31 ޖުލައި 2016 - 18:05

ރާއްޖޭގައި މީހުން އަލަތު ކައިވެނި ކުރާ އުމުރު މަތި ވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެންމެ ފަހުން ބޭއްވި ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ގިނަ ފިރިހެނުން އަލަށް ކައިވެނި ކުރަނީ އުމުރުން 25-29 އަހަރުގަ އެވެ. އަދި އަންހެނުން ކައިވެނި ކުރާ އުމުރުފުރާ އުޅެނީ 20-24ގަ އެވެ. އެކަމަކު 2006 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އޭރު ފިރިހެނުން އެންމެ ގިނައިން ކައިވެނި ކުރަނީ 20-24 އަހަރުގަ އެވެ. އަދި އަންހެނުން ކައިވެނި ކުރަނީ 18-19 އަހަރުގަ އެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު 25-29 އަހަރުގައި ކައިވެނި ކުރާ ފިރިހެނުންގެ ނިސްބަތަކީ 64 ޕަސެންޓެވެ. އަންހެނުންނަށް ބަލާއިރު 20-24 އަހަރާ ދެމެދު ކައިވެނި ކުރާ ނިސްބަތަކީ 52 ޕަސެންޓެވެ. މިއީ 2006 ވަނަ އަހަރުގެ ތަފާސްހިސާބުތަކާ އަޅައި ބަލާއިރު ތިން ޕަސެންޓް މަތި އަދަދެކެވެ.
ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 15 އަހަރުން މަތީގެ ދިވެހިންގެ އަދަދު 244،000 އަށް ވުރެ ގިނަ އެވެ. އެއީ 123,638 ފިރިހެނުންނާއި 121,318 އަންހެނުންނެވެ. މި އުމުރުފުރާގެ އާބާދީ 2006 ވަނަ އަހަރާ އަޅައި ބަލާއިރު 2014 ވަނަ އަހަރު ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ.
ކައިވެންޏާއި ދަރިމައިވުމާ ގުޅޭ ގޮތުން ބޯހިމެނުމުގައި ހިމަނާފައިވާ މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން އުޅެނީ ކައިވެނި ކޮށްގެންނެވެ. އަދި 15 އަހަރުން މަތީގެ 25 ޕަސެންޓް މީހުން ދުވަހަކު ވެސް ކައިވެނި ނުކުރާއިރު ހަތް ޕަސެންޓް މީހުން ވަރިވެފައި ވެ އެވެ. އަދި ތިން ޕަސެންޓް މީހުންނަކީ ފިރި ނުވަތަ އަނބި މަރުވެފައިވާ މީހުންނެވެ.
ދުވަހަކު ވެސް އަދި ކައިވެނި ނުކުރާ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. އެކަމަކު އޭގެ ތެރޭގައި ގިނައިން ހިމެނެނީ ވަރަށް ޅަ ޒުވާނުންނެވެ. ދެ ޖިންސުގެ ޒުވާނުންނަށް ބަލާއިރު އުމުރުން 30 އަހަރަށް އަޅާލާއިރު ދުވަހަކު ވެސް ކައިވެނި ނުކުރާ މީހުންގެ އަދަދު ނިސްބަތުން މަދުކަން ބޯހިމެނުމުގެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެ އެވެ.
ރާއްޖެއަކީ ނިސްބަތުން ވަރި ވަރަށް ގިނަ ގައުމެއް ނަމަވެސް މި ފަހުން ވަރީގެ އަދަދު މާ ބޮޑަށް މަތިނުވެ ވަނީ ހިފެހެއްޓިފަ އެވެ. އެގޮތުން 2006 އަހަރާއި 2014 ވަނަ އަހަރުގެ ބޯހިމެނުމަށް ބަލާއިރު ވަރީގެ ނިސްބަތް އިތުރުވެފައިވަނީ އެންމެ ޕަސެންޓެކެވެ.
ރާއްޖޭގައި ވަރިވެފައިވާ މީހުން އެންމެ ގިނައީ މެދު އުމުރުގަ އެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނަ މީހުންނަށް ފުރަތަމަ ދަރިފުޅު ލިބެނީ އުމުރުން 25-29އަހަރާ ދެމެދުގަ އެވެ. އެކަމަކު ހުރިހާ އުމުރެއްގެ މީހުންނާ ކުރި ސުވާލުތަކުން ރާއްޖޭގައި އަންހެނުން އެންމެ ފުރަތަމަ ވިހާ އުމުރެއްގެ ގޮތުގައި 21 އަހަރު ވަނީ ފާހަގަ ކުރެވިފަ އެވެ.