް ވެސް ކުޅެން ބޭނުންވި ކަމަށެވެ. އެކަމަކު އެ ހުރިހާ ކަމަކަށް ވުރެ އޭނާ އަށް މުހިއްމުވީ ޕަޕިން ގޮތަށް ޖުމޮންޓުން ދަތުރު ފަށައިގެން ގޮސް ފްރާންސް ގައުމީ ޓީމަށް އެރުމަށެވެ.

ޖުމޮންޓުގެ އެކެޑަމީގައި ޕަވާޑް ދެއްކި ކުޅުމާ އެކު އޭނާ އަށް ގިނަ ބަޔެއްގެ ލޯ ތައް އަމާޒުވި އެވެ. އެއާ އެކު ފްރާންސްގެ ކްލަބްތަކުން ޕަވާޑް ހޯދަން މަސައްކަތް ފެށި އެވެ. ޕަވާޑްގެ ސޮއި ހޯދީ ފްރާންސްގެ މަޝްހޫރު ކްލަބް ލިއްލޭ އިންނެވެ. އެއީ ޖުމޮންޓް އޮންނަ ސަރަހައްދުގެ އެންމެ މަޝްހޫރު ކްލަބެވެ.

ލިއްލޭ ޔޫތު ޓީމުގައި ވެސް ޕަވާޑް ވަނީ ތަފާތު ދައްކައިފަ އެވެ. އުމުރުން އޭރު އެންމެ 18 އަހަރުގެ ޕަވާޑަށް، ލިއްލޭގެ ކޯޗު ރެނޭ ޖިރާޑަށް ޕަވާޑްގެ ކުޅުން އެންމެ ބޮޑަށް ކަމުދިޔައީ އޭނާ އަކީ އެއް ފެންވަރެއްގައި ޑިފެންސްގެ ކޮންމެ މަގާކަށް ވެސް ކުޅެވޭ ކުޅުންތެރިއަކަށްވާތީ އެވެ. ޖިރާޑުގެ ކޯޗުކަމުގައި ކުޅުނު ލިއްލޭގެ ފުރަތަމަ ޓީމުން 2015 ވަަނަ އަހަރު ޕަވާޑަށް ފުރުސަތު ދިނެވެ. ޖިރާޑް ބުނީ ޕަވާޑް ފެންނަނީ އެ އުމުރަށް ވުރެ މާ ހަމަޖެހޭ ފުޓްބޯޅައެއް ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައި ކަމަށެވެ.

ލިއްލޭ ކޯޗުކަމުން 2016 ވަނަ އަހަރު ޖިރާޑް ވަކިވުމާ އެކު ދެން ޕަވާޑަށް އެ ޓީމުން ފުރުސަތު ހަނިވި އެވެ. އެ ހިސާބުން ކެރިއަރު ކުރިއަށްގެންދަން ޕަވާޑަށް ޖެހުނީ ޖަރުމަނުގެ މަޝްހޫރު ކްލަބް ސްޓުޓްގާޓަށް ބަދަލުވާށެވެ. ސްޓުޓްގާޓް އެ ސީޒަނުގައި ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވިއިރު، ޕަވާޑް އެ ޓީމާ ގުޅުނީ ކުޅުމުގެ ފުރުސަތު ޔަގީނުން ވެސް ލިބޭނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ.

ސްޓުޓްގާޓާ އެކު ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި އެ ޓީމު އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިން ސީޒަނުގައި ޕަވާޑް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި މިދިޔަ ސީޒަނުގައި އޭނާ ސްޓުޓްގާޓުގައި ދެއްކި މޮޅު ކުޅުމާ އެކު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހު ވޭލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ޕަވާޑަށް ފުރުސަތު ދީފަ އެވެ. ފުރަތަމަ ފުރުސަތުން ވެސް އުމުރުން 22 އަހަރުގެ ޕަވާޑް ތަފާތު ދެއްކުމާ އެކު ޑެޝޯމްޕްސް އޭނާ އަށް ގަވާއިދުން ޖާގަދޭން ފެށި އެވެ.

މި ފަހަރުގެ ވޯލްޑް ކަޕުގައި ފްރާންސުން ކުޅުނު ހުރިހާ މެޗެއްގައި ޕަވާޑް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ފްރާންސް ޓީމުން ދެ ވަނަ ބުރުގައި އާޖެންޓީނާގެ މައްޗަށް ކުރިހޯދިއިރު، އާޖެންޓީނާ އިން ދެ ވަނަ ހާފުގައި ލީޑުނެގުމާ އެކު ފްރާންސަށް ހަމަޖެހުމެއް ލިބުނީ ޕަވާޑްގެ ގޯލުން ނަތީޖާ ހަމަހަމަވުމުންނެވެ. މިއީ ޕަވާޑް ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. އަދި އެ ލަނޑާ އެކު ޕަވާޑް ވެފައިވަނީ 1998 ވަނަ އަހަރަށް ފަހު ވޯލްޑް ކަޕެއްގައި ގޯލު ޖެހި ފްރާންސްގެ ފުރަތަމަ ޑިފެންޑަރަށެވެ.

މީގެ ދެ އަހަރު ކުރިން ޕަވާޑަށް ޖެހުނީ ފްރާންސްގައި ކުރިއަށްދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެ ގައުމު ކުޅޭ މެޗުތަކަށް ޓިކެޓް ގަންނާށެވެ. އެ ކަމަކު އެ ހުރިހާ ކަމެއް ބަދަލުވެގެންދިޔައީ މިދިޔަ ނުވަ ވަރަކަށް މަސް ދުވަހު އެވެ. އޭނާ އަކީ ޖުމޮންޓުގެ އިތުރުން ފްރާންސްގެ ވެސް ތަރިއެކެވެ. ލިބުނު ފުރަތަމަ ފުރުސަތުގެ ބޭނުންހިފައި އޭނާ ދަނީ ފަސް ބެލުމެއް ނެތި ކުރިއަށެވެ. ވޯލްޑް ކަޕުގައި ޕަވާޑް ދެއްކި މޮޅު ކުޅުމާ އެކު ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުން ވަނީ އޭނާ ގަންނަން ނިންމައިފަ އެވެ.

ލިއްލޭ ޓީމުން ޕަވާޑަށް ދިން ފުރުސަތަށްޓަކައި ކޯޗު ޖިރާޑަށް ޕަވާޑް އަބަދުވެސް ޝުކުރުވެރިވެ އެވެ. ޖިރާޑް ދެކޭ ގޮތުގައި ޕަވާޑުގެ ކާމިޔާބީގެ ސިއްރަކީ އޭނާ މި ދަތުރު ފެށި ހިސާބު މަތިން އަބަދުވެސް އޭނާ ހަނދާން ހުރުމެވެ. އެއްވެސް ކަމެއްގައި މާޔޫސްނުވެ ކުރިއަށް ވިސްނައިގެން ހުރުމެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ ބެލްޖިއަމާ ދެކޮޅަށް ފްރާންސް ޖޯޒީގައި ޕަވާޑް ނުކުންނައިރު، އޭނާ ހަނދާނުގައި ކުރިން ދުށް އެއް ހުވަފެނެއް އެބައޮތެވެ. އެއީ ވޯލްޑް ކަޕެއްގެ ފައިނަލުގައި ފްރާންސް ޖޯޒީގައި ކުޅުމެވެ. އެ ކަމަށް މި ވަގުތު އޮތް ހަމައެކަނި ހުރަހަކީ އޭނާގެ ގާތް އެކުވެރިން އޭނާ ދޫކޮށްފައިދިޔަ ބެލްޖިއަމް އެވެ. ޕަވާޑް ދެކޭ ގޮތުގައި ފްރާންސްގެ ކިބައިގައި ބެލްޖިއަމް ބަލިކުރެވޭނެ ފެންވަރު އެބަހުއްޓެވެ.

ފްރާންސާއި ބެލްޖިއަމް ކުޅޭ ސެމީ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 11 ޖަހާއިރު އެވެ.