08 ޖުލައި 2018 - 13:49

ބެންކޮކް (ޖުލައި 8) - ތައިލެންޑުގެ ހޮހަޅައިގެ ތެރޭގައި ތިބި 12 ކުދިންނާއި ކޯޗު ނެރުމުގެ މަސައްކަތް ފުރިހަމަ ކުރަން 2-3 ދުވަސްވަރު ނަގާނެ ކަމަށް ތައިލެންޑް ސިފައިންގެ ކޮމާންޑަރު މޭޖާ ޖެނެރަލް ޗަލޮނންގްޗައި ޗައިޔަކޯން ވިދާޅުވެއްޖެ އެވެ.
ހޮހަޅައިގައި ދެ ހަފުތާއެއްހާ ދުވަސް ހޭދަކޮށްފައިވާ ކުދިން ސަލާމަތް ކުރުމުގެ އުނދަގޫ އަދި ނުރައްކާ އޮޕަރޭޝަން މިއަދު ވަނީ ފަށައިފަ އެވެ. މިއަދު ހެނދުނު ތައިލެންޑް ގަޑިން 10 ޖެހިއިރު ފެށި އޮޕަރޭޝަން ނިންމާލަން 11 ގަޑިއެއްހާ އިރު ވާނެ ކަމަށް ބެލެވެ އެވެ. ފުރަތަމަ ގްރޫޕުގެ ކުދިން ނެރޭނެ ކަމަށް ލަފާ ކުރެވެނީ ތައިލެންޑް ގަޑިން މިރޭ 9 ޖަހާއިރު އެވެ. އެ ކުދިން ތިބި ހިސާބުން ހޮހަޅައިގެ ބޭރާ ހަމައަށް އަންނަން ހަ ގަޑިއިރު ވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ހޮހަޅައާ ކައިރީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޮޕަރޭޝަނުގެ ކޮމާންޑަރު ނަރޮންގްސަކް އޮސޮޓަނަކޯން ވިދާޅުވީ ހޮހަޅައިގައި ތިބި ކުދިން ތިބީ ކޮންމެ ޗެލެންޖަކާ ކުރިމަތިލާން ވެސް ތައްޔާރަށް ކަމަށެވެ. އޭނާ ވިދާޅުވީ ހޮހަޅައިން ނެރޭނީ ފަހަރަކު ކުއްޖެއް ކަމަށެވެ. އަދި ކޮންމެ ކުއްޖަކާ އެކު ދެ ޑައިވަރުން ހަރަކާތްތެރިވާނެ އެވެ. ކުދިން ނެރުމުގެ އޮޕަރޭޝަނުގައި ބޭރުގެ 13 ޑައިވަރުންނާއި ތައި ނޭވީ ސީލުގެ ފަސް ޑައިވަރުން ހަރަކާތްތެރިވެ އެވެ.
މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ބޯކޮށް ވިއްސާރަވެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެހެންވެ ހޮހަޅައިގެ ތެރޭގައި ފެން އިތުރަށް ބޮޑުވެއްޖެ ނަމަ ކުދިން ސަލާމަތް ކުރުމުގެ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތިވާނެ އެވެ.
ހޮހަޅައިގައި ތިބި ކުދިން ސަލާމަތް ކުރުމުގެ މަސައްކަތަށް ތައިލެންޑުގެ އިތުރުން މުޅި ދުނިޔޭގެ ސަމާލުކަން މިހާރު ވަނީ ހުއްޓިފަ އެވެ.