08 ޖުލައި 2018 - 11:33

ޕިއޮންޔަން (ޖުލައި 8) - ނިއުކްލިއާ ހަތިޔާރު ނައްތާލުމުގައި އެމެރިކާގެ ޓެކްޓިކްސް ހުރީ ގޭންގްސްޓާރުން ގޮތަށް ކަމަށް ނޯތު ކޮރެއާ އިން ބުނެފި އެވެ.
ނޯތު ކޮރެއާގެ ފޮރިން މިނިސްޓްރީން މިހެން ބުނެފައި ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯއާ އެކު މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވާފައި ވަނިކޮށެވެ. ޕޮމްޕެއޯ ވިދާޅުވެފައި ވަނީ ނޯތު ކޮރެއާއާ އެކު ބޭއްވި މަޝްވަރާތަކުން ކުރިއެރުން ލިބުނު ކަމަށެވެ. މިއީ ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ އެކު ރައީސް ޑޮނަލްޑް ޓްރަމްޕް ބޭއްވި ސަމިޓަށް ފަހު ޕޮމްޕެއޯ ނޯތު ކޮރެއާ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ޕޮމްޕެއޯގެ މި ދަތުރުގެ ބޭނުމަކީ ސަމިޓުގައި ދެ ލީޑަރުން އެއްބަސްވި ގޮތަށް ނޯތު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ މަސައްކަތް ހަލުވި ކުރުމެވެ. ނަމަވެސް ނޯތު ކޮރެއާ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަމިޓުގެ ރޫހާ ޚިލާފަށް އެމެރިކާ އިން އަމަލު ކުރަމުންދާ ކަމަށެވެ.
"އެމެރިކާ އިން ވެސް ބިނާކުރަނިވި ޚިޔާލުތަކަކައިގެން އަންނާނެ ކަމަށް އުއްމީދު ކުރިން. އެކަމަކު އެމެރިކާގެ ޚިޔާލު ހުރީ ގޭންގްސްޓާރުންގެ ވިސްނުމާ އެއްގޮތަށް،" ބަޔާނުގައި ބުނެފައިވެ އެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ވިދާޅުވީ ނޯތު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ މަސައްކަތަށް އިސްކަން ދިނުމުގައި ޕޮމްޕެއޯ ހުންނެވީ ވަރަށް ހަރުދަނާ ވިސްނުމެއްގައި ކަމަށެވެ.