08 ޖުލައި 2018 - 12:59

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅުން ނެރުނު އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އިޚްތިޔާރު ކުރާ ކެންޑިޑޭޓަކަށް ވުމުގެ ފުރުސަތު މިއަދު ހުޅުވާލާ ގޮތަށް ނިންމައިފި އެވެ.
ޖޭޕީގެ ނައިބު ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން "މިހާރު" އަށް ވިދާޅުވީ، އެ ފުރުސަތު ހުޅުވާލާނީ މިއަދު ހަވީރު 4:00 ގައި ބާއްވާ އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގައި ކަމަށެވެ. އަދި ރަނިން މޭޓަކަށް ވުމަށް ޝައުގުވެރިވާ ބޭފުޅުން ނަން ހުށަހެޅުމުން، އެ މަގާމަށް ބޭފުޅަކު ކަނޑައަޅާނީ އަންނަ އަންގާރަ ދުވަހު ބާއްވާ ކައުންސިލްގެ ބައްދަލުވުމުގައި ވޯޓަށް އަހައިގެން ކަމަށް ވެ އެވެ.
ރަނިން މޭޓް އަންގާރަ ދުވަހު ކަނޑައަޅާނެ ކަމަށް ޖޭޕީން ވަނީ ކުރިން ބުނެފަ އެވެ.
ޖޭޕީގެ ރަނިން މޭޓު ކަމަށް ވުމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމް އާއި ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ތިއްބެވި ޑރ. ހުސެއިން ރަޝީދު ހަސަން އާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން އެވެ.