ފެހެންދޫ ބަލިކޮށް ގްރީން ސްޓްރީޓްސް އެއް ވަނަ އަށް
ފެހެންދޫ ބަލިކޮށް ގްރީން ސްޓްރީޓްސް އެއް ވަނަ އަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން 2-0 އިން ބ. ފެހެންދޫ ބަލިކޮށް ގްރީން ސްޓްރީޓްސް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ގްރީން ސްޓްރީޓްސް އެއް ވަަނަ އަށް އެރީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ދެ މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ލީގުގައި ކުރިއަށް ހުރި މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ގްރީން ސްޓްރީޓްސް އަށް އެއް ވަނަ ގެއްލުމުގެ ފުރުސަތު އެބައޮތެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭނީ ތ. ތިމަރަފުށްޓާއި ށ. ފޯކައިދޫ އެވެ. މާދަމާރޭގެ މެޗުގައި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް ނުކުންނާނީ ހަތަރު ވަނައިގައި އޮތް މާޒިޔާއާ ދެކޮޅަށެވެ. މި މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް އެ ޓީމަކަށް ލީގުގެ އެއް ވަނަ ލިބޭނެ އެވެ.

ލީގުގެ އެއް ވަނައިގައި ކުރިން އޮތް ޓީސީ އަންގާރަ ދުވަހު ހަވީރު ކުޅޭނީ އީގަލްސްއާ އެވެ. އީގަލްސް ބަލިކޮށްފިނަމަ އަލުން ޓީސީ އަށް އެއް ވަނަ ލިބޭނެ އެވެ. އަންގާރަ ދުވަހުގެރޭ ވިކްޓަރީ ކުޅޭނީ ފ. ނިލަންދޫއާ އެވެ.

ލީގުގައި ކުޅުނު ފުރަތަމަ މެޗުން ފޯކައިދުއާ އެއްވަރުވި ނަމަވެސް ގްރީން ސްޓްރީޓްސް އިން ވަނީ ދެ ވަނަ މެޗުން ތ. ތިމަރަފުށި ބަލިކޮށް ހަމަޖެހުމެއް ހޯދައިފަ އެވެ. މިއަދުގެ މެޗަށް ގްރީން ސްޓްރީޓްސް އިން ނުކުތީ އެ ޓީމުގެ ޔޫކްރޭނުގެ ފޯވާޑް ރޮލަންޑް ރަސެލް ބެންޗުގައި ބައިންދައިގެންނެވެ.

މެޗުގެ ފުރަތަމަ ފުރުސަތު ލިބުނީ ފެހެންދޫގެ ހުސެއިން އީމާން އަށެވެ. ގޯލު ކުރިމަތިން އޭނާ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. އޭގެ ފަހުން ގްރީން ސްޓްރީޓްސްގެ އަހުމަދު ރިލްވާން (ރިލޭ) ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.

ފެހެންދޫ އިން ކުރިއަށް ޖެހިގެން ރަނގަޅަށް ކުޅެމުން ދަނިކޮށް ގްރީން ސްޓްރީޓްސް އަށް ލީޑުނަގައިދިނީ މެޗުގެ 20 ވަނަ މިނިޓްގައި ކޮލަމްބިއާ ފޯވާޑް ހޯސޭ އަވީލާ އެވެ. އަލީ ނަސޫހު ނަަގައިދިން ހުރަހަކުން އޭރިއާ ތެރެއިން އަވީލާ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެެވެ.

މެޗުގެ 30 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ރިލޭ އަށް އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ފޮނުވާލުން ލަސްކޮށްލުމުން އޭނާ އަށް ބޭނުމެއް ނުހިފުނެވެ. އޭގެ މިނިޓެއް ފަހުން އޭރިއާ ތެރެއިން އަވީލާ ފޮނުވާލި ބޯޅަ ފެހެންދޫ ކީޕަރު އިބްރާހިމް ޒަޔާން ވަނީ މަތަކޮށްފަ އެވެ.

ފެހެންދޫ އިން ވަނީ މެޗުގެ 30 ވަނަ މިނިޓްގައި ލިބުނު އަނިޔާއެއްގެ ސަބަބަުން އީމާންގެ ބަދަލުގައި އަހުމަދު ނިޒާމް (ނިޒާމްބެ) ކުޅެން އަރުވައިފަ އެވެ. ކުރިން މާޒިޔާ އާއި ޓީސީ އަދި ގްރީން ސްޓްރީޓްސް އަށް ކުޅުނު ނިޒާމްބެ ވަނީ ފެހެންދޫ އިން ކުޅުނު ފުރަތަމަ ދެ މެޗުގައި ޓީމުގެ ފުރަަތަމަ އެގާރައިގައި ކުޅެފަ އެވެ.

ގްރީން ސްޓްރީޓްސް އިން ދެ ވަނަ ހާފަށް ނުކުތީ އިރުފާން އާދަމް ނަސީރުގެ ބަދަލުގައި ރަސެލް ކުޅެން އަރުވައިގެންނެވެ.

މި ހާފުގެ ކުރީކޮޅުގައި ފެހެންދޫ އިން ރަނގަޅަށް ކުޅެ ގޯލު ޖަހާނެ ފުރުސަތު ތަނަވަސްކުރި އެވެ. މެޗުގެ 62 ވަނަ މިނިޓްގައި ފެހެންދޫގެ އިބްރާހިމް މާޖިދު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސް އަށް ކުޅޭ އުޒްބެކިސްތާން ކީޕަރު ސާގޭ ސްމޮރޮޑިން ވަނީ މަތަކޮށްފަ އެެވެ. އޭގެ ހަތަރު މިނިޓް ފަހުން މުހައްމަދު ރީހާން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ކައުންޓަ އެޓޭކުގައި މެޗުގެ 72 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ދެ ވަނަ ލަނޑު ޖެހީ ރަސެލް އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިބްރާހިމް ރިޒުހާން (ރިޒްކޯ) އެ ޓީމުގެ އެހެން ކުޅުންތެރިއަކަށް ދޭން ޖައްސާލި ބޯޅަ ފެހެންދޫގެ ޑިފެންޑަރެއް ގައިގައި ޖެހިފައި އޭރިއާތެރެއިން ލިބުނީ ރަސެލް އަށެވެ. ރަސެލް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ޒަޔާން އަތުގައި ޖެހިފަ އެވެ.

ފެހެންދޫ އިން މެޗުގެ ތެރެއަށް ވަންނަން މަސައްކަތްކުރަމުން ދަނިކޮށް މެޗުގެ 75 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ކީޕަރު ސްމޮރޮޑިން އޭރިއާބޭރުން ބޯޅައިގައި އަތްލުމުން ރެފްރީ އޭނާ އަށް ދެއްކީ ރީނދޫ ކާޑެވެ. އެ ނިންމުމާ މެދު ފެހެންދޫ ކުޅުންތެރިން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.

މެޗުގެ އިތުރު ވަގުތުގައި ގްރީން ސްޓްރީޓްސް އަށް ތިން ވަނަ ލަނޑެއް ޖަަހައިދޭން މުހައްމަދު ނައްޒާމަށް ލިބުނު ފުރުސަތުން އޭނާ ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އެ ބޯޅަ އެ އަށް ވުރެން ރަނގަޅަށް ފޮނުވާލަން ފުރުސަތު ލިބުނެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ މެޗުގައި އެ ޓީމުން ނުކުތީ މާ ގިނަ ކަންތައްތަކެއް ހާސިލްކުރަން ނޫން ކަމަށާއި މެޗުން މޮޅުވުމުން ލިބޭ ތިން ޕޮއިންޓާ އެކު އެކަން އެ ނިމުނީ ކަމަށެވެ.

ފެހެންދޫގެ ކޯޗު އިސްމާއިލް އަނިލް ނެތުމުން މި މެޗުގައި ވެސް ޓީމަށް އިރުޝާދުދިނީ މެނޭޖަރު މޫސާ ނަސީމް އެވެ. އޭނާ ބުނީ މި މެޗުގައި އެ ޓީމުން ރަނގަޅަށް ކުޅުނު ކަމަށާއި ފެހެންދޫ އަކީ ޕްރެކްޓިސްތަކެއް ނުކޮށް ސީދާ މެޗަށް އަންނަ ޓީމެއް ކަމަށާއި އެ ފަދަ ޓީމަކާ ދެކޮޅަށް ގަަވާއިދުން ޕްރެކްޓިސްކުރާ ޓީމަކުން ކުޅުނީ ދަށް ކުޅުމެއް ކަމަށެވެ. އަދި މެޗުގެ ކުރީކޮޅުގައި ލިބުނު ފުރުސަތުތަކުގެ ބޭނުންހިފިނަމަ މިއީ ފެހެންދޫ އަށް ތިން ޕޮއިންޓް ލިބޭނެ މެޗެއް ކަމަށް އޭނާ ބުންޏެވެ.