ވަރަށް ގިނަ ސްކްރިޕްޓްތައް އެބަ ކިޔަން، ލަހެއް ނުވެ ފިލްމަކަށް ސޮއި ކުރާނަން: ރާނީ މުކަރްޖީ
ވަރަށް ގިނަ ސްކްރިޕްޓްތައް އެބަ ކިޔަން، ލަހެއް ނުވެ ފިލްމަކަށް ސޮއި ކުރާނަން: ރާނީ މުކަރްޖީ

މި އަހަރު ރިލީޒް ކުރި "ހިޗްކީ" ގެ ކާމިޔާބީ އަށް ފަހު، ބަތަލާ ރާނީ މުކަރްޖީ މިހާރު އަންނަނީ ދެން ކުޅޭނެ ފިލްމެއް ހޮވަން ތައްޔާރުވަމުންނެވެ.

އޭނާ ކުރިން ބުނެފައިވާ ގޮތުގައި 2014 ގައި ރިލީޒް ކުރި "މަރްދާނީ" އާއި 2005 ގެ "ބަންޓީ އޯރް ބަބްލީ" ގެ ދެވަނަ ބަޔަކަށް ރަނގަޅު ސްކްރިޕްޓެއް ލިބިއްޖެ ނަމަ އެ ފިލްމްތައް ކުޅެން ވެސް ހުރީ ތައްޔާރެވެ. އެ ދެ ފިލްމަކީ ވެސް ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމް ކުންފުނި ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސް ދިން ދެ ފިލްމެވެ.

ޑީއެންއޭ އަށް ރާނީ ބުނި ގޮތުގައި އޭނާ މިހާރު އަންނަނީ ވަރަށް ގިނަ ސްކްރިޕްޓްތައް ކިޔަމުންނެވެ. އެހެންވެ ދެން ކުޅޭނެ ފިލްމެއް މާ ލަސްތަކެއް ނުވެ ނިންމާނެ ކަމަށް، ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ހުނަރުވެރި ބަތަލާ ބުންޏެވެ.

"މިހާރު ބޭނުމެއް ނޫން އެއްކޮށް ސްކްރިޕްޓް ކިޔާފައި ނޫނީ ފިލްމަކަށް ސޮއި ކުރާކަށް. އެގޮތަށް ނެހެދީމަ މާޒީގައި އެބަހުރި ހިތްދަތި ތަޖުރިބާތަކެއް ވެސް ކުރަން ޖެހިފައި،" މިހާރު ތިން އަހަރުގެ ދަރިއެއް ވެސް ހުރި ރާނީ ބުންޏެވެ. "އެހެންވެ ސްކްރިޕްޓް މިހާރު އަތަށް ލިބެން ވާނެ ފެށިގެން ވެސް ނިމެންދެން ކިޔާލަން."

އޭނާ ބުނި ގޮތުގައި ކޮންމެހެން ވައިއާރްއެފްގެ ފިލްމްތައް ކުޅޭކަށް މުހިއްމެއް ނޫނެވެ.

"އަހަންނަށް ކަމުދާ ކަހަލަ ސްކްރިޕްޓެއް ހުށަހަޅާ ކޮންމެ ބަޔަކާ އެކު ވެސް މަސައްކަތް ކުރަން ތައްޔާރަށް މިހިރީ،" ރާނީ، 40، ބުންޏެވެ. "ޔަގީނުން ވެސް ވައިއާރްއެފުން އަހަންނަށް ކަމުދާ ކަހަލަ ސްކްރިޕްޓެއް ލިބިއްޖެއްޔާ ހަމަ އެ ފިލްމެއް އަހަރެން ދޫކޮށެއް ނުލާނަން."

މި އަހަރުގެ މާޗް 23 ގައި ރިލީޒް ކުރި "ހިޗްކީ" އަކީ ބޮކްސް އޮފީހުގައި ފުދޭ ވަރަކަށް ހިނގި އަދި ކްރިޓިކުންނަށް ވެސް ވަރަށް ކަމުދިޔަ ފިލްމެކެވެ. ދަރިފުޅު އަދީރާ ވިހެއުމަށް ފަހު، ރާނީ ކުޅުނު ފުރަތަމަ ފިލްމްގައި އޭނާ ދައްކައިފައި ވަނީ އުކުޑިކޮއްޓާ މައްސަލަ ހުންނަ ޓީޗަރެއްގެ ރޯލެވެ.

"ހިޗްކީ" އަކީ އަހަރު ބޭއްވި 21 ވަނަ ޝަންހާއީ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް (އެސްއައިއެފްއެފް) ގައި ވެސް ދައްކައިލި ފިލްމެކެވެ.