ކްރޮއޭޝިއާގެ ވީޑާ އަށް ފީފާއިން އިންޒާރުދީފި
ކްރޮއޭޝިއާގެ ވީޑާ އަށް ފީފާއިން އިންޒާރުދީފި

ޒިއުރިކް (ޖުލައި 9) - މި ފަހަރުގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި ރަޝިއާ އަތުން ޕެނަލްޓީ ޖަހައިގެން ކްރޮއޭޝިއާ މޮޅުވި މެޗުގައި އެ ޓީމުގެ ޑިފެންޑަރު ޑޮމަގޯއި ވީޑާ ކުރި ވީޑިއޯއެއްގައި ސިޔާސީ މަންފާއެއް ހާސިލްވާ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ބުނެ ފީފާ އިން އޭނާ އަށް އިންޒާރުދީފި އެވެ.

ހޮނިހިރު ދުވަހުގެރޭ ރަޝިއާ އާއި ކްރޮއޭޝިއާ ކުޅުނު މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ވީޑާގެ ލަނޑުން ކްރޮއޭޝިއާ އިން ލީޑުނަގާފައި އޮއްވައި ރަޝިއާ އަށް އެއްވަރުކޮށްދިނީ މާރިއޯ ފެނާންޑޭޒް އެވެ. ޕެނަލްޓީ ޖަހައިގެން ކްރޮއޭޝިއާ މޮޅުވީ 4-3 އިންނެވެ.

މެޗަށް ފަހު ވީޑާ ކުރި ވީޑިއޯއެއްގައި ވަނީ މި މޮޅަކީ "ޔޫކްރޭނަށް ހާއްސަ މޮޅެއް" ކަމަށް ބުނެފަ އެވެ. އަދި ވީޑާއާ އެކު ކުރިން ޔޫކްރޭނުގެ ޑައިނަމޯ ކިއޭވަށް ކުޅުނު ކްރޮއޭޝިއާގެ އޮންޔެކް ވުކޮޖެވިޗް ވެސް ވަނީ އެ މޮޅު ޑައިނަމޯ އާއި ޔޫކްރޭނަށް ހާއްސަކޮށްފަ އެވެ.

ރަޝިޔާގެ ބައެއްގެ ގޮތުގައި 2014 ވަނަ އަހަރު ކްރައިމިއާ ހެދި މައްސަލާގައި އެ ގައުމާ ޔޫކްރޭނާއި ދެމެދު ވަނީ ސިޔާސީ ހަމަނުޖެހުންތަކެއް އުފެދިފަ އެވެ. ކްރައިމިއާ މައްސަލައިގައި އީޔޫ އިން މިހާރު ވެސް ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. ކްރައިމިއާ މައްސަލައިގައި މީގެ ކުރިން ވެސް ޔޫކްރޭނާއި ރަޝިއާގެ ކުޅުންތެރިންގެ ދެމެދުގައި ތަފާތު ހިޔާލުތަަފާތުވުންތަކެއް ފުޓްބޯޅަ ދަނޑުމަތީގައި އަދި ދަނޑު ބޭރުންވަނީ އުފެދިފަ އެވެ.

ވީޑާގެ މި ވީޑިއޯއާ އެކު ޔޫކްރޭނުގެ ގިނަ ސަޕޯޓަރުން ވަނީ އޭނާ އަށް އެކަމުގެ ޝުކުރު އަދާކޮށްފަ އެވެ. ވީޑާ ކުރި ވީޑިއޯ އިން ގޯސް މާނައެއް ނަގައިގެން ރަޝިއާގެ ގިނަ ބަޔަކު އޭނާ އަށް ފާޑުކިޔަން ފެށީ ޔޫކްރޭނުގެ ސަޕޯޓަރަކު އެ ވީޑިއޯ ޔޫޓިއުބަށްލި ހިސާބުންނެވެ. ރަޝިއާގެ ގިނަ ބަޔަކު ވަނީ ސެމީ ފައިނަލަށް ވީޑާ ސަސްޕެންޑްކުރުމަށް ގޮވާލައިފަ އެވެ.

އެއާ އެކު ވީޑާ ވަނީ ރަޝިއާގެ ސްޕޯޓްސް އެކްސްޕްރެސް އަށް ދިން އިންޓަވިއުއެއްގައި މިއީ ސިޔާސީ ކަމެއް ނޫން ކަމަށާއި މިއީ ހަމައެކަނި އޭނާގެ ސަޕޯޓަރުންނާއި ރައްޓެހިންގެ މެދުގައި ޖޯކަކަށް ހަދައިގެން ދެއްކި ވާހަކައެއް ކަމަށެވެ. އަދި އޭނާ އަކީ ރަޝިއާ އާއި ޔޫކްރޭނަށް ވެސް ތާއީދުކުރާ މީހެއް ކަމަށް ބުންޏެވެ.

ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން މި ވީޑިއޯގެ މައްސަލަ ބެލުމަށް ފަހު ނިންމީ ވީޑާ އަށް އިންޒާރެއް ދިނުމަށެވެ. އަދި ފުޓްބޯޅައިގައި ސިޔާސީ މަންފާއެއް ލިބޭ ފަދަ އެއްވެސް ކަމެއް ތަކުރާރު ނުކުރަން އެންގި އެވެ.

މި ފަހަރުގެ ވޯލްޑް ކަޕުގައި ފީފާއިން ވަނީ ސިޔާސީ މަންފާއެއް ލިބޭ ގޮތަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރި ސްވިޒަލެންޑުގެ ދެ ކުޅުންތެރިން ކަމަށްވާ ޒެރްޑަން ޝަގީރީ އާއި ގްރޭނިޓް ޝާކާ އަށް އަދަބުދީފަ އެވެ.

ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރިއިރު އެ ދެ ކުޅުންތެރިން އަތުގެ އިޝާރާތުން "ޑަބަލް އީގަލް" ދައްކާލިއިރު، މިއީ ސާބިއާ އާއި އަލްބޭނިއާއާ ދެމެދު ކޮސޯވޯގެ މައްސަލައިގައި ހިނގި ހަމަނުޖެހުންތަކުގައި އަލްބޭނިއާ މީހުންނަށް އޮތް ސަޕޯޓް ދައްކުވައިދޭ އިޝާރާތެކެވެ. އެއީ އަލްބޭނިއާ ދިދައިގައިވާ ނިޝާނަށް ނިސްބަތްކޮށް ބޭނުންކުރާ ނިޝާނެކެވެ.

ޝަގީރީ އާއި ޝާކާ އަކީ އަލްބޭނިއާ ދަރިކޮޅަށް ނިސްބަތްވާ ދެ ކުޅުންތެރިންނެވެ. އެ ދެ ކުޅުންތެރިންނަށް އެގޮތަށް ކަންތައް ކުރެވުނީ ޖަޒުބާތުގައި ޖެހިގެން ކަމަށް ބުނެފައިވަނިކޮށް ފީފާއިން އެ މައްސަލަ ބެލުމަށް ފަހު ނިންމީ އެ ދެ ކުޅުންތެރިން ޖޫރިމަނާ ކުރުމަށެވެ. އަދި އެ ދެ ކުޅުންތެރިންނާ އެކު އެ އުފާފާޅުކުރުންތަކުގައި ބައިވެރިވި ސްވިޒަލެންޑުގެ ކެޕްޓަން ސްޓެފަން ލެސްޓައިނާ ވެސް ޖޫރިމަނާކުރި އެވެ.