މި ކުއްޖާ މިހާތަނަށް ހިނގީ މަސްދަޅުން ހަދާފައިވާ ދެ ފައިން
މި ކުއްޖާ މިހާތަނަށް ހިނގީ މަސްދަޅުން ހަދާފައިވާ ދެ ފައިން

ސީރިއާގެ ރެފިއުޖީ ކޭމްޕެއްގައި އާއިލާއާ އެކު ދިރިއުޅެމުން ދިޔަ މާޔާ މެރްހީ، 8، އަކީ އުފަންވީ ވެސް އިރު ދެފައި ނެތް ކުއްޖެކެވެ. އޭނާގެ ބައްޕަ މުހައްމަދު މެރްހީ، 34، އަކީ ވެސް ދެ ފައި ނެތް މީހެކެވެ. އެކަމަކު އިތުރު ފަސް ކުދިން ތިބި މުހައްމަދުގެ އެހެން އެއްވެސް ދަރިއަކަށް މި ހާލަތު ކުރިމައްޗެއް ނުވެ އެވެ.

މި ކުއްޖާ މިހާތަނަށް ހިނގީ މަސްދަޅުން ހަދާފައިވާ ދެ ފައިން
މި ކުއްޖާ މިހާތަނަށް ހިނގީ މަސްދަޅުން ހަދާފައިވާ ދެ ފައިން

ހަލަބްގައި އެ އާއިލާ ދިރިއުޅެމުން ދިޔަ ގެ އައިއެސްގެ ހަމަލާތަކުގައި ވީރާނާވުމުން، މާޔާ އާއި އޭނާގެ އާއިލާ ދިރިއުޅެމުން ދިޔައީީ ރެފިއުޖީ ކޭމްޕްގަ އެވެ. އެކަމަކު ނުކުޅެދޭ ހާލަތުގައި ހުއްޓަސް، މާޔާއަކީ ވަރަށް ތުއްތު އިރުއްސުރެ ވެސް ހަރަކާތްތެރިކޮށް އުޅެމުން ދިޔަ ކުއްޖެކެވެ. ނުކުޅެދޭ ކަމުގެ އިހުސާސެއް ނެތެވެ.

އޭނާ ބޮޑުވަމުން ދިޔަ ވަރަކަށް ބައްޕަ ދިޔައީ އެކި ކަހަލަ އާލާތްތައް ބޭނުންކޮށްގެން "ފައި" ހަދައިގެން މާޔާ އަށް ފަސޭހަ ދިރިއުޅުމެއް ހޯދައި ދެވޭތޯ މަސައްކަތް ކުރަމުންނެވެ. އޭގެ ނަތީޖާ ވެސް ރަނގަޅެވެ.

މާޔާއަކީ ކޭމްޕްގައި ހިންގާ ސްކޫލްގައި ކިޔަވާ ވެސް ކުއްޖެކެވެ. އެހެން މީހުންނެކޭ އެއްގޮތަށް އޭނާ ވެސް އުޅެނީ ހަމަ ހިނގައިފަ އެވެ. ތަފާތަކީ ގުދުރަތީ ދެ ފައި ނެތްކަން އެކަންޏެވެ.

މާޔާގެ މި ހާލަތު ތުރުކީގެ ރެޑް ކްރެސެންޓްގެ ޓީމެއްގެ ލޮލުގައި އަޅައިގަތުމާ އެކު އެހީވާން ނިންމި އެވެ.

މާޔާގެ ދެ ފަޔަކީ ހޮޅި އާއި ހުސް މަސްދަޅު ބޭނުންކޮށްގެން ހަދާފައިވާ ދެ ފައެވެ. އެ ހާލަތުގައި އެ ތުއްތު ކުއްޖާ ދައްކަމުން ދިޔަ ހިތްވަރާއި އާންމު އެހެން އިންސާނުންނެކޭ އެއްފަދައިން ހިނގައިބިނގާވެ އުޅޭ ތަން ފެނުމުން އޭނާ އަށް އިތުރަށް އެހީވާން ތުރުކީގެ ރެޑް ކްރެެސެންޓުން ނިންމި އެވެ.

މިހާރު މާޔާ ހުރީ ޕްރޮސްތެޓިކް ފައެއް ލިބޭނެ ދުވަހެއްގެ އިންތިޒާތުގައި ބައްޕައާ އެކު ތުރުކީގަ އެވެ. އޭނާ އަށް ހިލޭ ސާބަހަށް ފަރުވާދޭ ޑރ. މެހެމެތު ޒެކީ ކުލްކޫ އަލް ޖަޒީރާ އަށް ވިދާޅުވި ގޮތުގައި މާޔާއަކީ ހަމަ އާދައިގެ ކުއްޖަކަށް ހެދިދާނެ އެވެ. އަދި މާޔާގެ މޫނުމަތިން ފެންނަ ހިނިތުންވުމާއި އުފާވެރިކަމުގެ ސަބަބުން އެ ކުއްޖާ ދިރިއުޅުމާ ދޭތެރޭ ފޮނި އުންމީދުތަކެއް ކުރާކަން ދޭހަވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އެހެންވެ ތިން މަސް ދުވަހަށް ތުރުކީގައި މަޑުކޮށްލައިގެން މާޔާގެ ހަޔާތް ބަދަލުކޮށްލެވޭނެ މަގު ފަހިވާނެ އެވެ. ޑރ. ޒެކީ ވަނީ މާޔާގެ ބައްޕަ އޭނާ އަށް ހޯދައިން ފަޔަށްޓަކައި ވެސް އެކަމަށް ހިތްވަރު ދީ ސާބަސް ދީފަ އެވެ.

"މާޔާ އަށް ހިނގޭނެ ގޮޮތް ހަދައި ދީފައި އޮތުމަކީ އޭނަގެ ބައްޕަ ކުރި ވަރަށް ވެސް ބުއްދިވެރި ކަމެއް. އަދި ނިކަމެތި ހާލަތުގައި ތިބެގެން ވެސް މާޔާ އަށް އެ ފުރުސަތު ހޯދައި ދިނުމަކީ ހިތްވަރު ދޭން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ނުކުޅެދޭ ހާލަތުގައި ވެސް ދަރިއަކަށްޓަކައި ބައްޕަވަމުން ދިޔަ ގުރުބާނީގެ އަގު ވަޒަން ކުރުމުގެ ގޮތުން ޑރ. ޒެކީ އާއި އޭނާގެ ޓީމުން މިހާރު ވަނީ މާޔާގެ ބައްޕަ އަށް ވެސް ޕްރޮސްޓެތިކް ފައެއް ހަދިޔާކުރަން ނިންމައިފަ އެވެ.

"އަހަރެން މިހާރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ އާ ދެ ފައިން ހިނގާފައި ދަރިފުޅު ސްކޫލަށްދާ މަންޒަރު،" ފެންކަޅިވެފައި މާޔާގެ ބައްޕަ މުހައްމަދު ބުންޏެވެ.