10 ޖުލައި 2018 - 07:06

ފިލްމް ކުޅެން ނިންމުމަކީ މަންމަ ސްރީދޭވީ އެހާ އުފާވި ނިންމުމެއް ނޫން ކަމަށާއި އެކަމަކު އެކްޓިން ޓްރެއިނިންތަކެއް ހެދުމުން މިއީ ހަގީގަތުގައި ވެސް ކުރިއަށް ދާންވީ ދާއިރާކަން ގަބޫލުކުރެވުނު ކަމަށް ސްރީ ދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރް ބުނެފި އެވެ.
އޭނާ ބޮލީވުޑަށް ތައާރަފުވާ ފިލްމް "ދަޅަކް" މި މަހުގެ 20 ގައި ރިލީޒްކުރާ އިރު، 21 އަހަރުގެ ބަތަލާ ބުނީ އެ ފިލްމުން އޭނާ އަށް ބޮލީވުޑަށް ނުކުންނަން ލިބުމަކީ ވަރަށް ބޮޑު ނަސީބެއް ކަމަށެވެ. ޝަޝަންކް ކައިތާން ޑައިރެކްޓްކޮށް، ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާންގެ ކައްތަރު ބަތަލުގެ ރޯލް ކުޅެފައިވާ ފިލްމަކީ 2016 ގައި ރިލީޒްކުރި މަރާޓީ ފިލްމް "ސައިރާޓް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.
ޖާންވީ ބުނި ގޮތުގައި ފެބްރުއަރީ މަހުގެ 24 ގައި ސްރީދޭވީ މަރުވުމުގެ ކުރިން "ދަޅަކް" ގެ ފުރަތަމަ 25 މިނިޓް އެޑިޓިން މަރުހަލާގައި މަންމަ ބެލި އެވެ.
"އެކަމަކު އަހަރެން އެކްޓިން އަށް ނުކުންނަން ނިންމުމަކީ މަންމަ އެހާ އުފާވި ކަމެއް ނުވި. މަންމަ އާއި ބައްޕައަކީ އަބަދު ވެސް އަހަންނަށް ވަރަށް ޕްރޮޓެކްޓިވް ބައެއް. އެ މީހުން ގަބޫލުކުރާ ގޮތުގައި އިންޑަސްޓްރީގެ ކެރިއާއެއް ހެންޑްލް ކުރެވޭ ވަރަށް ވުރެ އަދިވެސް އަހަރެން ޅަ،" ޑީއެންއޭ އަށް ޖާންވީ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ދަރިންނަށް އުފާވެރި ހަޔާތެއް ހޯދައި ދޭން ސްރީދޭވީ ވަނީ މާ ބޮޑަށް ވެސް ބުރަކޮށް މަސައްކަތްކޮށްފަ އެވެ. އެހެންވެ އެކަހަލަ ތަޖުރިބާއެއް ދަރިން ކުރަން ޖެހުމަކީ ސްރީދޭވީ އެހާ ހިތްހަމަޖެހޭ ކަމެއް ނޫން ކަމަށް ވެސް ޖާންވީ ބުންޏެވެ.
"މަންމަ ވާނެ ވަރަށް ބުރަކޮށް ފިލްމީ ދާއިރާގައި މަސައްކަތް ކުރި މީހަކަށް. އަދި ވަރަށް ގިނަ ކަންކަން ތަޖުރިބާ ކުރި މީހަކަށް. އޭގެ ތެރޭގައި ހިތާމަ އާއި އުފާވެރި އަދި އެހާ ހިތްރުހިގެން ނޫން ގޮތަށް ކުރަން ޖެހުނު ކަންކަން ވެސް ހިމެނޭ. އަހަންނަށް ގަބޫލު ކުރެވޭ ގޮތުގައި މި ދާއިރާ އަށް އަހަރެން ނުކުންނަން ނިންމީމަ މަންމަ އެކަމާ އެހާ ބޮޑަށް އުފާ ނުވީ އެކަހަލަ ސަބަބުތަކެއް ހުރީމަ،" ޖާންވީ ބުންޏެވެ.
ޖާންވީއަކީ އެމެރިކާގެ ލޮސް އެންޖެލިސްގެ ދަ ލީ ސްޓްރަސްބާގް ތިއޭޓަ އެންޑް ފިލްމް އިންސްޓިއުޓުން ދަރިވަރުވެފައިވާ ބަތަލާއެކެވެ.
"އަހަރެން އެކްޓިން ޓްރޭނިންތަކެއް ހެދީމަ ގަބޫލު ކުރެވުނު މިއީކަން ހަގީގަތުގައި ކުރިއަށް ދާން ބޭނުންވާ ދާއިރާއަކީ. މަސައްކަތް ކުރާނަން މަންމަގެ ލެގަސީ ދަމަހައްޓަން،" އޭނާ ބުންޏެވެ. "އަހަރެން ވަރަށް ބޭނުން ބެލުންތެރިން ބަލައި ގަންނަ ކަހަލަ މޮޅު ބަތަލާއަކަށް ވާން. ފުރަތަމަ ރިލީޒްވާ އިރު، މަންމަ ދުނިޔޭގައި ހުރި ނަމަ އަހަރެން ވަރަށް އުފާވީސް."