31 ޖުލައި 2016 - 11:15

މެޑްރިޑް (ޖުލައި 31) - ދުނިޔޭގެ އެންމެ ވަރުގަދަ ސްކޮޑް އޮތީ ރެއާލް މެޑްރިޑުގައި ކަމަށާއި އެހެންވެ އެ ޓީމަށް އިތުރު ކުޅުންތެރިޔަކު ނުގެނެޔަސް މައްސަލައެއް ނެތް ކަމަށް ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.
ރެއާލް މެޑްރިޑުން ގެންނަން މަސައްކަތްކުރި ދެ ކުޅުންތެރިންނަކީ ޔުވެންޓަސްގެ ޕައުލް ޕޮގްބާ އާއި ބްރެޒިލްގެ އުއްމީދީ ފޯވާޑް ގެބްރިއަސް ޖީސަސް އެވެ. މީގެ ތެރެއިން ޖީސަސް، މެންޗެސްޓާ ސިޓީއާ ގުޅިފައިވާއިރު ޕޮގްބާ ބަދަލުވާނެ ކަމަށް ބެލެވެނީ މެންޗެސްޓާ ޔުނައިޓެޑަށެވެ.
"އަހަރެން ދެކޭ ގޮތުގައި ދުނިޔޭގެ އެންމެ ވަރުގަދަ ސްކޮޑް އޮތީ ރެއާލް މެޑްރިޑުގައި. މިހާރު އޮތް ސްކޮޑާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. އަހަރެމެން މި އަންނަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އާ ސީޒަނަށް،" މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ރެއާލަށް ކާމިޔާބުކޮށްދިން ޒިދާން ބުންޏެވެ.
އެކަމަކު ޒިދާން ބުނީ އޮގަސްޓް 31 ގެ ނިޔަލަށް ޓްރާންސްފާ ބާޒާރު ހުޅުވިފައިވާތީ، ކޮންމެ ކަމެއް ވެސް ވެދާނެ ކަމަށާއި ބައެއް ކުޅުންތެރިން ޓީމާ ގުޅި ބައެއް ކުޅުންތެރިން ޓީމު ދޫކޮށްގޮސްދާނެ ކަމަށް އޭނާ ބުންޏެވެ.