09 ޖުލައި 2018 - 09:46

މެޑްރިޑް (ޖުލައި 9) - މި ފަހަރުގެ ވޯލްޑް ކަޕުގެ ނަތީޖާތައް ދަށްވުމުން ސްޕެއިންގެ ކޯޗުކަމުން ފެނާންޑޯ ހިއޭރޯ އިސްތިއުފާ ދީފައިވާއިރު އެ މަގާމަށް ރަފައެލް ބެނިޓޭޒް ގެނައުމަށް ސްޕެއިނުގެ ފެޑެރޭޝަނުން ވިސްނަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މި ފަހަރުގެ ވޯލްޑް ސްޕެއިން ކުޅުނު ފުރަތަމަ މެޗަށް 48 ގަޑިއިރަށް ވެފައިވަނިކޮށް އޭރުގެ ކޯޗުގެ ސްޕެއިން ކޯޗު ޖޫލެން ލޮޕެޓީގު ވަކިކުރީ، ވޯލްޑް ކަޕަށް ފަހު ރެއާލް މެޑްރިޑާ ހަވާލުވާން ނިންމުމުންނެވެ. ސްޕެއިން ފެޑެރޭޝަނުން ލޮޕެޓީގު މަގާމު ދުރުކުރަން ނިންމީ ދާދި ފަހުން 2020 ވަނަ އަހަރުގެ ނިޔަލަށް ސްޕެއިނާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް އާ ކޮށްފައިވާއިރު، ރެއާލާ އެކު އެއްބަސްވުން ހެދީ ފެޑެރޭޝަނަށް އެންގުމަކާ ނުލައި ކަމަށް ބުނެ އެވެ.
ސްޕެއިން ކޯޗުކަމާ ހަވާލުވުމުގެ ކުރިން ހިއޭރޯ ހުރީ ސްޕެއިން ޓީމުގެ ސްޕޯޓިން ޑިރެކްޓަރަކަށެވެ. އޭނާގެ ހަމައެކަނި ކޯޗުން ތަޖުރިބާއަކީ ރެއާލް މެޑްރިޑުގެ އެސިސްޓަންޓް ކޯޗުކަމާއި އޮވިއެޑޯގެ ހެޑްކޯޗުކަމެވެ. ވޯލްޑް ކަޕުގައި ވެސް ހިއޭރޯގެ ކޯޗިން ތަޖުރިބާގެ މައްސަލަތައް ފެނުނެވެ.
ސްޕެއިން މި ފަހަރުގެ ވޯލްޑް ކަޕުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވީ ގްރޫޕް ސްޓޭޖުގައި އީރާންއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ގްރޫޕްގެ އަނެއް ދެ މެޗުން ޕޯޗުގަލާއި މޮރޮކޯއާ އެއްވަރުވިއިރު، މުބާރާތުން ކެޓީ ދެ ވަނަ ބުރުގައި ރަޝިއާ އަތުން ޕެނަލްޓީ ޖަހައިގެންނެވެ.
ސްޕެއިން ފެޑެރޭޝަނުން ވަނީ މި ފަހަރުގެ ވޯލްޑް ކަޕުގައި ކުއްލިއަކަށް ދިމާވި ކަންތައްތަކުގައި ހިއޭރޯގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރުއަދާކޮށްފަ އެވެ. އަދި ހިއޭރޯ ޓީމާ ވަކިވާން ނިންމީ ފުޓްބޯޅައިގެ އެހެން ދިމާލަކުން މަސައްކަތްކުރަން ބޭނުންވާތީ ކަމަށް ބުނެފައިވާ ކަމަށެވެ.
ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕަށް ފަހު ސްޕެއިންގެ އޭރު ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ މަގާމުން ވަކިވުމުން އޭނާގެ ބަދަލުގައި ސްޕެއިނުން ފުރަތަމަ ބޭނުންވީ ބެނިޓޭޒް އެވެ. އެކަމަކު އޭރު ފެޑެރޭޝަނުން ބޭނުންވާ ކަންތައްތަކަށް ބެނިޓޭޒް އެއްބަސްނުވުމުން އޭނާއާ ޓީމު ހަވާލުނުކުރި އެވެ.
ސްޕެއިނުގެ ކޯޗުގެ މަގާމު މިހާރު ހުސްވެފައިވާއިރު އެ ގައުމުގެ ފެޑެރޭޝަނުން ބޭނުންވާ ތިން ކޯޗުންގެ ނަންތައް ލިސްޓުކުރިއިރު އޭގެ ތެރޭގައި ހިމެނެނީ ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ، ބެލްޖިއަމްގެ މިހާރުގެ ކޯޗު ރޮބާޓޯ މާޓިނޭޒް އަދި ބެނިޓޭޒް އެވެ. މީގެ ތެރެއިން މާޓިނޭޒަކީ ބެލްޖިއަމާ އެކު ޕްރޮޖެކްޓެއް ފަށާފައިވާ ކޯޗަކަށްވާތީ އޭނާ ލިބުމުގެ ފުރުސަތު ކުޑަ އެވެ. އަދި އެންރީކޭގެ ވިސްނުން މި ވަގުތު ހުރީ ކްލަބަކާ ހަވާލުވުމަށެވެ. ބެނިޓޭޒް މި ވަގުތު ނިއުކާސަލްގެ ކޯޗަކަށް ހުރި ނަމަވެސް އޭނާއާ އެ ކްލަބްގެ ވެރިންނާ ދެމެދު ހިތްހަމަ ނުޖެހުންތަކެއް އެބަހުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ސްޕެއިން ފެޑެރޭޝަނުން ބުނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އަދި ޔުއެފާ އިން އަލަށް ފަށާ ނެޝަނަލް ލީގުގެ މެޗުތައް ފެށުމުގެ ކުރިން ކޯޗެއް ހަމަޖައްސާނެ ކަމަށެވެ. ނެޝަނަލް ލީގު ފަށާނީ އަންނަ ސެޕްޓެމްބަރު މަހު ހަ ވަނަ ދުވަހު އެވެ.
ލިވަޕޫލަށް 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ބެނިޓޭޒަކީ ޔޫރަޕުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކޯޗެވެ. އޭނާ ވަނީ އިންގްލެންޑުގެ ޗެލްސީ އާއި ސްޕެއިނުގެ ރެއާލް މެޑްރިޑާއި އިޓަލީގެ އިންޓަ މިލާނުގައި ވެސް މަސައްކަތްކޮށްފަ އެވެ.