09 ޖުލައި 2018 - 08:09

ކެޓްރީނާ ކެއިފަކީ ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އެންމެ ރީތި ހަށިގަނޑެއް ލިބިފައިވާ އެއް ބަތަލާ އެވެ. އޭނާއަކީ ފިޓްނަސް އަށް ވަރަށް ލޯބިކުރާ އަދި ގަވައިދުން، ވޯކްއައުޓް ކުރާ ބަތަލާއެކެވެ.
ސޮނާކްޝީ ސިންހާއަކީ ހުންނަލެއް ފަލަކަމުން ކުރިން ގިނަ ބަޔަކު ވަރަށް ބޮޑަށް މަލާމާތް ކުރި ބަތަލާއެކެވެ. އެކަމަކު މި ފަހުން ޖިމަށް ގޮސް، ކަސްރަތުކޮށްގެން އޭނާ ވަނީ ބޮޑު ބަދަލެއް ވެސް ގެނުވައިފަ އެވެ.
ކެޓްރީނާއާ އެކު ވޯކްއައުޓް ކުރާ ވީޑިއޯއެއް އިންސްޓަގްރާމްގައި ހިއްސާ ކުރަމުން ސޮނާކްޝް، 31، ބުނަނީ ކެޓްރީނާއާ އެކު ވޯކްއައުޓް ކުރުމަކީ "ސިއްހަތަށް ހުރި ނުރައްކަލެއް" ކަމަށެވެ. ނޫން ނަމަ، ނަތީޖާއަކަށް ވާނީ "އޭގެ އިދިކޮޅު" ކަމަށް ބުންޏެވެ.
ޔަގީނުން ވެސް ފިޓްނަސް ދާއިރާ އިން ކެޓްރީނާ މިހާރު ވާނީ ސޮނާކްޝީ އަށް ނަމޫނާއަކަށެވެ. ބުރަކޮށް، ގަވައިދުން މަސައްކަތްކޮށްގެން ނޫނީ، ކެޓްރީނާ ދަމަހައްޓާ ކަހަލަ ބައްޓަމެއްގައި ހުންނަން ސޮނާކްޝީ ކަހަލަ ބަތަލާއަކަށް ފަސޭހައެއް ނުވާނެ އެވެ.
ކެޓްރީނާގެ ވޯކްއައުޓް ސޮނާކްޝީ ނުރައްކަލެއްގެ ގޮތުގައި ސިފަކުރަނީ ޖިމް ރޫޓިން ހަރުކަށިކަމުން ކަމަށް ވެދާނެ އެވެ. އެކަމަކު މި ފަހުން ސޮނާކްޝީގެ ހަށިގަނޑަށް ގެނެސްފައި ހުރި ބަދަލުތަކަކީ ވަރަށް ހިތްވަރާ އެކު މަސައްކަތްކޮށްގެން ނޫނީ ނުނެރެވޭނެ ކަހަލަ ނަތީޖާއެކެވެ. އޭނާގެ އިންސްޓަގްރާމް ހާވާލައިފި ނަމަ އެކަން އެނގޭނެ އެވެ.
އެގޮތުން ބަނޑުގައި ޕެކެއް ލާފައި ހުއްޓައި ނަގާފައިވާ ފޮޓޯއެއް ވެސް މީގެ ދުވަސްތަކެއް ކުރިން ހިއްސާ ކުރަމުން އޭނާ ބުނަނީ "އަހަންނަށް މި ބަދަލު ގެނެވެންޏާ އެހެން މީހުންނަށް ވެސް މިކަން ވާނެ" ކަމަށެވެ.
ސަލްމާން ހާނާ އެކު "ދަ-ބަންގް ރިލޯޑެޑް" ޓުއާގައި ސޮނާކްޝީ އާއި ކެޓްރީނާ، ޖެކްލިން ފެނަންޑޭޒް އަދި ޑެއިޒީ ޝާހް ބައިވެރިވަމުން އަންނަ އިރު، ކަސްރަތު ކުރަން އެ މީހުން ހަނދާން ނައްތައެއް ނުލަ އެވެ. ވަގުތު ހޯދައިގެން އެކަން އަބަދު ވެސް ކުރެ އެވެ.
ސޮނާކްޝީގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ހެޕީ ޕިރް ބާގް ޖާއޭގީ"، "ކަލަންކް" އަދި "ދަބަންގް 3" ހިމެނެ އެވެ.