މެސީ އަށް މަލާމާތްކުރާތީ އަނބިމީހާ ވަރިކޮށްފި
މެސީ އަށް މަލާމާތްކުރާތީ އަނބިމީހާ ވަރިކޮށްފި

ވޯލްޑްކަޕުގެ ފޯރި ހުރިހާ ހިސާބެއްގައި ވެސް އެބަ އޮތެވެ. ދެމަފިރިން ވަކިކުރުވާ ކަމަކަށް ވެސް މިކަން ވެއްޖެ އެވެ.

މިފަހަރު އެންމެ ތަފާތު ކަމެއް ހިނގާފައި ވަނީ ވޯލްޑް ކަޕް ކުރިއަށްދާ ރަޝިއާގަ އެވެ. މި ހޫނުގަނޑުގެ ތެރޭގައި މި ވަނީ ރަޝިއާ ދެމަފިރިއެއްގެ 14 އަހަރުވީ ކައިވެނި ވެސް ރޫޅިފަ އެވެ.

މިކަން ހިނގީ އާޖެންޓީނާ އަށް އަމާޒުވި ފާޑުކިޔުންތަކާއި އެ ޓީމްގެ މައި ތަނބުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ލައިނަލް މެސީ އަށް މަލާމާތްކުރުމުންނެވެ.

މައްސަލައަކަށްވީ މި ފަހަރުގެ މުބާރާތުގައި މާ ބޮޑު ތަފާތެއް ނުދެއްކުނު ޕޯޗްގަލްގެ ރޮނާލްޑޯ އަށް ސަޕޯޓް ކުރާ އަނބިމީހާ ލުޑްމީލާ، 37، ފިރިމީހާ އާސެން، 40، ސަޕޯޓް ކުރާ އާޖެންޓީނާގެ މެސީ އަށް ޖޯކު ޖަހައި މަލާމާތްކުރީ އެވެ. މެސީއަކީ މިހާރު ސުމެއްގެ މީހެއް ކަމަށާއި އޭނާ އަށް ފުޓްބޯޅަ ކުޅެން ނޭނގޭ ކަމަށް ބުނެ ލުޑްމިޔާ ވަނީ ފިރިމީހާއާ ދިމާކޮށްފަ އެވެ.

ނަމަވެސް ކުރިން އާސެން ހުންނަނީ އަނބިމީހާގެ އެ މަލާތްތައް މާ ބޮޑު ކަމަކަށް ނަހަދައި، އަޑުވެސް ނީވޭ ކަމަށް ހަދައިގެންނެވެ.

އެކަމަކު އޭނާގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓީ އާޖެންޓީނާ އާއި ނައިޖީރިއާ މިދިޔަ މަހުގެ 26 ވަނަ ދުވަހު ކުޅުނު މެޗްގައި މެސީ ޖެހި ގޯލާ އެކު އުފާ ފާޅުކުރަމުން ދަނިކޮށް، އަނެއްކާ ވެސް އަނބިމީހާ މެސީ އަށް މަލާމާތް ކުރަން ފެށުމުންނެވެ.

ކައިވެނި ރޫޅާލަން ޖެހުނު ހާދިސާއާ ބެހޭ ގޮތުން ރަޝިއާގެ ނޫހެއް ކަމަށްވާ އާގިއުމެންޓީ އައި ފެކްޓީ އަށް އާސެން ބުނީ ލުޑްމިލާއަކީ އޭނާ ސަޕޯޓްކުރާ ޓީމް ނޫން ބަޔަކަށް އެއްވެސް އިހުތިރާމެއް ނެތް މީހެއް ކަމަށެވެ. އެހެންވެ އެކަން ބަލައިގަންނަން ދަތިވާ ހިސާބަށް ދިޔައީ ކަމަށް ބުންޏެވެ.

"ވޯލްޑް ކަޕް ފެށުނު ހިސާބުން އަހަރެން ސަޕޯޓްކުރާ ޓީމަށާއި އަހަރެންގެ ފެވަރިޓް މެސީ އަށް އަންހެނުން ދިޔައީ މަލާމާތްކޮށް ޖޯކު ޖަހަމުން އަހަރެން ވަރަށް ކެތްކޮށްލައިގެން ހުރީ. އެކަމަކު ނައިޖީރިއާ މެޗް ބަލަން އަހަރެން ވަރަށް ފިކުރި ބޮޑުވެފައި އިންދައި އަންހެނުން މަލާމާތް ކުރީމަ ރުޅި ކޮންރޯލް ނުކުރެވިގެން ވަރިއާ ހިސާބަށް ދިޔައީ،" އާސެން ބުންޏެވެ.

އޭނާ ބުނީ ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށް ކަމަށާއި 14 އަހަރުވީ ކައިވެނި ރޫޅައިލަން ޖެހުމަކުން ދެރަ ވެސް ނުވާ ކަމަށެވެ. ވަރީގެ މައްސަލަ ރަޝިއާގެ ޗެލިއާބިންސްކް ސިލްވި ރެޖިސްޓްރީ އަށް ހުށަހެޅީ އާޖެންޓީނާ އާއި ނައިޖީރިއާ މެޗް ކުޅުނު ދުވަހު ފަހު ދުވަހު އެވެ.

އާސެން އާއި ލުޑްމިލާ ބައްދަލުވީ ވެސް ވޯލްޑް ކަޕެއްގެ ތެރެއިންނެވެ. އެއީ 2002 ގައި ކޮރެއާ/ޖަޕާންގައި ބޭއްވި ވޯލްޑް ކަޕުންނެވެ. އަދި ދެ މީހުންނަކީ ރަޝިއާގެ އެންމެ ވާދަވެރި ދެ ޓީމަށް ސަޕޯޓް ކުރާ ދެ މީހުންނެވެ.

އާސެންގެ ޓީމަކީ ސްޕާޓެކް މޮސްކޯ އެވެ. އަދި ލުޑްމިލާ ސަޕޯޓް ކުރާ ޓީމަކީ ސީއެސްކޭއޭ މޮސްކޯ އެވެ.