ތުރުކީ ސަރުކާރުގެ 18،500 މީހުން ވަޒީފާ އިން ވަކިކޮށްފި
ތުރުކީ ސަރުކާރުގެ 18،500 މީހުން ވަޒީފާ އިން ވަކިކޮށްފި

އަންކަރާ (ޖުލައި 8) - ތުރުކީ ސަރުކާރުގެ 18،500 އަށް ވުރެ ގިނަ މީހުން ވަޒީފާ އިން މިއަދު ވަކިކޮށްފި އެވެ.

ރަސްމީ ގެޒެޓުގައި ބުނެފައިވާ ގޮތުގައިވާ ވަޒީފާ އިން ވަކިކުރި 18،632 މީހުންގެ ތެރޭގައި 8،998 ފުލުހުންނާއި 3،077 ސިފައިން ހިމެނެ އެވެ. މީގެ ތެރޭގައި ވައިގެ ސިފައިންގެ 1،949 މީހުންނާއި ކަނޑުގެ ސިފައިންގެ 1،126 މީހުން ހިމެނެ އެވެ. ޖަސްޓިސް މިނިސްޓްރީން ވަނީ 1،052 ސިވިލް ސާވިސް މުވައްޒަފުން ވަކިކޮށްފަ އެވެ.

ތުރުކީ ސަރުކާރުން ނެރުނު ގަރާރެއްގައި ބުނެފައި ވަނީ އެ މީހުން ވަޒީފާ އިން ވަކިކޮށްފައި ވަނީ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން ބޭއްވުމާއި އެއީ ގައުމީ ސަލާމަތަށް ނުރައްކާތެރި ބަޔަކަށްވާތީ ކަމަށެވެ.

ތުރުކީ އަށް ޖުލައި 2016 ގައި ގެންނަން އުޅުނު ބަޣާވާތަށް ފަހު އެ ގައުމުގައި އަދިވެސް އޮތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ. ތުރުކީގެ ބައެއް މީޑިއާތަކުން ބުނެފައި ވަނީ މިއީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުގެ ކުރިން ސަރުކާރުން ކުރުން ކުރި ކަމެއް ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު މިހާރު ވަނީ ހަތް ފަހަރަށް އާކޮށްފަ އެވެ. މިހާރު ހިންގާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު މި މަހު 19 ގައި ހަމަވާނެ އެވެ.

ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ ދެކޮޅަށް ގެންނަން އުޅުނު ބަޣާވާތަށް ފަހު ވަނީ 110،000 މީހުން ވަޒީފާ އިން ވަކިކޮށްފަ އެވެ. ތުރުކީން ތުހުމަތުކޮށްފައި ވަނީ ބަޣާވާތުގެ ފަހަތުގައި ވަނީ އެމެރިކާގައި ދިރިއުޅޭ ފަތުހުﷲ ގުލަން ކަމަށެވެ. އެއްދުވަސްވަރެއްގައި އުރުދުޣާންގެ ވެސް ގާތް ބޭފުޅެއް ކަމަށްވާ ގުލަންއާ ގުޅުން އޮންނަ ކަމަށް ބެލެވޭ 77،000 މީހުން ވަނީ މި އަހަރު ކުރީކޮޅު ވަޒީފާ އިން ވަކިކޮށްފަ އެވެ.