އިސްލާހު ކުރުމުން 800 އަށް ވުރެ ގިނަ މީހުން ލިސްޓުން އުނިވެއްޖެ
އިސްލާހު ކުރުމުން 800 އަށް ވުރެ ގިނަ މީހުން ލިސްޓުން އުނިވެއްޖެ

އަންނަ ސެޕްޓެމްބަރު 23 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން، އެ ލިސްޓު އިސްލާހު ކުރުމުން، 800 އަށް ވުރެ ގިނަ މީހުންގެ ނަން އެ ލިސްޓުން އުނިވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންމެ ފުރަތަމަ އާއްމު ކުރި ލިސްޓުގައިވާ ގޮތުން، ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 263،000 މީހުންނަށް ލިބިގެންވެ އެވެ. އެ ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅަން ދިން މުއްދަތުގައި 1،700 އަށް ވުރެ ގިނަ ޝަކުވާ ހުށަހެޅި އެވެ.

އިލެކްޝަންސްް އިން ބުނި ގޮތުގައި ޝަކުވާތައް އިސްލާހު ކުރުމުން، 859 މީހެއްގެ ނަން ލިސްޓުން އުނިވި އެވެ. އިސްލާހަށް ފަހު ވޯޓާސް ލިސްޓު އަލުން އާއްމުކޮށްފައިވީ ނަމަވެސް އަންނަ ބުރާސްފަތި ދުވަހާ ހަމަ އަށް އަދިވެސް ޝަކުވާ ހުށަހެޅޭނެ އެވެ.

އިލެކްޝަންސް އިން ބުނީ 18 އަހަރު ނުފުރޭތީ ގިނަ ބައެއްގެ ނަން ލިސްޓުން އުނި ކުރި އިރު، މަރުވެފައިވާ މީހުންގެ ނަން ވެސް އުނިކޮށްފައިވާ ކަމަށެވެ. ވޯޓާސް ލިސްޓާ ގުޅޭ ގޮތުން އެންމެ ގިނަ ޝަކުވާ ވެސް ހުށަހަޅާފައިވަނީ އެ ދެ ކަންތަކުގަ އެވެ.

އެ ލިސްޓަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ވެސް 800 އަށް ވުރެ ގިނަ ޝަކުވާ ހުށަހެޅި އެވެ. އެމްޑީޕީގެ އިތުރުން އެހެން ޕާޓީތަކުން ވެސް ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅާފައި ވެ އެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހު 17 ގައި ހުޅުވާލުމަށް އީސީން ވަނީ ނިންމައިފަ އެވެ.