ޕްރިޔަންކާ އަނެއްކާވެސް ފިލްމަކަށް ސޮއިކޮށްފި
ޕްރިޔަންކާ އަނެއްކާވެސް ފިލްމަކަށް ސޮއިކޮށްފި

ސަލްމާން ހާނާ އެކު ކުޅޭ "ބާރަތު" އަށް ސޮއިކުރުމަށް ފަހު، ޕްރިޔަންކާ ޗޯޕްޅާ، އަނެއްކާ ވެސް އެހެން ހިންދީ ފިލްމަކަށް ސޮއިކޮށްފި އެވެ.

ޕްރިޔަންކާ އަނެއްކާވެސް ފިލްމަކަށް ސޮއިކޮށްފި
ޕްރިޔަންކާ އަނެއްކާވެސް ފިލްމަކަށް ސޮއިކޮށްފި

އޭނާ މި ފަހަރު ސޮއިކުރީ މަގަރީޓާ ވިތު އަ ސްޓްރޯ (2014) އާއި އަމޫ (2005) ފަދަ ފިލްމްތައް ގެނެސް ދިން ސޮނާލީ ބޯސް ޑައިރެކްޓް ކުރާ ފިލްމަކަށެވެ.

އިންސްޓަގްރާމް ސްޓޯރީގައި ޕްރިޔަންކާ ވަނީ ފިލްމްގެ ސްކްޕްރިޕްޓްގެ ޑްރާފްޓްގެ ބޭރުގަނޑު ވެސް ދައްކާލައިފަ އެވެ.

އޭގައިވާ ގޮތުން ފިލްމްގެ ނަމަކީ "ދަ ސްކައި އިޒް ޕިންކް" އެވެ. މީގެ ޑައިލޮގްތައް ލިޔެފައި ވަނީ ދާދި ފަހުން ރިލީޒް ކުރި "އޮކްޓޯބާ" އާއި 2015 ގައި ރިލީޒް ކުރި "ޕީކޫ" ގެ ސްކްރީން ރައިޓަރު ޖޫހީ ޗަތުރަވެދީ އެވެ. އިންސްޓަގްރާމް ޕޯސްޓްގައި ޕްރިޔަންކާ ބުނީ "ދަ ސްކައި އިޒް ޕިންކް" އަށް ތައްޔާރީތައް ވާން ފަށާފައިވާ ކަމަށެވެ.

އޭނާ 2016 ގެ ފަހުން ސޮއި ކުރި ދެވަނަ ހިންދީ ފިލްމަކީ ކޮބައިކަން ފޭނުންނާ ހިއްސާ ކުރީ މި ވަގުތު އިންޑިއާ އަށް ކުރާ ދަތުރެއްގެ ތެރެއިންނެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން "ލޯބިވެރިޔާ" އަދި އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ އެކު ވެސް ޕްރިޔަންކާ އިންޑިއާ އަށް ދިޔަ އެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ "ބާރަތު" ގެ ޝޫޓިން ވެސް ފަށަން ތައްޔާރުވަމުން އަންނަ އިރު، ރިޕޯޓްތައް ބުނާ ގޮތުން "ދަ ސްކައި އިޒް ޕިންކް" ގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެ އެވެ.

މި ފިލްމަކީ 2015 ގައި މަރުވި އިންޑިއާގެ ޒުވާން މޯޓިވޭޝަނަލް ސްޕީކަރު އަދި ލިޔުންތެރިޔާ އައިޝާ ޗޯދަރީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ދަ ސްކައި އިޒް ޕިންކް" ގައި އައިޝާގެ ރޯލް ކުޅޭނީ "ޑަންގަލް" އާއި "ސީކްރެޓް ސްޕަސްޓާ" ކުޅެގެން ނެޝަނަލް އެވޯޑް ހޯދި ޒާއިރާ ވާސިމެވެ. އަދި ޕްރިޔަންކާ ފެނިގެން ދާނީ އޭނާގެ މަންމަގެ ރޯލުންނެވެ. މީގެ އިތުރުން ޕްރިޔަންކާގެ ފިރިމީހާގެ ރޯލުން ފެނިގެން ދާނީ ފަރްހާން އަހްތަރު ކަމަށްވެ އެވެ.

އެކަމަކު ފިލްމާ ބެހޭ ގޮތުން ސޮނާލީ މިހާތަނަށް އަދި އެއްވެސް ތަފުސީލެއް ނުދެ އެވެ. ޕްރިޔަންކާ މީގެ ކުރިން ވެސް ވަނީ ފަރްހާނާ އެކު މަސައްކަތްކޮށްފަ އެވެ. އެއީ އޭނާ ޑައިރެކްޓް ކުރި "ޑޮން" ފްރެންޗައިޒްގެ ދެ ފިލްމާއި ބަތަލުގެ ރޯލް ކުޅުނު 2015 ގެ "ދިލް ދަޅަކް ނޭ ދޯ" ގަ އެވެ.

ޕްރިޔަންކާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ އޭނާ ފުލުހެއްގެ ރޯލުން ފެނިގެން ދިޔަ 2016 ގެ "ޖެއި ގަންގާޖަލް" އެވެ. އަދި އޭނާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިގެން ދިޔަ ފިލްމަކީ ޖޫން މަހު ރިލީޒް ކުރި ހޮލީވުޑް ފިލްމް "އަ ކިޑް ލައިކް ޖޭކް" އެވެ.

"ބާރަތު" އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ އިރު، ފެބްރުއަރީ، 14، 2019 ގައި ޕްރިޔަންކާގެ ތިން ވަނަ ހޮލީވުޑް ފިލްމް "އިޒިންޓް އިޓް ރޮމޭންޓިކް" ސިނަމާތަކަށް އަންނާނެ އެވެ.

ނަމަވެސް "ދަ ސްކައި އިޒް ޕިންކް" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.