31 ޖުލައި 2016 - 10:55

މެންޗެސްޓާ (ޖުލައި 31) - މެންޗެސްޓާ ޔުނައިޓެޑަށް ޒަލަޓާން އިބްރަހިމޮވިޗް ކުޅުނު ފުރަތަމަ މެޗުގައި، ރޭ ތުރުކީގެ ގަލަތަސަރާއީ ކޮޅަށް ގޯލް ޖަހައިދީފައިވާއިރު އޭނާ ބުނަނީ ކުރިއަށް އޮތީ ބޮޑު ސީޒަނެއް ކަމަށާއި އުއްމީދުތައް ހުރީ މަތީގައި ކަމަށެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ސެންޓަ ފޯވާޑް ކަމަށްވާ އިބްރަހިމޮވިޗް ވަނީ މިހާތަނަށް އޭނާ ކުޅުނު ކޮންމެ ޓީމަކާ އެކު ލީގު ކާމިޔާބުކޮށްފަ އެވެ. ނެދަލެންޑްސް ލީގާއި ސްޕެނިޝް ލީގާއި އިޓާލިއަން ލީގުގައި ކުޅެފައިވާއިރު، އޭނާ ވަނީ ކޮންމެ ލީގެއްގައި ވެސް އެންމެ މަތީ ފަންތީގައި ކުޅެވިދާނެކަން ސާބިތުކޮށްދީފަ އެވެ.
އޭނާ އައުމާ އެކު ޔުނައިޓެޑުގެ ސަޕޯޓަރުންނަށް ހިތްހަމަޖެހުން ލިބުނީ އެހެންވެ އެވެ. ރޭ ގަލަތަސަރާއީ އަތުން 5-2 އިން ޔުނައިޓެޑް މޮޅުވި މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި އޭނާ ޖެހި ގޯލާ އެކު އެ އުފާވެރިކަން ވަނީ އިތުރުވެފަ އެވެ. އޭނާ ކާމިޔާބުކުރީ ވެސް އާދައިގެ ގޯލެއް ނޫނެވެ. އެންޓޯނިއޯ ވެލެންސިއާ ނެގި ހުރަސް އޭރިއާ ތެރެއިން އިބްރަހިމޮވިޗް ގޯލަށް ވައްދާލީ، ބައިސިކަލް ކިކަކުންނެވެ.
"ބޮޑު ކަންތައްތަކެއް އެބަހުރި ކުރިއަށް. ވަރަށް ޝައުގުވެރި ސީޒަނަކަށް ވާނެ،" އިބްރަހިމޮވިޗް ބުންޏެވެ.
އޭނާ ބުނީ ޔުނައިޓެޑުން ގެންނަން މަސައްކަތްކުރާ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ އެ ޓީމާ ގުޅިއްޖެ ނަމަ، ވަރަށް ޝައުގުވެރި ސީޒަނަކަށް ވެގެންދާނެ ކަމަށެވެ.
"އަހަންނަށް ވެވޭ އެންމެ ބޮޑަކަށް ޓީމަށް އެހީވާނަން. އަހަންނަށް އެންމެ ރަނގަޅަށް ކުރެވޭ ކަންކަމުގައި އަހަރެން އެހީވާނަން އެއީ ގޯލް ޖެހުމާއި ގޯލް ޖަހަން މަގުފަހިކޮށްދިނުން،" އިބްރަހިމޮވިޗް ބުންޏެވެ.
އިބްރަހިމޮވިޗް ގޯލް ޖަހާފައިވަނިކޮށް ގަލަތަސަރާއީ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ޔުނައިޓެޑުން މެޗުން މޮޅުވީ ކެޕްޓަން ވޭން ރޫނީ ޖެހި ދެ ލަނޑާއި ހުއާން މަޓާ އަދި މައުރޯނޭ ފެލައިނީ ޖެހި ލަނޑުންނެވެ.