"ސްވެގް ސޭ ސްވާގަތު" އަށް 500 މިލިއަން ވިއުސް، އިންޑިއާގެ ރިކޯޑެއް
"ސްވެގް ސޭ ސްވާގަތު" އަށް 500 މިލިއަން ވިއުސް، އިންޑިއާގެ ރިކޯޑެއް

ޔޫޓިއުބްގައި މިހާތަނަށް 500 މިލިއަން ވިއުސް ހޯދި އިންޑިއާގެ ފުރަތަމަ ލަވައަކަށް ސަލްމާން ހާނާއި ކެޓްރީނާ ކެއިފް އެކްޓުކުރާ ލަވަ "ސްވެގް ސޭ ސްވާގަތު" ވެއްޖެ އެވެ.

މި ލަވައަކީ މިދިޔަ އަހަރު ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން ރިލީޒް ކުރި ކާމިޔާބު ފިލްމް "ޓައިގާ ޒިންދޭ ހޭ" ގެ ލަވައެކެވެ. އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރި ފިލްމްގައި ހިމެނޭ އެންމެ ކެޗީ އެއް ލަވައިގެ ކޮރިއޯ ހަދާފައި ވަނީ މަޝްހޫރު ކޮރިއޮގްރާފަރު ވައިބާވީ މާޗަންޓް އެވެ.

"ސްވެގް ސޭ ސްވާގަތު" ގެ މަންޒަރުތައް ނަގާފައި ވަނީ ގްރީސްގެ ހިތްގައިމު ލޮކޭޝަންތަކުގަ އެވެ.

ވިޝާލް-ޝޭކަރްގެ މިއުޒިކަށް ހަދާފައިވާ ލަވަ ކިޔާފައި ވަނީ ސޮނީން މިހާރު އޮޑިޝަން ދައްކަމުން އަންނަ "އިންޑިއަން އައިޑޮލް" ސީޒަން 10 ގެ ޖަޖުންގެ ތެރޭގައި ވެސް ހިމެނޭ ވިޝާލް ދަދްލާނީ އާއި ނީހާ ބާސިން އެވެ. "ސްވެގް ސޭ ސްވާގަތު" ގެ ޅެން ހަދާފައި ވަނީ އިރްޝާދު ކާމިލް އެވެ.

މި ލަވަ އަށް ޔޫޓިއުބްގައި 500 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބި، އިންޑިއާގެ ރިކޯޑަކަށްވެފައިވާ އިރު، ލަވައަކީ ބޮލީވުޑްގެ ލަވަތަކުގެ ތެރެއިން ޔޫޓިއުބްގައި އެންމެ އަވަހަށް 200، 300 އަދި 400 މިލިއަން ވިއުސް ވެސް ހަމަކުރި ލަވަ އެވެ.

މީގެ ކުރިން ވެސް ޔޫޓިއުބްގައި އެންމެ ގިނަ ވިއުސް ހޯދި އިންޑިއާގެ ލަވައަކީ ވައިއާރްއެފްގެ ފިލްމެއްގެ ލަވައެކެވެ. އެއީ 2016 ގައި އަދިތިޔާ ޗޯޕްޅާ ޑައިރެކްޓް ކުރި "ބޭފިކްރޭ" ގެ "ނަޝޭ ސެ ޗަޅް ގަޔީ" އެވެ. ރަންވީރް ސިންގް އާއި ވާނީ ކަޕޫރްގެ ނެށުންތައް ފެނިގެންދާ އެ ލަވަ ކިޔާފައި ވަނީ އަރްޖިތު ސިންގާއި ކެރަލީޒާ މޮންޓެއިރޯ އެވެ.

"ނަޝޭ ސެ ޗަޅް ގަޔީ" އަށް މިހާތަނަށް 435 އަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ.