ކޭންގެ ޓާގެޓަކީ ރަން ބޫޓެއް ނޫން
ކޭންގެ ޓާގެޓަކީ ރަން ބޫޓެއް ނޫން

މޮސްކޯ (ޖުލައި 7) - މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ބާކީ މެޗުތަކަށް ނުކުންނައިރު ޓާގެޓަކީ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިއާ އަށްދޭ ރަން ބޫޓު ހާސިލްކުރުން ނޫން ކަމަށް އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ބުނެފި އެވެ.

މި ފަހަރުގެ ރަން ބޫޓުގެ ރޭހުގެ އެންމެ ކުރީގައި ކޭން މި ވަގުތު އޮތީ ހަ ގޯލު ޖަހައިގެންނެވެ. ދެ ވަނައިގައި އޮތީ ހަތަރު ގޯލު ޖެހި ރަޝިއާގެ ޑެނިސް ޗެރިޝޭފާއި ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ އަދި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭގެ ތެރެއިން ޗެރީޝޭފާއި ރޮނާލްޑޯ އަށް ވަނީ މުބާރާތް ނިމިފަ އެވެ. މުބާރާތުގައި އޮތް ޓީމުތަކަށް ބަލާއިރު ފްރާންސްގެ ދެ ފޯވާޑުން ކަމަށްވާ އެންޓޮއިން ގްރީޒްމަން އާއި ކިލިއަން އެމްބާޕޭ ވަނީ މިހާތަނަށް ތިން ގޯލު ޖަހައިފަ އެވެ.

ވޯލްޑް ކަޕުގެ ރަން ބޫޓު އެންމެ ފަހުން ހާސިލްކުރި އިންގްލެންޑް ކުޅުންތެރިއަކީ 1986 ވަނަ އަހަރު އޮތް މުބާރާތުގައި ހަ ގޯލު ޖެހި ގެރީ ލިނެކާ އެވެ. އެ ފަހަރުގެ މުބާރާތުގައި ލިނެކާ ވަނީ ޕޮލެންޑް ކޮޅަށް ހެޓްރިކެއް ހަދައި، ޕެރަގުއޭ ކޮޅަށް ދެ ގޯލު ޖަހައިފަ އެވެ. މި ފަހަރުގެ މުބާރާތުގައި ކޭން ވަނީ ޓިއުނީޝިއާ ކޮޅަށް ދެ ލަނޑު ޖަހައި، ޕެނަމާ ކޮޅަށް ހެޓްރިކެއް ހަދައިފަ އެވެ. މި މުބާރާތުގައި ކޭން ދެން ޖަހާ ގޯލާ އެކު ލިނެކާގެ ރެކޯޑް މުގުރާލެވޭނެ އެވެ.

"ރަން ބޫޓު ލިބިއްޖިއްޔާ އެއީ އިތުރުވާނެ ކާމިޔާބެއް. އެކަމަކު އެ ހުރިހާ ކަމަކަށް ވުރެން އަހަންނަށް މުހިއްމީ އިންގްލެންޑަށް ކާމިޔާބެއް ހޯދައިދިނުން. އަހަރެންގެ ޓާގެޓަކީ މި ފަހަރުގެ ވޯލްޑް ކަޕް ތަށި އިންގްލެންޑަށް ހޯދައިދިނުން. މަސައްކަތް މި ކުރަނީ ވެސް އެއަށް،" ރޭ މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްވިޑަން އަތުން މޮޅުވި މެޗަށް ފަހު ކޭން ބުންޏެވެ.

ޖަރުމަނުގައި 1974 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގައި ޕޮލެންޑުގެ ގްރެގޮޓްޒް ލާޓޯ ހަތް ގޯލު ޖެހިފަހުން ވޯލްޑް ކަޕެއްގައި އެއް ކުޅުންތެރިއަކަށް ހަ ގޯލަށް ވުރެން ގިނަ ލަނޑު ކާމިޔާބުކުރެވުނީ އެންމެ ފަަހަރަކު އެވެ. އެއީ 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާނުގައި އޮތް މުބާރާތުގައި ބްރެޒިލަށް އަށް ގޯލު ޖަހައިދިން ރޮނާލްޑޯ އެވެ.

އެންމެ ފަހުން 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕުގެ ރަން ބޫޓު ހާސިލްކުރީ ހަ ގޯލު ޖެހި ކޮލަމްބިއާގެ ހަމޭސް ރޮޑްރިގޭޒް އެވެ. އެ މުބާރާތަށް ފަހު ހަމޭސް ވަނީ ބޮޑު އަގުގައި ރެއާލް މެޑްރިޑަށް ބަދަލުވެފަ އެވެ.