08 ޖުލައި 2018 - 19:41

ސެޕްޓެމްބަރު، 23ގައި އޮންނަ ރިޔާސީ އިންތިހާބާއި އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އެކުގައި މަސައްކަތް ކުރުމުގެ އެއްބަސްވުން މި ހަފުތާ ތެރޭގައި އެކުލަވާލާނެ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.
އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާ ބޭފުޅުން ހިމެނޭ ކޯލިޝަނުން މިހާތަނަށް ވެސް މަސައްކަތް ކުރަމުން އައީ އެއްބަސްވުމެއްގެ ދަށުންނެވެ.
އިދިކޮޅުގެ އެއް ކެންޑިޑޭޓުގެ ގޮތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ޖުމްހޫރީ ޕާޓީގެ ރަނިން މޭޓެއް ނެރުމަށް ނިންމާފައިވާއިރު، އާ އެއްބަސްވުމެއްގައި ގުޅިފައިވާ ސަރުކާރު ހިންގަން ޕާޓީތަކުން އެއްބަސްވާ ގޮތްތަކެއް ހިމަނަން ވަނީ ނިންމައިފަ އެވެ.
އަދި އެ އެއްބަސްވުމުގައި ކޯލިޝަންގެ ސަރުކާރެއްގައި ވަކިވަކި ޕާޓީތަކަށް ލިބޭނެ ފުރުސަތުތައް ވެސް ލިޔެފައިވާނެ ކޯލިޝަންއިން ބުނެ އެވެ. ނަމަވެސް އަދި އެއްބަސްވުމުގެ ތަފްސީލެއް ނުދެ އެވެ.
ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ހުރިހާ ޕާޓީތަކެއް ގުޅިގެން ހަދާ އެއްބަސްވުން ބައްޓަން ކޮށްފައިވާނީ މީގެ ކުރިން ކޯލިޝަންތައް ރޫޅެން ދިމާވި މައްސަލަތައް ހައްލު ކުރުމަށް ކަމަށެވެ.
"މި މަސައްކަތް ކުރަމުން މިދަނީ ގުޅިފައިވާ ޕާޓީތަކުން އުފައްދާފައިވާ "އަށާރަ ނަވާރަ ކޮމެޓީން. ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކުރާއިރު އެނގޭނެ ގުޅިފައިވާ ސަރުކާރުގައި ކަންކަން ހުންނާނީ ކިހިނެއްކަން. ހުރިހާ ފަރާތްތަކަށް އަމަލު ކުރަންވި ގޮތް އެނގޭނެ،" ޑރ. ހުސައިން ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ރަނިން މޭޓަކަށް ކުރިމަތިލުމަށް މިއަދުން ފެށިގެން ފަސް ދުވަހަށް ވަނީ ހުޅުވާލާފަ އެވެ. އަދި ހޮނިހިރު ދުވަހު، ޖޭޕީގެ ކައުންސިލުން ބާއްވާ ސިއްރު ވޯޓަކުން ރަނިން މޭޓް ކަނޑައެޅުމަށް ވަނީ ނިންމައިފަ އެވެ.