ޝަހީމްއާ އެކު ދީން ކުރިއެރުވުމަށް ލިބޭނީ ރަނުގެ ފުރުސަތެއް: ބައެއް އިލްމުވެރިން
ޝަހީމްއާ އެކު ދީން ކުރިއެރުވުމަށް ލިބޭނީ ރަނުގެ ފުރުސަތެއް: ބައެއް އިލްމުވެރިން

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް، އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަން ކުރެއްވުމަކީ އިސްލާމީ ސަގާފަތް ކުރިއަރުވަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ބައެއް އިލްމުވެރިން މިއަދު ވިދާޅުވެއްޖެ އެވެ.

ޝަހީމްއާ އެކު ދީން ކުރިއެރުވުމަށް ލިބޭނީ ރަނުގެ ފުރުސަތެއް: ބައެއް އިލްމުވެރިން
ޝަހީމްއާ އެކު ދީން ކުރިއެރުވުމަށް ލިބޭނީ ރަނުގެ ފުރުސަތެއް: ބައެއް އިލްމުވެރިން

ރައީސް ޔާމީންގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޝަހީމަށް ތާއީދު ކުރާކަން ހާމަކޮށް، ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 11 އިލްމުވެރިއަކު ބައިވެރިވެވަޑައިގަތެވެ. ބައެއް އިލްމުވެރިންނަކީ މިހާރު ވެސް ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުންނެވެ.

ޝަހީމްއާ އެކު ދީން ކުރިއެރުވުމަށް ލިބޭނީ ރަނުގެ ފުރުސަތެއް: ބައެއް އިލްމުވެރިން
ޝަހީމްއާ އެކު ދީން ކުރިއެރުވުމަށް ލިބޭނީ ރަނުގެ ފުރުސަތެއް: ބައެއް އިލްމުވެރިން

އިސްލާމިކް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އައްސަދުﷲ ޝާފީ އަހުމަދު ވިދާޅުވީ ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޝަހީމް އައްޔަން ކުރުމާ ގުޅިގެން ރާއްޖޭގެ ފުންނާބު އުސް އިލްމުވެރިންތަކެއް އެކަމަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމަށް އިލްމުވެރިން ވަޑައިނުގެންނެވުނީ ބޭހަށާއި އެ ނޫން ބޭނުންތަކަށް ރާއްޖެ އިން ބޭރުގައި ތިއްބެވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަހީމްއާ އެކު ދީން ކުރިއެރުވުމަށް ލިބޭނީ ރަނުގެ ފުރުސަތެއް: ބައެއް އިލްމުވެރިން
ޝަހީމްއާ އެކު ދީން ކުރިއެރުވުމަށް ލިބޭނީ ރަނުގެ ފުރުސަތެއް: ބައެއް އިލްމުވެރިން

އަދާލަތު ޕާޓީގައި ކުރިން މަސައްކަތް ކުރެއްވުމަށް ފަހު، ޕީޕީއެމާ ދާދި ފަހުން ގުޅިވަޑައިގެންނެވި ޝެއިހް މުހައްމަދު ދީދީ ވިދާޅުވީ ޝަހީމް ރަނިން މޭޓަކަށް ހަމަޖެއްސުމަކީ އިސްލާމީ ވަހުދަތު ދެމެހެއްޓުމަށާއި ގުޅިގެން މަސައްކަތް ކުރުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް އިލްމުވެރިން ތިއްބެވީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ދީދީ ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ރައީސް ޔާމީނަށް އިންތިހާބު ކާމިޔާބުކޮށް ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި އިލްމުވެރިންގެ ފުރިހަމަ ތާއީދު ރައީސް ޔާމީނަށާއި ޝަހީމަށް އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސީނިއަ ޕޮލިސީ އެގްޒެކެޓިވް މުހައްމަދު ގުބާދު އަބޫބަކުރު ވިދާޅުވި ގޮތުގައި އެ ބޭފުޅުންނަކީ އިލްމުވެރިންނަށްވުމުން، އަބަދުވެސް ބަލާނީ އިސްލާމް ދީނާއި ގައުމުގެ މަސްލަހަތަށެވެ.

ފަރުދީ ގޮތުން އަންނަ ކުޑަކުޑަ ކަންކަމަށްވުރެ ބޮޑަށް އިސްކަން ދޭން ޖެހޭނީ މުޅި ގައުމުގެ މަސްލަހަތަށް ކަމަށް ވެސް ގުބާދު ވިދާޅުވި އެވެ. ޑރ. ޝަހީމަކީ އިލްމީ ބޭފުޅެއް ކަން ފާހަގަ ކުރައްވައި ގުބާދު ވިދާޅުވީ ޝަހީމް އިހްތިޔާރު ކުރާނީ އިސްލާމް ދީނާއި ވަތަނަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ.

"ގައުމީ މަސްލަހަތާއި އިސްލާމް ދީނުގެ މަސްލަހަތަށާއި ރާއްޖޭގެ ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު އަޅުގަނޑުމެން ކަނޑައެޅީ ރައީސް ޔާމީނަށާއި ޝަހީމަށް ތާއީދު ކުރުމަށް،" ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ނުދީ، ވިއްސަކަށް މިނިޓަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގުބާދު ވިދާޅުވި އެވެ.

ގުބާދު ވިދާޅުވި ގޮތުގައި ގައުމެއް އިސްލާހު ވާނީ އިލްމުވެރިންނާ އަމުރުވެރިން އެއްބައިވެގެންނެވެ. އަމުރުވެރިން އެއް މަގަކުން ގޮސް، އިލްމުވެރިން އެހެން މަގަކުން ދާނަމަ، ގައުމެއް އިސްލާހު ކުރަން ފަސޭހަ ނުވާނެ ކަމަށާއި ގައުމީ ނައު އަމާން ބަނދަރަކަށް ވާސިލްވުމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެންމެ ރަނގަޅު ދެ ބޭފުޅުންނަކީ ރައީސް ޔާމީނާއި ޝަހީމް ކަމަށް ގުބާދު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި އިލްމުވެރިން ބުނީ ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޝަހީމް ކަނޑައެޅުމަކީ ރައީސް ނިންމެވި ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށެވެ. ޝަހީމަކީ އިލްމީ ގޮތުންނާއި މަސައްކަތަށް ބެލިޔަސް، ކާމިޔާބު އަދި ފުންނާބު އުސް ބޭފުޅެއް ކަމަށް ވެސް އިލްމުވެރިން ބުންޏެވެ.

ރައީސް ޔާމީން ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާއިރު، އެމަނިކުފާނުގެ ރަނިން މޭޓަކަށް ހަމަޖެއްސެވި، އުމުރުން 41 އަހަރުގެ ޝަހީމަކީ ގުރުއާން ހިތުދަސް އަދި ފިގްހް އަދި އުސޫލުލް ފިގްހް އިން ޕީއެޗްޑީ ނަންގަވާފައިވާ ދީނީ އިލްމުވެރި އެކެވެ. ގއ. މާމެންދު އަށް އުފަން ޝަހީމް ޑިގްރީ އާއި މާސްޓާސް ހައްދަވާފައި ވަނީ ޝަރީއާ އިންނެވެ. ޝަހީމް މަތީ ތައުލީމް ހާސިލް ކުރައްވާފައި ވަނީ މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީ އާއި މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ.

ޝަހީމަކީ ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު އަދި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް އެ މަގާމު ފުރުއްވުމުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފަ އެވެ.