އަޒުމް ގުޑުވައެއް ނުލެވޭނެ، ކާމިޔާބު ކުރާނީ ތަނަވަސް އަޣުލަބިއްޔަތަކުން: ޑރ. ޝަހީމް
އަޒުމް ގުޑުވައެއް ނުލެވޭނެ، ކާމިޔާބު ކުރާނީ ތަނަވަސް އަޣުލަބިއްޔަތަކުން: ޑރ. ޝަހީމް

ސެޕްޓެމްބަރު 23، ގައި އޮންނަ ރިޔާސީ އިންތިޚާބު، ވެރިކަން ކުރާ ޕީޕީއެމަށް ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން، ދެ ވަނަ ދައުރަކަށް އިންތިޚާބުގައި ވާދަކުރައްވާއިރު، ރަނިން މޭޓަކަށް އިޚްތިޔާރުކުރެއްވި ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "އަޅުގަނޑުމެންގެ އަޒުމް ގުޑުވައެއް ނުލެވޭނެ" ކަމަށެވެ. އެ، އަޒުމަކީ ރާއްޖޭގައި އިސްލާމީ ވަހުދަތު ދެމެހެއްޓުން ކަމަށް ވިދާޅުވި އެވެ.

އެއާއެކު، އިގްތިސާދު ވަރުގަދަކޮށް، ޒުވާނުންނަށް ފަހި ފުރުސަތުތައް ހޯދައިދީ، މުސްތަގުބަލުގެ ޖީލުތަކަށް ރާއްޖޭގައި ދިވެހިވަންތަ މުސްތަގިއްލު ހަޟާރާތެއް ގާއިމްކުރެއްވުން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

ދީނީ އިލްމުވެރިންގެ ތާއީދު އޭނާ އާއި ރައީސް ޔާމީނަށް އޮތް ކަން ހާމަކުރައްވައި، ޝަހީމް ގެންދަވަނީ އިލްމުވެރިންނަށް ޝުކުރު އަދާކުރައްވަމުންނެވެ.

ރަނިން މޭޓަކަށް ޝަހީމް ހަމަޖެއްސެވުމާއެކު، ދީނީ އިލްމުވެރިންތަކެއް މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ސަރުކާރަށް ތައުރީފްކޮށް ވާހަކަ ދައްކަވައިފަ އެވެ. އަދި ޝަހީމް ރަނިން މޭޓަކަށް ހަމަޖެއްސުމަކީ އިސްލާމް ދީން ކުރިއަރުވައި ހިމާޔަތްކުރަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އިލްމުވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.

އުމުރުން 41 އަހަރުގެ ޝަހީމަކީ ގުރުއާން ހިތުދަސް އަދި ފިގްހް އަދި އުސޫލުލް ފިގްހް އިން ޕީއެޗްޑީ ނަންގަވާފައިވާ ދީނީ އިލްމުވެރި އެކެވެ. ގއ. މާމެންދު އަށް އުފަން ޝަހީމް ޑިގްރީ އާއި މާސްޓާސް ހައްދަވާފައި ވަނީ ޝަރީއާ އިންނެވެ. ޝަހީމް މަތީ ތައުލީމް ހާސިލް ކުރައްވާފައި ވަނީ މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީ އާއި މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ.

ޝަހީމަކީ ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު އަދި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް އެ މަގާމު ފުރުއްވުމުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ނައިބަކަށް ޝަހީމް ހަމަޖައްސަވަން ރައީސް ޔާމީން ނިންމެވިއިރު، މީގެކުރިން ތިން ނައިބު ރައީސަކު ނެންގެވި އެވެ. އެއީ، މިހާރުގެ ނައިބުގެ ރައީސް އަބްދުﷲ ޖިހާދުގެ އިތުރުން، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބެވެ.

ޖަމީލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މަގާމުން ދުރުކުރީ، ރައީސް ޔާމީނާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކެއްގަ އެވެ. އަދީބު މަގާމުން ވަކިކުރީ، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައި ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުއްވި ކަމުގެ ތުހުމަތުގަ އެވެ.

ނައިބު ރައީސުންނާ އެކު ރައީސް ޔާމީން ކުރެއްވި ތަޖުރިބާތަކަށް ބައްލަވައި، ގައުމަށް އެންމެ ވަފާތެރި ނައިބު ރައީސަށް ވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ޝަހީމް ދެއްވާފައިވާ ކަަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.