31 ޖުލައި 2016 - 11:27

މެޑްރިޑް (ޖުލައި 31) - ސްޕެނިޝް ލީގުގެ ސެވިއްޔާގެ ފްރާންސް ފޯވާޑް ކެވިން ގަމެއިރޯ ވާދަވެރި އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެއްޖެ އެވެ.
އެތުލެޓިކޯ އިން ގަމެއިރޯ ގަތް އަގެއް ހާމައެއް ނުކުރެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި އަގަކީ 28 މިލިއަން ޕައުންޑެވެ. އުމުރުން 29 އަހަރުގެ ފޯވާޑް ވަނީ އެތުލެޓިކޯއާ އެކު ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ގަމެއިރޯ ވަނީ މިދިޔަ ސީޒަނުގައި ސެވިއްޔާ އަށް 29 ގޯލް ޖަހައިދީފަ އެވެ. އެކަމަކު އޭނާ އަށް ޔޫރޯގައި ވާދަކުރި ފްރާންސް ޓީމުން ޖާގައެއް ނުދިނެވެ.
ފްރާންސްގެ ޕީއެސްޖީ އިން 2013 ވަނަ އަހަރު ސެވިއްޔާއާ ގުޅުނު ގަމެއިރޯ ވަނީ އެ ޓީމާ އެކު މިދިޔަ ތިން ސީޒަނުގައި ޔުރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ.
އެތުލެޓިކޯ އިން އެންމެ ފުރަތަމަ މަސައްކަތްކުރީ ސެވިއްޔާގެ ކުރީގެ ފޯވާޑް އަދި މިހާރު އޭސީ މިލާނަށް ކުޅޭ ކާލޯސް ބައްކާ ގެންނާށެވެ. އެކަން ކާމިޔާބުނުވުމުން ދެން މަސައްކަތްކުރީ އެ ޓީމުގެ ކުރީގެ ފޯވާޑް ޑިއޭގޯ ކޯސްޓާ ގަތުމަށެވެ. އެކަމަކު ޗެލްސީން ވަނީ އޭނާ ވިއްކާލަން ދެކޮޅު ހަދައިފަ އެވެ. އެތުލެޓިކޯ އިން ގަމެއިރޯ ގެނައިއިރު އޭނާ ހޯދަން ބާސެލޯނާ އިން ވެސް އައީ މަސައްކަތްކުރަމުންނެވެ.