08 ޖުލައި 2018 - 18:33

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅުން ނެރުނު އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބޭފުޅަކު ކަނޑައެޅުން އަންނަ ހޮނިހިރު ދުވަހަށް ފަސްކޮށްފި އެވެ.
ޖުމްހޫރީ ޕާޓީން ކުރިން ނިންމާފައި ވަނީ އަންނަ އަންގާރަދުވަހު ރަނިން މޭޓަކު ކަނޑައަޅާ ގޮތަށެވެ.
އެ ޕާޓީން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖޭޕީގެ ނައިބު ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ރަނިން މޭޓް ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ފަސް ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ އެ ޕާޓީގެ ކޮންމެ މެމްބަރެކެވެ.
ރަނިން މޭޓު ކަމަށް ކުރިމަތިލާ ބޭފުޅުންގެ ތެރެއިން ޝަރުތުހަމަވާ ބޭފުޅުން އިއުލާންކޮށް ހޮނިހިރު ދުވަހުގެ ރޭ ބާއްވާ އެ ޕާޓީ ކައުންސިލްގެ ސިއްރު ވޯޓަކުން ރަނިން މޭޓް ހޮވުމަށް ވަނީ ނިންމައިފަ އެވެ.
ޖެޕީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ އިތުރު ވަގުތު ދޭން ޖެހުނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައި އެ މަގާމަށް ކުރިމަތިލުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ލާޒިމްކޮށްފައިވާތީ ކަމަށެވެ.
"ކަންކަން ކުރަނީ އިލެކްޝަން ކޮމިޝަނުން އިތުރު ސުވާލެއް ނުއުފައްދާ ގޮތަށް، އޮންނަ އުސޫލުތަކުގެ މަތިން،" ސަމީރު ވިދާޅުވި އެވެ.
އިދިކޮޅުގެ ރަނިން މޭޓު ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމް އާއި ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ތިއްބެވި ޑރ. ހުސެއިން ރަޝީދު ހަސަން އާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން އެވެ.