01 އޯގަސްޓް 2016 - 06:30

މި ފަހަރު ރަސްފަންނުގެ ވާހަކައެއް ނޫނެވެ. މިހާރު ގިނަ ބަޔަކު ޝައުގުވެރިވެގެން އުޅެނީ ދުވާ މީހުންނަށް ހާއްސަކޮށްގެން ރަސްފަންނުގައި ހަދަމުން އަންނަ ޖޮގިން ޓްރެކަށެވެ. އަލަށް ހެދި ހިތްގައިމު ގޮނޑުދޮށުގެ ބައެއް، ދުވާ މީހުންނަށް ހާއްސަ ކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވިތާ ދުވަސްގަނޑެއް ވެފައިވީ ނަމަވެސް އެ ޓްރެކްގެ ވާހަކަ އަލުން ވައިގައި ހިފާފައިވަނީ، ގައުމީ ޔުނިވަސިޓީގެ ކުރީގެ ވައިސް ޗާންސެލަރު ޑރ. ހަސަން ހަމީދު އެކަމާ ގުޅޭގޮތުން ލިޔުއްވި ދިރާސާ ލިޔުމަކާ ގުޅިގެންނެވެ.

އެ ލިޔުމުގައި އޭނާ ވިދާޅުވެފައިވާ ގޮތުގައި "ޖޮގިން ޓްރެކަކީ (ރަސްފަންނު ހަދާ ނިމުމުން) އައި ހިޔާލެއް ނުވަތަ އާފްޓާތޯޓެކެވެ." އަދި "މުޅި އެތި ޕްލޭން ކުރުމުގައި ގޯސް" ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.

މިއީ ރަސްފަންނުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް ހަދާ 700 ފޫޓުގެ ދިގު ޓްރެކެކެވެ. ސިންގަޕޫރު ބަޔަކާ ހަވާލުކޮށްގެން، މިދިޔަ މެއި މަހަށް ނިންމަން ޖެހޭ މި މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ދިރާސާ ކުރެއްވުމަށް ފަހު ހަސަން ޝާއިއު ކުރެއްވި އެ ރިޕޯޓު، މުޅި އެ މަޝްރޫއުގެ މޭސްތިރި އަދި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަކަށް ކަމަކު ނުދިޔަ އެވެ. ހަސަންގެ ނަން ވިދާޅުނުވެ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކަށް ފާޑު ކިޔަނީ ވަޒީފާ ގެއްލުނީމަ، އެކަމުގެ ރުޅިވެރިކަމުގައި ކަމަށެވެ. އަދި އެއީ އެކަމުގެ ތައުލީމާއި ތެދު މައުލޫމާތެއް ނެތި ސަރުކާރާ މެދު ނުރުހިގެން ކުރާ ކަމެއް ކަމަށް ވެސް ވިދާޅުވެފައި ވެ އެވެ.
އެހެންވެ ޔަގީން ކުރެވެނީ މިއީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ކަމުން މިދިޔަ އަހަރު އިސްތިއުފާ ދެއްވި ހަސަންއަށް މުއިއްޒުު ދެއްވި ރައްދެއް ކަމަށެވެ.
ހަސަންގެ މި ލިޔުމަށް، ހައުސިން މިނިސްޓްރީން އިތުރު އެއްޗެއް ވިދާޅުނުވާތީ މި ލިޔުމުގައި އޭނާ ފާހަގަ ކޮށްލާފައިވާ ބައެއް މުހިއްމު ޕޮއިންޓްތަކަށް ބަލާލާނަމެވެ.
އޭނާގެ ފުރަތަމަ މައްސަލައަކަށް ވީ ހަތަރު ފޫޓު ފުޅާމިނުގެ އެ ޓްރެކް މާ ހަނިވުމެވެ. ދެ މީހަކު ދެކޮޅަށް ދުވާއިރު އެކަކު އަނެކަކު ގައިގާ ލައިނުގަނެ ދުވުމަށް ކުޑަވެގެން ފަސްފޫޓު ހުންނަން ޖެހޭނެ ކަމަށް ހަސަން ދެކި ވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި ޖޮގިން ޓްރެކެއްގައި ހުންނަން ޖެހޭ އެންމެ ކުޑަ ފުޅާމިނަކީ 7 ފޫޓު ބައި ކަމަށް އާބަން ލިޔުންތަކުގައި ވެ އެވެ.
ޓްރެކްގެ ބޮޑުބައެއްގައި ކޮންކްރީޓް އަޅައި، އަރިމަތީގައި އާއި މަގުގައި އަލުން ގާ އަތުރާ ނިމުނު ފަހުން ފަހުން ވަނީ ޓްރެކް ބޮޑުކުރުމަށް އެ ގާތަށް ނަގާފަ އެވެ. އެކަމަކު ފަހުން ޓްރެކް ބޮޑުކޮށްފައިވަނީ ވެސް އެންމެ ފޫޓަކަށެވެ.
ހަސަން ފާހަަގަ ކުރެއްވި ގޮތުގައި ދެ ވަނަ ފަހަރަށް މި މަސައްކަތް ކުރަން ޖެހުމުން ކުރަން ނުޖެހޭ ބޮޑު ހަރަދެއް ވަނީ ކުރެވިފަ އެވެ.
ދެން އޭނާ ލިިޔުއްވާފަައިވާ ގޮތުގައި ޖޮގިން ޓްރެކްގައި އަޅަމުންދާ ކޮންކްރީޓު އިސްރާފުވާހާ ބޮލެވެ. ހަސަން ވިދާޅުވީ ކޮންކްރީޓުގެ ބޯ މިނުގައި ހަތް އިންޗި ހުންނައިރު މިއީ 75 ކިލޯގެ ބަރު މީހުން، ބާރަށް ފައި ޖައްސައިގެން ދުވިޔަސް އެކަށީގެންވާ ވަރަށް ވުރެ ބޯ މިންވަރެކެވެ.
"މަތިންދާ ބޯޓު ބާއްވާ އޭޕްރަންގައި ވެސް ހުންނަނީ 5-12 އިންޗީގެ ބޯމިނެވެ. މިއީ ޖޮގިން ޓްރެކެކެވެ. ޖެޓް މަތިންދާ ބޯޓު ދުއްވާ ޓްރެކެއް ނޫނެވެ." ހަސަންގެ ލިޔުމުގައި ވެ އެވެ.
ކޮންކްރީޓަކީ ހޫނުވުމުން ދިގުވާ އެއްޗެކެވެ. ހަސަން ވިދާޅުވީ ކޮންކްރީޓުން ތަންތަން ހަދަނީ އެގޮތަށް ދިގުވެ، ކުރުވުމަށް ޖާގަ ނުވަތަ ޖޮއިންޓެއް ލާފައި ކަމަށާއި އެހެން ނޫން ނަަމަ ކޮންކްރީޓުން ބައެއް ފަޅައިގެން ދިޔުމާއި ރެނދުލުން ފަދަ ކަންކަން ދިމާވާނެ ކަމަށެވެ. އެކަމަކު ދިގު އެ ޓްރެކުގެ ކޮންކްރީޓުގައި ޖޮއިންޓެއް ނެތުމުން އެކަން އޭނާ ވަރަށް ބޮޑަށް ފާހަގަ ކޮށްފައި ވެ އެވެ.
ޖޮގިން ޓްރެކް ހަލާކުވެގެން ނަގަން ބޭނުން ވެއްޖެ ހާލަތެއްގައި ވެސް ފަސޭހައިން އެކަން ކުރެވެން ނެތް ކަމަށް ހަަސަން ވިދާޅުވި އެވެ. މިހާރު އޮތްގޮތުން ޖެހޭނީ ޖެކް ހެމާއެއް ކަހަލަ އެއްޗަކުން ތަޅައި ކުނޑި ކުރަން ކަމަށާއި މިއީ އެއްގޮތަކަށް ވެސް ފަސޭހަ އަދި ތިމާވެއްޓާ ރައްޓެހި ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.
މި ލިޔުމުގައި ހަސަން ވަނީ ޖޮގިން ޓްރެކެއް ހެދުމަށް އެންމެ އެކަށޭނެ ގޮތް ވިދާޅުވެދެއްވާފަ އެވެ.
އެންމެ ފުރަތަމަ ކަމަކަށް އޭނާ ފާހަގަ ކުރެއްވީ ޕޭވްމަންޓް މަތީގައި ހިނގާ މީހުންނަށް ދަތިވާގޮތަށް ޖަހާފައިވާ ރުއްތައް، ގޮޑުދޮށާއި މަގު ވަކިކުރާ ފާރުން ބޭރުގައި ގޮނޑުދޮށް ފަރާތުގައި ޖެހުމެވެ. މީގެ ސަބަބުން ގުދުރަތީގޮތް ބޮޑުވެ، ޕޭވްމަންޓްގައި މީހުން ވެއްޓޭނެ އަނދަވަޅުގަނޑު ނެތުމާއި ވެލިގަނޑު ހިފެހެއްޓޭނެ ކަމަށް ވިދާޅުވި އެވެ. ދެން، މަަގުމައްޗަށް އެޅޭ ފެން ގޮނޑުދޮށަށް ފައިބައިގެން ދާގޮތަށް، ފާރުގައި އާނގަތަކެއް ހުންނަން ޖެހޭނެ ކަމަށާއި މިއީ ބޯކޮށް ވާރޭ ވެހޭއިރު ނުވަތަ އުދަ އެރުމުގެ ސަބަބުން މަގުގައި އެއްގޮތަކަށް ވެސް ފެން ނެހެދޭނެ ގޮތެއް ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ޓްރެކުގައި އަޅާފައި އޮންނަ ސިންތެޓިކްގެ މާބޮޑު ބޭނުމެއް ނެތް ކަމަށާއި ވާރޭ ވެހި އޭގައި ފެން ހަރުލުމުގެ މައްސަލަ ދިމާވާނެކަން ވެސް ހަސަން ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ވެސް ޓްރެކްގައި ހުރި ގިނަ މައްސަލަކާއި އެކަން އެ ނޫން ގޮތަކަށް ކުރެވޭނެ ގޮތްގޮތް ހަސަންގެ ލިޔުމުގައި ކިޔައިދެއްވާފައި ވެ އެވެ.
މިއީ އާކިޓެކްޗާއަށް ޝައުގުވެރިކަން ހުންނަ މީހުންނަށާއި އާބަން ޕްލޭނިންގެ ދަރިވަރުންނަށް ހާއްސަކޮށްގެން ހަސަން ލިޔުއްވާފައިވާ ލިޔުމެއް ނަމަވެސް ސަރުކާރުގެ މަޝްރޫއުތަކަށް މި ފަދަ ގޮތަކަށް މީހުން ވަރަށް ފާޑު ނުކިޔަ އެވެ. އެނގިފައިވާ ގޮތުން އެންމެ ފަހުން ވެސް އެކަން ކުރެއްވީ ހަސަން އެވެ.
ބާޖަމާލުއްދީންގައި ކުރިން ޔުނިވަސިޓީގެ ބައެއް ހިންގަމުން ދިޔައިރު، ދަރިވަރުން އެތަނުގައި ތިބުން ރައްކާތެރި ނޫން ކަމަށް ބުނެ ހައުސިން މިނިސްޓްރީން އެތައް ނޯޓިސްއެއް ނެރުނު އިރު ވެސް ހަސަން ދިޔައީ އެކަން ދިފާއު ކުރައްވަމުންނެވެ.
ޔުނިވަސިޓީގެ ވައިސް ޗާންސެލަރުގެ މަގާމާ ހަވާލުވެވަޑައިގެން ހުންނެވި އެ ދުވަސްވަރު އޭނާ ވަނީ އެއީ ވަރުގަދައަށް ހަދާފައި ހުރި އިމާރާތެއް ކަމަށް ވިދާޅުވެ، އެތަނުގެ އިންޖިނިއަރިން މަސައްކަތާ ގުޅޭ ބޮޑު ދިރާސާއެއް ހައްދަވާ، އެ މައުލޫމާތު ދަރިވަރުންނާ ހިއްސާ ކުރައްވާފަ އެވެ.
އެކަމަކު އެންމެ ފަހުން އެތަން ވަނީ ސަރުކާރުން ބޭނުންވި ގޮތަށް ހުސްކޮށްފަ އެވެ.
ހަސަންގެ މި ލިޔުމުގައި ބުނެފައިވާ ގޮތުގައި ޖޮގިން ޓްރެކަކީ ބަޔަކު ކަމެއް ކޮށްގެން ނުވާނެ ގޮތުގެ ފުރިހަމަ ނަމޫނާއެކެވެ. މިއީ، ސަރުކާރުން ގަބޫލުކުރާ ވާހަކަތަކެއް ކަމަކަށް ނުބެލެވެ އެވެ. އެ ލިޔުމަށް ހަމައެކަނި ފާޑު ކިޔަމުން ދަނީ އެކަން ކުރި މީހުންނެވެ. އަނެއް ބަޔަކު ޑރ. ހަސަން ހަމީދަށް އަންނަނީ ތައުރީފު އޮއްސަމުންނެވެ.