09 ޖުލައި 2018 - 11:32

ބެންކޮކް (ޖުލައި 9) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިން އިއްޔެ ނެރުނު ހަތަރު ކުދިން ވެސް ތިބީ ސަލާމަތުން ކަމަށާއި އެ ކުދިންގެ ހިތްވަރަށް ސާބަސް ދޭ ކަމަށް ތައިލެންޑުގެ ދާޚިލީ ވަޒީރު އަނުޕޮން ޕައޮޖިންދާ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ހޮހަޅައިގައި ބާކީ ތިބި ނުވަ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރާނީ ހަތަރު ކުދިން އިއްޔެ ސަލާމަތް ކުރި ޑައިވަރުންގެ ޓީމުން ކަމަށެވެ. ހަތަރު ކުދިން ނެރުމަށް ފަހު އޮޕަރޭޝަން ރޭ މެދުކަނޑާލީ އޮކްސިޖަން ފުޅިތައް ރިފިލް ކުރުމަށެވެ. އޭނާ ވިދާޅުވީ އޮޕަރޭޝަން ކުރިއަށް ގެންދާނެ ގޮތަކާ މެދު އޮފިޝަލުން މިއަދު ހެނދުނު ބައްދަލު ކުރަމުންދާ ކަމަށެވެ.
ހޮހަޅައިން ސަލާމަތް ކުރި ހަތަރު ކުދިންގެ މައުލޫމާތު އާއްމުކޮށްފައެއް ނުވެ އެވެ. އަދި ސަލާމަތް ކުރީ ކޮން ކުދިންނެއްކަން އެ ކުދިންގެ މައިންބަފައިންނަށް ވެސް އަންގައިފައެއް ނުވެ އެވެ.
އޮޕަރޭޝަން ކޮމާންޑަރު އަދި ޗިއާން ރާއި ޕްރޮވިންސްގެ ގަވަރުނަރު ނަރޮންގްސަކް ވިދާޅުވީ ފުރަތަމަ ކުއްޖާ ހޮހަޅައިން ނެރުނީ ތައިލެންޑް ގަޑިން އިއްޔެ ހަވީރު 5:40 ގައި ކަމަށެވެ. ދެ ވަނަ ކުއްޖާ ނެރުނީ އޭގެ 10 މިނިޓް ފަހުންނެވެ. އަނެއް ދެ ކުދިން ނެރުނީ ތައިލެންޑް ގަޑިން 7:40 އަދި 7:50 ގައި ކަމަށް އޭނާ ވިދާޅުވި އެވެ. ކޮންމެ ކުއްޖަކާ އެކު ވެސް ދެ ޑައިވަރުން ފީނި އެވެ.