މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާގެ ވާހަކަ ވެސް ބޮޑު ސްކްރީނަށް
މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާގެ ވާހަކަ ވެސް ބޮޑު ސްކްރީނަށް

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާގެ ހަޔާތުގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން ޝައުގުވެރިވާ ކަމަށް ޑައިރެކްޓަރު ވިނޯދް ތިވާރީ ބުނެފި އެވެ.

މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާގެ ވާހަކަ ވެސް ބޮޑު ސްކްރީނަށް
މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާގެ ވާހަކަ ވެސް ބޮޑު ސްކްރީނަށް

މި މަހުގެ 13 ގައި ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ "ތޭރީ ބާބީ ހޭ ޕަގްލޭ" ގެ ޑައިރެކްޓަރު ބުނި ގޮތުގައި 2010 ގައި ވެސް ކަޕިލްގެ ވާހަކަ ބޮޑު ސްކްރީނަށް ގެންނަން މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު ޕްރޮޑިއުސަރު ސުރެންދުރަ ޕޫރީ އާއި ފިލްމް ކުންފުނި ނޮސްޓްރަމް އަށް އޭރު އެކަން ވާ ގޮތް ނުވީ ކަމަށް ވިނޯދް ބުންޏެވެ.

މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާގެ ވާހަކަ ވެސް ބޮޑު ސްކްރީނަށް
މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާގެ ވާހަކަ ވެސް ބޮޑު ސްކްރީނަށް

"ސަންޖޭ ދަތުގެ ބައޮޕިކް ސަންޖޫ ބަލާފައި އަހަންނާއި ޕްރޮޑިއުސަރުން ވެސް މިހާރު މާ ބޮޑަށް ޝައުގުވެރިވެއްޖެ ކަޕިލްގެ ފިލްމް ހަދަން،" އޭނާ ބުންޏެވެ. "އުންމީދު ކުރަން ކައިރި މުސްތަގުބަލެއްގައި އެ ފުރުސަތު ފަހިވެގެން އަންނާނެ ކަމަށް."

ވިނޯދު ބުނި ގޮތުގައި ކަޕިލްގެ ބައޮޕިކެއް ހަދާ އިރު، އެ ފިލްމް ކުޅުވަން ވެސް އޭނާގެ ފުރަތަމަ ހޮވުމަކަށް ވާނީ ކަޕިލް އެވެ.

"އޭނަ އެ ރޯލް ކުޅެން އެއްބަސްވާ ކަމަށް ވަންޏާ ފުރަތަމަ ހޮވުމަކަށް ވާނީ ހަމަ ކަޕިލް،" އޭނާ ބުންޏެވެ. "ދެން ކަޕިލް އެއްބަސް ނުވާ ކަމަށް ވަންޏާ ދެވަނަ ހޮވުމަކަށް ވާނީ ކްރުޝްނާ އަބީޝެކް."

ކްރުޝްނާއަކީ ކަޕިލްއާ އެކު "ކޮމެޑީ ސާކަސް" ވެސް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި އިންޑިއާގެ އެންމެ މަގުބޫލު ކޮމީޑިއަނުންގެ ތެރެއިން އެކެކެވެ.

ކަޕިލްގެ ވާހަކަ ބޮޑު ސްކްރީނަށް ގެންނަން ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު، އޭނާ އަށް ކުއްލިއަކަށް ވީ ގޮތެއް ނޭނގިގެން، ފޭނުން ތިބީ ވަރަށް ބޮޑު މާޔޫސް ކަމެއްގެ ތެރޭގަ އެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހު ސޮނީން ދައްކަން ފެށި ކަޕިލް އާ ޝޯ "ފެމިލީ ޓައިމް ވިތު ކަޕިލް ޝަރްމާ" ގެ ދެތިން އެޕިސޯޑެއް ގެނެސްދިންތަނާ އެ ޝޯ ޖެހުނީ ހުއްޓައިލާށެވެ.

އޭގެ ފަހުން ކަޕިލް ބޭރު ތެރެއަށް ވެސް ނުކުތުން ހުއްޓާލައިފައި ވަނިކޮށް މިދިޔަ ހަފުތާގައި ލޯބިވެރިޔާއާ އެކު އޭނާ ސްވިޓްޒްލެންޑަށް ގޮސްފައިވާކަން ވަނީ ކަށަވަރުވެފަ އެވެ. އެގޮތުން އެ ގައުމުގެ ޝޮޕިން މޯލެއްގެ ތެރޭގައި ކަޕިލް އުޅެނިކޮށް ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާ އަށް ތިލަވެފައިވެ އެވެ. އެ ފޮޓޯގައި އޭނާ ފެންނަނީ ފުދޭ ވަރެއްގެ ބޮޑު ބަނޑެއް ވެސް ލައިފައި ހުއްޓަ އެވެ.

ބައެއް ނޫސްތަކުން ބުނެފައި ވަނީ ކަޕިލް ސްވިޓްޒްލެންޑަށް ދިޔައީ ރިހިބިލިޓޭޓްވާން ކަމަށާއި އެނބުރި އޭނާ އަންނަނީ ފިޓްވެގެން ކަމަށެވެ. ކަޕިލްގެ ކުއްލި ގެއްލުމާ އެކު، ފަހުން އޭނާ ބުނެފައި ވަނީ ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި ފަރުވާތަކެއް ހޯދަމުން އަންނަ ކަމަށެވެ. އަދި ބަނގުރަލަށް ވެސް ދެވިހިފައި، ސްޓްރެސްގެ ޝިކާރައަކަށް ކަޕިލްވެފައިވާ ކަމަށް އޭނާގެ ގާތް ބައެއް މީހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ކަޕިލް އާންމުންގެ މެދުގައި ވިދާލީ ސޮނީ ޗެނެލުން ގެނެސް ދިން "ކޮމެޑީ ސާކަސް" އިން ދެއްކި ހުނަރާ އެކުގަ އެވެ. އޭގެ ފަހުން އޭނާ އަށް ބޮޑު މަޝްހޫރު ކަމެއް ލިބުނީ ކަލާޒުން 2013-2016 އަށް ގެނެސްދިން "ކޮމެޑީ ނައިޓްސް ވިތު ކަޕިލް" ޝޯ އިންނެވެ.

އެކަމަކު ވަރަށް ކާމިޔާބުކޮށް ޝޯ ކުރިއަށް ދަނިކޮށް ކަލާޒާއި ކަޕިލްއާ ދޭތެރޭ ޖެހުނު މައްސަލަތަކަކާ ގުޅިގެން ޝޯ ހުއްޓާލައި، ފަހުން "ދަ ކަޕިލް ޝަރްމާ" ގެ ނަމުގައި 2016-2017 އޭނާގެ ޝޯ ގެނެސް ދިނީ ސޮނީންނެވެ.

އެ ޝޯ ހުއްޓައިލަން ޖެހުނީ ކަޕިލް އާއި ޝޯގެ އެންމެ މުހިއްމު އެއް ބައިވެރިޔާ ކަމަށްވާ ސުނިލް ގްރޯވާ (ޑރ. މަޝްހޫރު ގްލާޓީ) އާ ދެމެދު މަތިންދާ ބޯޓްގައި ހިންގި މާރާމާރީއަކާ ގުޅިގެން، ޝޯ އިން ސުނިލް ވަކިވެ، އޭގެ ޓީއާރްޕީ ވެއްޓުމުންނެވެ.

"ފެމިލީ ޓައިމް ވިތު ކަޕިލް ޝަރްމާ" އަކީ އޭގެ ފަހުން ސޮނީން ވަރަށް އުންމީދާ އެކު ގެނެސް ދޭން ފެށި ޝޯއެކެވެ.

ކަޕިލް، 37، ވަނީ ކޮމީޑިއަންއެއްގެ ގޮތުގައި ހޯދި މަޝްހޫރުކަމާ އެކު ބައެއް ފިލްމްތައް ވެސް ކުޅެފަ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ރިލީޒް ކުރި "ފިރަންގީ" އާއި 2015 ގެ "ކިސް ކިސް ކޯ ޕިޔާރް ކަރޫ" ހިމެނެ އެވެ.