08 ޖުލައި 2018 - 12:50

ގދ. ފިޔޯރީއަށް ދިޔަ އައްޑޫ މަސް ވެރިޔަކު މޫދަށް އެރި އުޅެނިކޮށް މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
މަސް ކިރަންވެގެން އިއްޔެ ފިޔޯރީއަށް ދިޔަ ދޯނިން މޫދަށް އެރެން ފުންމާލި އުމުރުން 33 އަހަރުގެ އިބްރާހިމް ސައީދު މަރުވެފައި އޮއްވާ ފެނުނީ ދޯނީގެ އެހެން ފަޅުވެރިންނަށެވެ.
ޒުވާނާގެ އާއިލާއިން ލިބުނު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ފިޔޯރީ ކައުންސިލުން ބުނީ، ސ. ފޭދުއަށް އުފަން އިބްރާހިމަކީ ފިޓް ޖެހޭ މީހެއް ކަމަށެވެ.
"މިއަދު ހަވީރު އެ ދޯނި ފުރަން އޮތީ. އެހެންވެ ހެނދުނު މޫދަށް އެރެން ވެގެން އޭނާ މޫދަށް ފުންމާލީ. މާ ގިނައިރު ތަކެއް ނުވަނީސް އޭނާގެ ހަށިގަނޑު، އެ ދޯނީގެ ބަޔަކު ނަގައިގެން ސިއްހީ މަރުކަޒަށް ގެންދިޔައީ،" ފިޔޯރީ ކައުންސިލްގެ މެމްބަރު ވިދާޅުވި އެވެ.
މަސް ކިރާފައި އެ ދޯނީ މަޑުކޮށްގެން އޮތީ ކަނޑު ގަދަވެގެން ކަމަށް ކައުންސިލުން ބުނެ އެވެ.
ސީ އެމްބިއުލެންސްގައި އިބްރާހިމްގެ ހަށިގަނޑު އައްޑުއަށް ގެންދަން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.