ހަތަރު ކުދިން ނެރުމުގެ އޮޕަރޭޝަން ދިޔައީ ވަރަށް އޮމާންކޮށް:ކޮމާންޑަރު
ހަތަރު ކުދިން ނެރުމުގެ އޮޕަރޭޝަން ދިޔައީ ވަރަށް އޮމާންކޮށް:ކޮމާންޑަރު

ބެންކޮކް (ޖުލައި 9) - ތައިލެންޑުގެ ހޮހަޅައިގައި ތާށިވި ކުދިން ނެރުމަށް އިއްޔެ ހިންގި އޮޕަރޭޝަނުގައި ހަތަރު ކުދިން ސަލާމަތުން ނެރުމުގައި މައްސަލައެއް ދިމާނުވާ ކަމަށާއި ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް އޮމާންކޮށް ކަމަށް އޮޕަރޭޝަންގެ ކޮމާންޑަރު އަދި ޗިއާން ރައީ ޕްރޮވިންސްގެ ގަވަރުނަރު ނަރޮންގްސަކް އޮސޮތަނަކޯން ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ހަތަރު ކުދިން ވެސް މިހާރު ތިބީ ސަލާމަތުން ކަމަށެވެ. ނަމަވެސް އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ. ހޮހަޅައިން ކުދިން ނެރެގެން ސްޓްރެޗަރުގައި އެމްބިއުލެންސަށް ގެންދާ މަންޒަރުގެ ވީޑީއޯތައް ވަނީ އާއްމުވެފަ އެވެ.

ނަރޮންގްސަކް ވިދާޅުވީ ހަތަރު ކުދިން ހޮހަޅައިން ނެރުމަށް ފަހު އޮޕަރޭޝަން ރޭ މެދުކަނޑާލީ އޮކްސިޖަން ފުޅިތައް ރިފިލް ކުރުމަށް ކަމަށެވެ. އަދި އެކަމަށް 10-20 ގަޑިއިރު ހޭދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ބާކީ ތިބި ނުވަ މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން މިއަދުގެ ވަގުތެއްގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ހޮހަޅައިން ކުދިން ނެރުނު އިރު ކޮންމެ ކުއްޖަކާ އެކު ދެ ޑައިވަރުން ފީނި އެވެ. ނަރޮންގްސަކް ވިދާޅުވީ ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި ތައިލެންޑުގެ ނޭވީ ސީލުގެ 40 ޑައިވަރުންނާއި ބޭރު ގައުމުތަކުގެ 50 ޑައިވަރުން ބައިވެރި ކަމަށެވެ.

ތައިލެންޑުގެ "ވައިލްޑް ބޯ" ނަމަކަށް ކިޔާ ފުޓުބޯޅަ ޓީމުގެ 12 ކުދިންނާއި އެ ކުދިންގެ 25 އަހަރުގެ ކޯޗު ހޮހަޅަ އަށް ގެއްލުނީ މިދިޔަ މަހު 23 ވަނަ ދުވަހު އެވެ. ނުވަ ދުވަސް ފަހުން، މި މަހު 2 ވަނަ ދުވަހުގެ ރޭ އެ ކުދިން ހޯދާފައި ވަނީ އިނގިރޭސި ވިލާތުގެ ދެ ޑައިވަރުންނެވެ.

ފުޓްބޯޅަ ޕްރެކްޓިހަށް ފަހު ހޮހަޅަ ބަލާލަން އެ ކުދިން އެ ތަނަށް ވަން އިރު މޫސުން ރަނގަޅެވެ. ނަމަވެސް ހޮހަޅައިގައި ތާށިވީ އެތެރެއަށް ވަން ފަހުން ވާރޭ ވެހި ބޮޑުވި ފެންގަނޑު ހޮހަޅައަށް ދަމައިގަތުމުންނެވެ.